ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ
18 ސެޕްޓެމްބަރު 2026 | ހުކުރު 08:48އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން އެއްކޮށް ދައްކާ ޚަލާސްކޮށްފި. މި ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް، ޒަރޫރީ މުދާ އެތެރެކުރުމުގެ އިންތިޒާމުތައް ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައި

މިނިސްޓަރ ޙަސަން ޒަރީރު، "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ | ފިނޭންސް މިނިސްޓްރީ
މި މަސް ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ ދަށަށް ގޮސް، ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއަށް ދަށްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 643.8 މިލިއަން ޑޮލަރުގަ އެވެ. އަދި ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އިމްޕޯޓް ބިލް ހުރީ 339.26 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖޭގެ ރިޒާވް ދަށަށް ދިޔައިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 2019 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ދޫކުރި 150 މިލިއަން ޑޮލަރުގެ ލޯނު، ދިވެހި ސަރުކާރުން ބުރާސްފަތި ދުވަހު އެއްކޮށް ދައްކާ ވަނީ ނިންމާފަ އެވެ. މި ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހު އިންޑިއާއިން ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެމުން އައި މި ދަރަނި އެއްކޮށް ޚަލާސްކުރި ފަހަރެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކާ ނިމުނު ކަމުގައިވިޔަސް ތެލާއި، ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ފުރިހަމައަށް ކަށަވަރުކުރެވިފައި ކަމަށް މީސްމީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވި އެވެ.
އެސްބީއައި މެދުވެރިކޮށް ދޫކޮށްފައިވާ މި ޓްރެޜަރީ ބިލް (ޓީ-ބިލް) ދައްކަންޖެހޭ މުއްދަތު ހަމަވާން ހުސްވި ހަފުތާގަ އެވެ. މީގެ ކުރިން އިންޑިއާއިން ވަނީ މި ދަރަނި ދެއްކުން އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފަ އެވެ.
ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ކުއްލި ފިޔަވަޅެއްގެ ގޮތުން ދޫކުރި މި ލޯނުގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރެވެ. 2023 ވަނަ އަހަރުގެ ފަހުކޮޅު ވެރިކަމާ ހަވާލުވި މުޢިއްޒު ސަރުކާރުން މި ލޯނުގެ ފުރަތަމަ ޕޭމަންޓް ދައްކާފައިވަނީ ޖެނުއަރީ 2024 ގަ އެވެ.
މި ލޯނުގެ ޖުމްލަ އަދަދުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ ކަމަށާއި، އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް އިންޑިއާއިން ކުރިން ވަނީ ހާމަކޮށްފަ އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިމްޕޯޓް މުދަލުގެ މައްޗަށެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެ ރިޒާވް އަށް ބާރު ބޮޑުވެފައިވަނީ ސަރުކާރުގެ އިސްރާފް އިތުރުވެ، ޒިންމާދާރުކަމެއް ނެތި ޚަރަދުތައް ކުރަމުން ގެންދާތީ ކަމުގަ އެވެ.
އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމުގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކޮށްދިނީ މޭ 2024 ގަ އެވެ. އަދި ދެވަނަ ބިލުގެ މުއްދަތު ސެޕްޓެމްބަރު 2024 ގައި އިތުރުކޮށްދިނުމަށްފަހު، 2025 ވަނަ އަހަރުގެ ނިޔަލަށްވެސް މިގޮތަށް މުއްދަތު އިތުރުކޮށްދެމުން ގެންގޮސްފައިވެ އެވެ. ނަމަވެސް، މި އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ ޓީ-ބިލްގެ މުއްދަތު ހަމަވުމުގެ ކުރިން 50 މިލިއަން ޑޮލަރު ދައްކާފަ އެވެ. އެންމެ ފަހު ޕޭމަންޓް މިވަނީ ބުރާސްފަތި ދުވަހު ދައްކާ ޚަލާސްކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި މި އަހަރުގެ ދެވަނަ ކުއާޓަރުގައި 3.59 ބިލިއަން ޑޮލަރަށް ވަނީ ތިރިވެފަ އެވެ. މިއީ 2025 ވަނަ މާލީ އަހަރު ނިމުނުއިރު ހުރި 4.05 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.











