ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
9 ނޮވެމްބަރު 2026 | ހޯމަ 07:57ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް ބިލުގެ ދަށުން ދައުލަތުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެ ކަމަށާއި، މި މަޝްރޫއަކީ އާންމު ވޯޓަކަށް ދާންޖެހޭ ފަދަ ކަމެއް ނޫން ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރާއްޖެ ޓީވީ
ރަސްމާލެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ރެފަރެންޑަމެއް ނުވަތަ އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، މިކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރެފަރެންޑަމެއް ނެގުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ، މި މަޝްރޫއާ ގުޅިގެން ރެފަރެންޑަމެއް ނުނަގާނެ ކަމަށެވެ.
ރެފަރެންޑަމެއް ނުނަގާނެ ސަބަބެއް ކަމަށް ރައީސް ފާހަގަކުރެއްވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓު ބިލުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމެވެ. ރައީސް ވިދާޅުވީ މި މަޝްރޫއަކީ ރެފަރެންޑަމެއް ނަގަންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތްކުރެވިގެންދާނެ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ރާއްޖޭގައި ކަންކަން ބައްޓަންކުރެވިފައި ހުންނަ ގޮތްތަކަށް ރިއާޔަތްކޮށްގެން ހުރިހާ ކަމެއްވެސް ފަރުމާކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި ފާޑުކިޔަމުންނެވެ. ހާއްސަކޮށް މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް އޮތުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.











