ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް، ރައީސް މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ގައުމީ ނިދާ: ޑރ. ޖަމީލު
9 ނޮވެމްބަރު 2026 | ހޯމަ 08:43ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް ބިން މިލްކުވާ ގޮތަށް ދިނުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ރައްޔިތުންގެ ރުހުމެއް ނެތި ގައުމުގެ ސިޔާދަތީ ބާރު ގެއްލޭ ގޮތަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަކީ ގައުމަށް ވީ ޚިޔާނާތެއް ކަމަށާއި، މި މައްސަލައިގައި ރައީސް މުއިއްޒު ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި


ރާއްޖެޓީވީގެ ޕްރޮގްރާމްގެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން މިލްކުވާ ގޮތަށް ދިނުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ދިވެހި ގައުމުގެ މިއަދުގެ ނިދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ، ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާމެދު ދިވެހި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒަށް އޮތް ހަމައެކަނި މަގަކީ ވެސް ވޯޓަކަށް ނުދިއުން ކަމަށާއި، ރަސްމާލެ ޣައިރު މުސްލިމުންނަށް ވިއްކާލަން ދިވެހި ރައްޔިތުންގެ ރުހުން ނުލިބޭނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ގައުމުގައި ފަހުބަސް އިއްވާ ފަރާތަކީ ތިމަންނާ ކަމަށް ރައީސް މުއިއްޒު ހީފުޅުކުރެއްވުމަކީ ބޮޑު ކުށްހީއެއް ކަމަށާއި، މި ނިންމުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ބިން ބޭރު ފަރާތްތަކަށް އެގޮތަށް މިލްކުވާނެ އެއްވެސް ގޮތެއް ނޯންނާނެކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވަނީ، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ދިވެހި ގައުމު ބޭރު ފަރާތްތަކަށް ވިއްކުމަށް ސަރުކާރުން ހުއްޖަތް ހޯދީ ކޮންތަނަކުންތޯ ސުވާލު އުފައްދަވާފަ އެވެ. މީގެއިތުރުން، ދިވެހި ގައުމުގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް ބޭރު މީހުން ވަޒަންވެރިކުރުމަށް ޖާގަ ހޯދީ ކޮން އުސޫލަކުންތޯ ވެސް ޑރ. ޖަމީލު އެއްސެވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ، ދިވެހި ގައުމިއްޔަތާއި އިސްލާމީ ވަޙްދަތު ގެއްލޭގޮތަށް ޣައިރު މުސްލިމުންނާއި ޔަހޫދީންނަށް ދިވެހި ބިން މިލްކުކޮށް ވަޒަންވެރި ކުރުމަކީ ގައުމިއްޔަތާއި އިސްތިގުލާލު ގެއްލުވާލުން ކަމަށެވެ. އަދި "ދިވެހިންގެ ރާއްޖެ" ނަމުގައި ވެރިކަމަށް އައިސް، ރައީސް މުއިއްޒާއި ޕީއެންސީގެ މަޖިލިސް މެންބަރުން ގައުމިއްޔަތާއި ސިޔާދަތު ވިއްކާލައި، ރައްޔިތުންނަށް ޣައްދާރުވެފައިވާކަން މިހާރު ސާބިތުވެފައިވާ ކަމަށް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ދައުލަތުގެ އެންމެހައި ބާރުތައް ދީފައިވަނީ ރައްޔިތުންނަށް ކަމަށްވާއިރު، ރައްޔިތުންނާ މަޝްވަރާނުކޮށް މިފަދަ ކަންކަން ރައީސް އަމިއްލަފުޅަށް ނިންމެވުމަކީ ގާނޫނުއަސާސީގެ އެންމެ ބޮޑު ކުށަށް އަރައިގަތުން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒާ ގާނޫނު އަރާހަމަކުރުމަކީ ދިވެހި ގައުމުގެ މިއަދުގެ ނިދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.











