ބޭރުފައިސާގެ މުއާމަލާތްކުރާ ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
19 އޮކްޓޯބަރު 2026 | ހޯމަ 05:52މަނީ އެކްސްޗޭންޖިން ގަވާއިދާ ހިލާފުވުމާ ގުޅިގެން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖްގެ ލައިސަންސް ހިފަހައްޓައި، ފަސްލައްކަ ރުފިޔާއިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. މި ފިޔަވަޅަކީ ސުޕަވައިޒަރީ އުސޫލުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށާއި، ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައި


އެމްއެމްއޭ | ރާއްޖެ އެމްވީ
މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވެފައިވާތީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ލައިސަންސް ހިފަހައްޓައި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފައިވެ އެވެ.
މި ކުންފުންޏާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ފިޔަވަޅު އެޅީ ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖަރ ލައިސަންސްވެސް ހިފަހައްޓާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ
އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައިވެ އެވެ. މި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރަސްމީ ރިޒާވް ދަށަށް ދިއުމާ ގުޅިގެން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ބާޒާރު ހަމައަކަށް އެޅުވުމުގެ ގޮތުން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ވަނީ ބޮޑެތި އިސްލާޙުތަކެއް ގެނެސްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފަ އެވެ.
އައު ގަވާއިދުގައިވާ ގޮތުން، ކެޓެގަރީ 'އޭ' ގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކުން ކުރިން މަހު އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހުނު ނަމަވެސް، ދެން މާރުކުރަން ޖެހޭނީ އާމްދަނީގެ 40 އިންސައްތަ އެވެ. އަދި ފަތުރުވެރިކަން ނޫން އެހެން ދާއިރާތަކުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ކުރިން އަހަރަކު 15 މިލިއަން ޑޮލަރުން މަތީގެ ވިޔަފާރިތަކަށް އޮތް މިންގަނޑު މިހާރު ވަނީ 25 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. އެފަދަ ބޭރުގެ ވިޔަފާރިތަކުން ވެސް 40 އިންސައްތަ މާރުކުރަން ޖެހޭއިރު، ސައްތައިންސައްތަ ދިވެހި ކުންފުނިތަކަށް ލުއި ދިނުމުގެ ގޮތުން އެ ކުންފުނިތަކުން މާރުކުރަން ޖެހެނީ އާމްދަނީގެ އެންމެ 7 އިންސައްތަ އެވެ.
މީގެއިތުރުން، ކެޓެގަރީ 'ބީ' ގައި ހިމެނޭ ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 އެމެރިކާ ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.
ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ގެނެވުނު މި ބަދަލުތަކުގެ ދަށުން، ރަސްމީ ރޭޓަށް ވުރެ މަތިން ބޭރު ފައިސާ މާރުކުރުމަށް އެއްވެސް ފަރާތަކުން އިޝްތިހާރު ކުރުމާއި ކަޅު ބާޒާރުގެ ރޭޓުތައް އާންމުކޮށް ޝާއިއުކުރުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި މި ގަވާއިދާ ހިލާފުވާ އާންމު ފަރުދުން 500,000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް، އަދި ވިޔަފާރި ކުންފުނިތައް 5,000,000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފަ އެވެ.










