އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު
9 ނޮވެމްބަރު 2026 | ހޯމަ 07:32ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފެށޭނީ ރިއަލް އެސްޓޭޓް ބިލު ފާސްވުމުން ކަމަށާއި، ސިއްރިއްޔާތުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވެއްޖެ. މީގެ އިތުރުން މާލެ ސަރަހައްދާއި އަތޮޅުތެރޭގެ 13 ރަށެއްގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ރަސްމާލެ މަޝްރޫއާ ގުޅިގެން ނޮވެމްބަރު 11 ގައި ސިއްރިޔާތުގައި އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ކިޔާ ކަމަށާއި އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގަ އޮތް ހުސް ބިމުގައި 5،000 ހައުސިންގ ޔުނިޓު އެޅިގެން ދާނެ ކަމަށެވެ. އެއީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ރިއަލް އެސްޓޭޓުގެ ބިލު ފާސްވެ ގާނޫނަކަށް ވެގެން ދިޔުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެ ބިލުގެ މަސައްކަތް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މަސައްކަތް ފެށިގެންދާނީ އެ ބިލު ގާނޫނަކަށް ވުމުން ކަމަށް އެހެން ނަމަވެސް ސިއްރިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އަޅުގަނޑަށް އެބަ ފާހަގަަވޭ އިދިކޮޅު ފަރާތްތަކުން އެބަ ކިޔާ ނޮވެމްބަރ 11 ގައި ސިއްރިޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ އޭ. އެކަހަލަ ވާހަތަކެއް މި ދައްކަނީ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ. އެއްވެސް ވަރަކަށް އަޅުގަނޑުމެން ތެރޭ މަޝްވަރާވެސް ކުރެވުނު ކަމެއް ނޫން އެއީ. ނޮވެމްބަރު 11، ނޫނީ ވަކި ތާރީޚެއް ކަނޑައަޅައިގެން ސޮއި ކުރުމަށް. އެހެންވީމާ މިކަހަލަ ޚިޔާލީ ފޮލާތަކެއްގައި އިދިކޮޅު ފަރާތްތަކުން މި އުޅެނީ. ޚިޔާލީ ދުނިޔެ އެއްގަ އިދިކޮޅު ފަރާތްތަކުން އުޅެނީ. ހަގީގީ ދުނިޔޭގައި ސަރުކާރު ރައްޔިތުންނާ އެކު މިތިބީ. އެއީ މިއަދުގެ ހަގީގަތަކީރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ރަސްމާލޭގަ ކުރާ އިންވެސްޓްމަންޓްގެ ވެސް ކުރިން ހުޅުމާލޭގަ އަޅާ ޔުނިޓްތަކާ ގުޅޭ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. އަދި ހުޅުމާލެ އާއި ވިލިމާލޭގައި ބީއެމްއެލްގެ އެފޯޑަބަލް ސްކީމްގެ ތެރެއިން ގާތްގަނޑަކަށް 4،000 އެއްހާ ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް 1،000 އެއްހާ ޔުނިޓު ހަދަން ހަވާލު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އުއްމީދަކީ އޭގެ އިތުރުން ބޭރުގެ ބައިލެޓެރަލް ފަންޑުގެ ތެރެއިން ވެސް މާލެ ސަރަހައްދުގައި އިތުރަށް ހައުސިންގ ޔުނިޓުތައް އެޅިގެންދާ ކަމަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ މަސައްކަތްތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މަޝްރޫއުތައް ހިނގާ ކަމަށާ އެގޮތުން ބީއެމްއެލް ފައިނޭންސް އިން އެކަނި ވެސް 13 ރަށެއްގައި ގާތްގަނޑަކަށް 1300 ވަރަކަށް ޔުނިޓްގެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.











