މަނީ ޗޭންޖަރުންގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި
6 ނޮވެމްބަރު 2026 | ހުކުރު 07:31މަނީ ޗޭންޖިންގ ވިޔަފާރިތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލްކޮށް ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭއިން ޚާއްސަ ސިސްޓަމެއް ވަނީ ތައާރަފުކޮށްފައި. މި ސިސްޓަމްގެ ސަބަބުން މުއާމަލާތްތައް ރިޕޯޓްކުރުމާއި ސުޕަވައިޒްކުރުން އަވަސްވެ، މާލީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ. އަދި ޑިސެމްބަރު 2026 އިން ފެށިގެން މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން މި ސިސްޓަމް ބޭނުންކުރުން ވަނީ މަޖުބޫރުކޮށްފައި


އެމްއެމްއޭގެ ހެޑް އޮފީސް | ރާއްޖެ އެމްވީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި އެވެ.
މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ.
އެމްއެމްއޭއިން ބުނީ، މިއީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވާނެ ކަމަށެވެ.
އަދި މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ވެސް ފަސޭހަވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެގޮތުން، މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެ އެވެ. މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.
1ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މި ސިސްޓަމެވެ.








