އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
9 ނޮވެމްބަރު 2026 | ހޯމަ 09:39އިމިގްރޭޝަންގެ ކަންކަން ހަރުދަނާކޮށް ވަކި މަދަނީ ޚިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން ވަނީ އެޖެންޑާކޮށްފައި. މި ބިލުގައި އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ އިތުރުން، ޑުއަލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކާ މެދު އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވަނީ ހިމަނާފައި


އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިދުމަތް ދެނީ | ޕީއެސްއެމް
އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އަށް އެތެރެވުން މުތުލަގަށް މަނާކުރުން ހިމަނައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަ ކިޔުން އިއްވުން، ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.
ބިލު ހުށައެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ގާއިމުކޮށް އެ ޚިދުމަތް ހިންގުމާއިގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖެއަށް މީހުން އައުމާއި، މީހުން ފުރުމާއި ގުޅޭ ޚާއްސަ އަދި އާންމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖެ އިން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
މީގެ އިތުރުން ބިދޭސީން ހިރާއްޖެއަށް އައުމާއި، ހުރުމުގެ ހުއްދަ ދިނުމާއިގުޅޭ އުސޫލުތަކާއި، ރާއްޖެއަށް އައުމުގެ ނުވަތަ ހުރުމުގެ ހުއްދަނެތް ފަރާތްތަކާ މެދު އަމަލުކުރެވޭނެ އުސޫލުތައް ހިމެނޭގޮތުން އިމިގްރޭޝަނާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައަޅައި ބަޔާން ކުރުމަކީ ވެސް ބިލުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މި ބިލުގައި ވަނީ ރާއްޖެ އަށް އައުމުގެ ހުއްދަ ނުދެވޭ މީހުންގެ ތަފްސީލުތައް ހިމަނާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި، އެއީ ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުންގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން ހިމެނެ އެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނުން ލިސްޓުކޮށްފައިވާ މީހުންނާއި އެހެން ގައުމެއްގެ އަދުލު އިންސާފަށް ނުވަތަ ތަހުގީގަށް ފިލައިގެން އުޅޭ މީހުންނާއި ރާއްޖެ އަށް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.
އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އަށް އައުމުގެ ހުއްދަ، މުތުލަގަށް ނުދެވޭ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވާއިރު މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް، ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ދެން ރާއްޖެ އައުން މަނާވާނެ އެވެ.
އެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލު ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންގެ ކަންކަން ވެސް ބަލާނެ އިމިގްރޭޝަނުން ބަލާނެ ކަމަށެވެ.
ޑުއަލް ޕާސްޕޯޓު ކަންތަކުގައި ރާއްޖެ އެކަންޏެއް ނޫން ދުނިޔޭގެ ކޮންމެ ތާކު ވެސް އިމިގްރޭޝަންގައި އެ އޮންނަ ސްޓެންޑަޑްތަކަކުން ބަލަން ޖެހޭ ކަންކަން ބަލައިގެން ގައުމުތަކަށް ރައްޔިތުން އެތެރެވަނީ. އެއާ ޚިލާފަށް ރެއަލް އެސްޓޭޓް ބިލުގައި މި ބަޔާންކުރަނީ އެއަށްވުރެ ވެސް ތަފުސީލުކޮށް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް، އިސްރާއީލްގެ އެއްވެސް ކުންފުންޏަކަށް ވެސް، ފުރުސަތެއް ނެތް ވާހަކަ، އެއީ ކުރެވިދާނެ ކަމެއްރައީސް ޑރ. މުހައްމަދު މުއިއްޒު
މި ބިލުގައި ވަނީ އިމިގްރޭޝަން އޮފީސް ތަރައްގީ ކުރުމާއި، މުވައްޒަފުން ތަމްރީން ކުރުމުގެ ކަންކަމުގެ އިތުރުން ޚިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި އިމިގްރޭޝަންގެ އުސޫލުތަކާއި އިޖުރާއަތުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން ވެސް ހިމަނާފަ އެވެ.











