އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"
8 ނޮވެމްބަރު 2026 | އާދީއްތަ 11:50އާރުޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ދުރާލާ މަޝްވަރާކުރެވިފައި ނުވާތީ، އެކަން ކުރިއަށްދާނެ ސީދާ މިސްރާބެއް ދެ ކުންފުނީގެ މެނޭޖްމަންޓަށް ވެސް ސާފުނުވާކަން ލީކުވި އޯޑިއޯއަކުން ހާމަވެއްޖެ. ކުންފުނި "ރައިޓް ސައިޒް" ކުރުމުގެ ތެރެއިން 1،000 އެއްހާ މުވައްޒަފުން މަދުކުރަން ނިންމާފައިވީ ނަމަވެސް، އެއްވެސް މުވައްޒަފަކު މަގުމަތި ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށް އާރުޑީސީގެ އެމްޑީ ވިދާޅުވި


އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ | ރާއްޖެއެމްވީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެއްކޮށްލަން ސަރުކާރުން ނިންމެވި ނިންމެވުމުގެ ބަދަލު ސީދާ ގެންނާނެ ގޮތުގެ މިސްރާބެއް އެއްވެސް ފަރާތަކަށް ސާފުނުވާކަން އާރުޑީސީގެ މެނޭޖްމަންޓް ބައްދަލުވުމެއްގެ ލީކުވި އޯޑިއޯއަކުން ހާމަވެއްޖެ އެވެ.
އާރުޑީސީގެ މި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވެފައިވަނީ، މި ބަދަލަކީ އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރަށް ވެސް އެއްވެސް ވަރަކަށް އެނގިވަޑައިނުގެން ނުވަތަ މައުލޫމާތު ލިބިވަޑައިނުގެން އައި ބަދަލެއް ކަމަށެވެ. އަދި މި ބަދަލު އައީ ކިހިނެއް، ކޮން ސަބަބަކާ ހުރެ ކަން ވެސް އޭނާއަށް ސާފުވެފައިނުވާ ކަމަށެވެ.
މި ބަދަލާ ގުޅޭގޮތުން ކަމާބެހޭ އިސް ފަރާތްތަކުގެ މެދުގައި ދުރާލާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށާއި، މި ނިންމުމުގެ ސަބަބުން ކަންކަން ދާން އުޅޭ މިސްރާބެއް އަދި ސީދާ ވާން އުޅޭ ގޮތެއް އެއްވެސް ފަރާތަކަށް ސާފުނުވާ ކަމަށް ވެސް އެ އޯޑިއޯގައި ނަޒީމް ވިދާޅުވެ އެވެ.
އެހެންކަމުން މި ބަދަލު ކުރިއަށްދާނެ ސީދާ ގޮތެއް އެއްވެސް ފަރާތަކާ މަޝްވަރާކުރެވިފައި ނުވާތީ، ދެ ކުންފުނީގެ ވެރިންނަށް ވެސް މިކަމުގައި ދާން އުޅޭ މިސްރާބެއް މި ވަގުތު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އަޅުގަނޑު އިއްޔެގެ ވާހަކައަކީ އެމްޓީސީސީ އެމްޑީގައި ވެސް ހަމަ ހީ ހޭޒް ނޯ ކްލޫ އަސްލުގައި މީ މި ބަދަލަކީ ކިހިނެއް އައި އެއްޗެއް ކަމެއް ވެސް ދެން. މީ އިއްޔެގައި އަޅުގަނޑާ މީޓުވެސް ވި އަނެއްކާ ހަމަ އެ އިއުލާނުކުރެވުނު ގޮތަށް އަޅުގަނޑަށް ގުޅަން ވެސް ގުޅުއްވި ދެން މީ މީޓު ވެސް ވީން އިއްޔެގައި އަނޭ މީ ޕާޓީ އޮފީސް ތެރޭގައި އޮތް މީޓިންއަކުން. ހަމަ އިޓްސް ލައިކް ހަމަ ވީ ބޯތު އޮލްސޯ ނޯ ޑޯންޓް ނޯ އަސްލުގައި މި ދާން އުޅޭ މިސްރާބެއް ހަގީގަތުގައި. ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް އަނެއް ސީދާ ވާން އުޅޭ ގޮތެއްއިބްރާހީމް ނަޒީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިގޮތަށް ނިންމެވި ނަމަވެސް، މި ޕްރޮސެސް ކުރިއަށްދާނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ކަމަށާއި، މި ވަގުތު ފިނޭންސް މިނިސްޓަރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އިތުރު ތަފުސީލެއް އަދި ލިބިފައި ނުވާ ކަމަށް އޯޑިއޯގައި ނަޒީމް ވިދާޅުވެ އެވެ. އަދި މި ޓްރާންސިޝަން މަރުހަލާ ފުރިހަމަކުރުމަށް އެންމެ އަވަސްވެގެން ވެސް ތިން މަހާއި ހަ މަސް ދުވަސް، ނުވަތަ ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ފަހަރުގައި އެމްޓީސީސީގެ ސަބްސިޑިއަރީ ކުންފުންޏަކަށް އާރުޑީސީ ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނަޒީމް ވިދާޅުވެފައިވެ އެވެ.
މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވީ، ކުންފުނިތައް އެއްކޮށްލި ނަމަވެސް އެއްވެސް މުވައްޒަފަކު މަގުމަތި ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި އާރުޑީސީގައި ތިބި 3،500 މުވައްޒަފުންގެ ތެރެއިން އެމްޓީސީސީ އަށް ގެންދާނީ 600 މުވައްޒަފުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން، ކުންފުނީގެ ޕޭރޯލް 47 މިލިއަނުން 35 މިލިއަނަށް ކުޑަކުރުމަށްޓަކައި ގާތްގަނޑަކަށް 1،000 އެއްހާ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
އޭގެ އިތުރުން އިންތިޚާބުތަކާ ދިމާކޮށް އިތުރަށް މުވައްޒަފުން ނަގާފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ކުންފުނި ރައިޓް ސައިޒް ކުރާއިރު އެކަންކަމަށް ބަލާނެ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ.
އާރުޑީސީ މި ހާލަތަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުން ފެނަކައާއި އާރުޑީސީ ބޮޑު ދަރަންޏަކަށް ވައްޓާލާފައި އޮތުމުން ކަމަށާއި، މި ކުންފުނީގެ މައްސަލަތަކުގެ 80 ޕަސެންޓަކީ މާލީ ތާށިކަން ކަމަށް އޯޑިއޯގައި ބަޔާންކޮށްފައިވެ އެވެ. އާރުޑީސީން ގާތްގަނޑަކަށް 10 ނުވަތަ 11 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގައި ސޮއިކޮށްފައި ވީނަމަވެސް، މި ހުރިހާ މަޝްރޫއެއް ނިމޭއިރު ވެސް އޮތް ބޮޑު ދަރަންޏާއެކު ކުންފުނި ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށާއި، ކުންފުނީގެ އޮޑިޓް ރިޕޯޓްތައް ވެސް ރަނގަޅަށް ނިންމިފައި ނެތުމުން ލޯނެއް ލިބޭނެ މަގެއް ވެސް ނެތް ކަމަށް ނަޒީމް ފާހަގަކުރެއްވި އެވެ.
މި ބަދަލުތައް އައި ނަމަވެސް، މިހާރު ރަށްރަށުގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލުމަށް ސަރުކާރުން އަންގާފައި ނުވާތީ، މުވައްޒަފުން ކަންބޮޑުނުވެ އާންމު އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މުޅި އޯޑިއޯގައި ވެސް ނަޒީމް އެންމެ ބޮޑަށް ދައްކަވާފައިވާ އެއް ވާހަކައަކީ ކުންފުނީގެ ކަންކަން ކުރިއަށް ދާނެ ގޮތެއް އެނގިވަޑައިނުގަންނަވާތީ އެކަމުގެ ވާހަކަ އެވެ. އަދި މުވައްޒަފުންނާ މެދު އަމަލު ކުރާނެ ގޮތް ވެސް ޔަގީންވެފައިނުވާ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ.











