ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކްރިމިނަލައިޒް ކުރުމުގެ ވިސްނުމެއް ނެތް: އެމްއެމްއޭ
11 ނޮވެމްބަރު 2026 | ބުދަ 06:12ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ ސުޕަވިޒަން ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ ޕޯޓަލްއެއް ތައާރަފުކޮށް، އަންނަ މަހުން ފެށިގެން އެ ޕޯޓަލް މެދުވެރިކޮށް މުއާމަލާތްތަކުގެ ތަފުސީލު ހިއްސާކުރުން ވަނީ މަޖުބޫރުކޮށްފައި. މި ފިޔަވަޅާއެކު މަނީ ޗޭންޖަރުންގެ އަދަދު 51 އަށް މަދުކުރެވިފައިވާއިރު، މިއީ ބޭރު ފައިސާގެ ބާޒާރުގައި ހިނގާ މުއާމަލާތްތައް ދެނެގަނެ މާލީ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ބުނޭ


އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އާއިޝަތު އަސްނާ ހަމްދީ | ރާއްޖެ އެމްވީ
ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކްރިމިނަލައިޒް ކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަގުސަދެއް ނޫން ކަމަށާއި، އެ އޮތޯރިޓީގެ އަމާޒަކީ އެ ވިޔަފާރި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރެގިއުލޭޓު ކުރުން ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އާއިޝަތު އަސްނާ ހަމްދީ ވިދާޅުވެއްޖެ އެވެ.
އަސްނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ސުޕަވިޒަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކުރިން 200 އަށްވުރެ ގިނަ މަނީ ޗޭންޖަރުން ތިބި ނަމަވެސް، މިހާރު އެ އަދަދު 51 އަށް ތިރިކުރެވިފައިވާ ކަމަށާއި، މިއީ ސުޕަވިޒަން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގެ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި އެމްއެމްއޭއަށް ލިބެމުން ނުދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ހާއްސަ ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަމަށް އަސްނާ ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އިފްތިތާހުކުރި މި ޕޯޓަލްގެ ސަބަބުން، މަނީ ޗޭންޖަރުން ކުރާ މުއާމަލާތްތައް ފަސޭހައިން އޮޑިޓްކޮށް ބަލަންޖެހޭ ކަންކަން ބެލުމަށް މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުރިހާ މަނީ ޗޭންޖަރުން ވެސް އެމްއެމްއޭގެ މި ޕޯޓަލް މެދުވެރިކޮށް ޑޭޓާ ފޮނުވުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފަ އެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ހިނގާ މުއާމަލާތްތައް ދެނެގަނެ، މާލީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެ އިދާރާއިން ބުނެ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ބަދަލުތަކާއެކު ބޭރު ފައިސާގެ މުއާމަލާތްތައް ހިނގާ ގޮތް ވަގުތުން ބަލައިލުމުގެ ގާބިލުކަން އެ އޮތޯރިޓީއަށް ލިބިގެންދާނެ އެވެ. އަދި މިއީ ގަވާއިދާ ހިލާފަށް ހިންގާ މުއާމަލާތްތައް ހުއްޓުވުމަށާއި، އިގުތިސާދީ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރެ އެވެ.









