50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
16 ސެޕްޓެމްބަރު 2026 | ބުދަ 16:26އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް މަޖުބޫރުވުމާ ގުޅިގެން، ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށްދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި. މީގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިވެ، ރާއްޖޭގެ މާލީ ހާލަތާއި ކްރެޑިޓް ރޭޓިންއަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައި

ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު | ރައީސް އޮފީސް
އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް ދެއްކުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި، އެ ބޮންޑު ދެއްކުމަށް ދިވެހި ސަރުކާރަށް ވަނީ މަޖުބޫރުވެފައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިންޒާރު ދެއްވި ގޮތުގައި، މި ފައިސާ ދެއްކުމާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމް.އެމް.އޭ) ގައި ހުރި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް މާދަމާ (ބުރާސްފަތި) އިން ފެށިގެން ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"މީގެ ސަބަބުން، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލާއި، އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ، ސަރުކާރުގެ އަތުގައި އެކަށީގެންވާ މިންވަރަށް ނުހުންނާނެއެވެ." ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުު ލިބިފައިވާ ގޮތުގައި، ރައީސް ނަޝީދު ފާހަގަ ކުރައްވާ 50 މިލިއަން ޑޮލަރުގެ ބޮންޑުގެ މުއްދަތު ހަމަވުމާ ހަމަ އަށް ސަރުކާރުން އެ ފައިސާ އިންޑިއާ އަށް ދަށްކާފަ އެއް ނުވެ އެވެ.
އަވައްޓެރި އިންޑިއާ އަކީ ރާއްޖެ އަށް ގިނަ ގޮތް ގޮތުން އެހީތެރިވެދޭ ގައުމަކަށްވީ ނަމަވެސް އަދި މީގެ ކުރިން މިފަދަ ދަރަނިތައް އަދާކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައިދީފައިވީ ނަމަވެސް މިކަމުގައި ސަރުކާރަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނެތުމުން އެންމެ ގާތް އަވައްޓެރި ގައުމުތަކާ އެކު ސަރުކާރުން ބާއްވަން ޖެހޭ ގުޅުންތައް އެކަށީގެންވާ ގޮތެއްގައި ބޭއްވޭ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ރާއްޖޭގެ އެތެރެ އާ ބޭރުގެ ދަރަނި އިންތިހާ އަށް އިތުރުވެ، ތަކެތީގެ އަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ބޮޑު އަދަދެއްގެ ދަރަނި ބޭނުންކުރެވޭ ރިޒާވް އިން ދައްކަން ޖެހުން ވެގެންދާނީ، މާލީ ހީނަރުކަން އިތުރަށް ކުރިމަތިވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަށް އިތުރު ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.











