ކިޔާ ލަވައަކުން، ޓީވީއަކުން ދައްކާ ވާހަކައަކުން، ކުރަހާ ކުރެހުމަކުން، ނުވަތަ ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓެއްގައިވެސް މީހަކާބެހޭ ގޮތުން ދޮގެއް ހަދައިފިނަމަ އަބުރާ ބެހުނުކަމަށް ބެލެވޭނެ: ރައީސް
9 ނޮވެމްބަރު 2026 | ހޯމަ 07:30މީޑިއާތަކާއި ސޯޝަލް މީޑިއާ ހިމެނޭހެން، ދޮގު މައުލޫމާތު ފަތުރައިގެން މީހެއްގެ އަބުރަށް އަރައިގަތުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފައި. މި ބިލުގެ ދަށުން އަބުރާ ބެހުމުގެ ދައުވާ ސާބިތުވާ ފަރާތްތަކުން 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ބަދަލު ނަގައިދެވޭނެ

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު | ރާއްޖެ ޓީވީ
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތަކެއް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަން ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ބްރޯޑްކާސްޓުކުރާ މީޑިއާތަކަށްވެސް މި ޤާނޫނު ހިނގާނެ އެވެ.
މި ބިލާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކިޔާ ލަވައަކުންވެސް، ޓީވީއަކުން ދައްކާ ޚަބަރަކުންވެސް، ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓަކުންވެސް މީހަކާބެހޭ ގޮތުން ދޮގެއް ހަދައިފިނަމަ އަބުރާބެހުނުކަމަށް ބެލެވޭނެ ކަމަށެވެ.
އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ހިމަނާފައިވާ މި ބިލުގައި އަބުރާ ބެހުން މާނަކޮށްފައިވަނީ ދައްކާ ވާހަކައަކުން ނުވަތަ ދޭ މައުލޫމާތަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ އިންޓަނެޓާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭ މައުލޫމާތު މެދުވެރިކޮށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން އެ ބަސް ނިސްބަތްވާ ފަރާތަކަށް ކުރަމުން އައި އިހުތިރާމު ގެއްލި، އެ ފަރާތާ މެދު މުޖުތަމައުގައި ނަފުރަތު އުފެދޭ ގޮތް މެދުވެރިވުމަށެވެ.
އަބުރާ ބެހުމުގެ ދައުވާއެއް އެއް އަހަރު ހަމަވުމުގެ ކުރިން އުފުލަންޖެހޭނެކަމަށް މި ބިލުގައި އޮވެ އެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭ ގޮތެއް ނިންމަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައިވާ ނަމަ އެ ބަހެއް ނުވަތަ މައުލޫމާތެއް އަބުރާ ބެހެވޭ ފަރާތަށް ނިސްބަތްވާނެ ކަމަށް ބެލެވޭނެ އެވެ. އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައި ނެތް ނަމަވެސް މައުލޫމާތު ދިނުމުގައި އެ ފަރާތަށް އިޝާރާތްކުރެވޭކަން ގަބޫލުކުރެވޭނަމަ އެ ބަހެއް ނިސްބަތްވަނީ އެ ފަރާތަށް ކަމަށް ބެލެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އަބުރާބެހުނު ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވާނަމަ، އަދި އެކަން ސާބިތުވާނަމަ ކޯޓުން ބަދަލު ނަގައިދޭން ވާނެ ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.











