ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
9 ނޮވެމްބަރު 2026 | ހޯމަ 11:59ފަތުރުވެރިކަމުގެ މަންފާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރިސޯޓުތައް ތަރައްގީކޮށް، އެ ތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުގެ ހިއްސާދާރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ގާނޫނީ ގޮތުން ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި


ރައީސް ޑރ މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސް މުއިއްޒު، ހޯމަ ދުވަހު އުފައްދަވާފައިވާ ކަމަށެވެ. އެވެ. އަދި މިކުންފުނި އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ (ނަންބަރު 2026/19) ޤަރާރުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިއީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ބޭނުމުގައި ރައީސް އުފެއްދެއްވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ކުންފުންޏަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާގޮތަށް، ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށާއި، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމުގެ ބޭނުމުގައި އުފައްދަވާފައިވާ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވެފައި އެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމަށް ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.











