މުއިއްޒުގެ ސިނގު ރުޅިގަނޑުން އެތައްހާސް ވާހަކައެއް
29 ނޮވެމްބަރު 2026 | އާދީއްތަ 12:42ހއ. ވަށަފަރުގެ ބައި-އިލެކްޝަނުން ސަރުކާރުގެ ކެނޑިޑޭޓް ބަލިވުމާ ގުޅިގެން، ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުންތަކެއް ވަޒީފާއިން ވަކިކުރެއްވުމަކީ ސިޔާސީ ނުފޫޒާއި އަމިއްލަ އެދުން އިސްކުރެއްވުން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. މި ނިންމުމަކީ އިންތިޚާބުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމާ ޚިލާފު، އަދި ސިޔާސީ މުވައްޒަފުންނަށް ދެވުނު ބިރުވެރި އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ


ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ | މިހާރު
ކެތްތެރިކަން ކޮޅުން ލާފަހަރު ވެސް އާދެ އެވެ. އަންނަ ރުޅީގައި އަތުން ފައިން ގޯސް ވެސް ހަދާއުޅެ އެވެ. ސިނގުރުޅީގައި މީހާ ހަމައިން ވެސް ނައްޓަ އެވެ. ކަންކަން ބޭނުންވުމުންނެވެ. ބޭނުންވާ ކަމެއް ނުވުމުންނެވެ. ކަމެއް ހާސިލު ނުވުމުންނެވެ. އެހެން މީހުންނަށް ދައްކާށެވެ. ލޯބީގެ ހައްގުގަ އެވެ. ލޯތްބެއްގެ އެދުމުގަ އެވެ. ލޯތްބެއް ބީވެދާނެތީ އެވެ. ހަމަ އެ ބީދައިން ލޯބިވާ މީހަކު ހިތްހަމަ ނުޖެހިދާނެތީ އެމީހާ ރުއްސާށެވެ. އެފަދަ ހާލަތްތަކުގައި ބައެއް މީހަކު ކަމެއް ކުރާކަށް ލަހެއްފަހެއް ނުވެ އެވެ. ބަސްބުނާހިނދުން ކަންކޮށް ނިންމާލަ އެވެ. ދެން ވެދާނެ ގޮތަކާމެދު ފިކުރު ވެސް ހިންގާލުމެއް ނެތި އެވެ. ބައެއް ފަހަރަށް ގުޅުން ކަނޑާލަނީ އެންމެ ގާތް އެކުވެރިޔާއާ އެވެ. ދުރުކޮށްލެވެނީ ތިމާގެ މީހާ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަނާތުން ޖަހާ ބުރިކޮށްލެވެނީ ވާއަތެވެ.
ހަނދާނަށް އަންނަނީ ނައިފަރު ދޮހޮއްކޮގެ މަޝްހޫރު ލަވައެއްގެ މަތިންނެވެ. "އެދޭނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން. އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" ނެވެ.
ހިތާމައަކީ އެ ހިތްވަރު ނެތުމެވެ. އެ ހިތްވަރު ދެއްކޭވަރަށްވުރެ އެހެން މީހެއްގެ ނުފޫޒު ގަދަވުމެވެ. އެހެންކަމެއްގެ ބާރު ތިމާ މީހާ ވަށާލުމެވެ. ކަން އޮތީ އެހެން ނަމަވެސް އެއާ އިދިކޮޅަށް ކަންކުރަން މަޖުބޫރުވެ ވަގުތުން ވަގުތަށް ގޮތް ނިންމާލުމެވެ.
އާދައިގެ އިންތިޚަބެއްގައި އެހާމެ އާދައިގެ ގޮނޑިގަނޑެއް ނުލިބިގެން އެފަދަ ކަމެއް ކުރިތަން ފެނިގެން އެ ދިޔައި މާދުރަކުން ނޫނެވެ. އެންމެންގެ ވަލިއްޔުލް އަމުރުގެ ކިބައިންނެވެ. ނަމޫނާއަކަށް ދެކިގެން އެމީހެއްގެ ބޯކޮޅު ބަލަމުން އަންނަ މީހާގެ ފަރާތުންނެވެ. ރައީސް މުއިއްޒުގެ ފަރާތުންނެވެ.
ބައްޕާފުޅު ނިސްބަތްވެ ވަޑައިގަންނަވާ ރަށުން އާއިލާގެ އެތައް ބަޔަކު ހިމެނޭ ހއ. ވަށަފަރުގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެއް ކާމިޔާބުނުވެގެން ކޯފާ އިސްވެ އެކުރެއްވި ކަމެއް އެ ކުރެއްވީ ސީދާ ރައީސް މުއިއްޒު އެވެ. އާއިލީ އެތައް ބަޔަކު ހިމެނޭ އެ ރަށުން މުއިއްޒަށް ވޯޓު ނުދީގެންނެވެ. އާރާއި ބާރާއި ފައިސާގެ ނުފޫޒާއި ވަޒީފާގެ ދަޅައާއި އާއިލާ ބިކަވެދާނެ ކަމުގެ އިންޒާރުގެ އިތުރުން ގަދަބަދަވިކަމުން ފުރިގެންވީ ބޮޑު ސިންގާ ސަރުކާރަކާ ދެކޮޅަށް އާދައިގެ މަންޖެ ގަނޑަކު ނުކުމެ އިންތިޚާބު ކާމިޔާބު ކުރީތީ އެވެ. އަމިއްލަ ކެނޑިޑޭޓަކު ގިނިކަންޏާ ނުކުމެ އެއްލައްކަ މީހުންގެ ޕީއެންސީ ތަޅާ ބަލީކުރީތީ އެވެ.
އިސާހިތަކު އިންތިޚާބަކުން ބަލިވީމާ ރައީސް މުއިއްޒު، އެ ކޯފާ އިސްކުރެއްވީކީ އަމަށަކު ވަރަކަށް ނޫނެވެ. ހިނދުން ހިނދަށް އެކަނޑާ ގެއަށް ފޮނުވާލީ ސަރުކާރުގައި ތިބި އާއިލީ މީހުންކޮޅެވެ. އެމީހުންނަށް ވެދާނެ ގޮތަކާމެދު ޚިޔާލެއް ފިކުރެއް ކޮށްލުމެއް ނެތި އެވެ.
ބައެއް މީހުން ބުނެއުޅެ އެވެ. އެތެރެ ކޮއިލުގެ ގުޖަޑު ބޮޑުވި އެވެ. އެންމެ އެތެރެއިންނެވެ. ސީދާ ދިރިއުޅުއްވާ މުލިއާގެ ތެރެއިންނެވެ. ޕާޓީގެ އިސް ސަފަށްވުރެ ބާރުގަދަ ބަސްބުނާ ފަށުގައި ހުރި އެހެން މީހެއްގެ އޯޑަރު އައީ އެވެ. އެއަށް ކެތްކޮށް ނުލެވުނީ އެވެ. މަތިން އެއައި އޯޑަރަށް ނުކިޔަމަންތެރިކަން ދައްކަން ކެރިވަޑައިނުގަތީ އެވެ. ލޯބިވާ މީހެއްގެ ލޯބީގެ ހައްގުގައި ލޯބިވާ ތިމާގެ ބަޔަކު ގުރުބާންކުރެއްވި އެވެ.
އެކަމުން ހާމަވާ އަދި އެހެން ކަމެއް ވެސް އެބައޮތެވެ. ރައީސްގެ ނިންމެވުމަކީ ބިރުހުރި އެއްޗެއް ކަމެވެ. އެކަމުގައި ވަކި މީހަކު އިސްތިސްނާ ވުމެއް ނެތްކަމެވެ. އެކުރައްވާ ކަމެއްގެ ފަހަތުގައި ބިކަވާނީ ކިތަށް މީހުންކަމެއް ވެސް ބައްލަވާލުމެއް ނޯންނަ ކަމެވެ. ނުރުހުނީމާ ނުރުހޭ ކަމެއް އެހެން މީހުން ރުއްސަން ކުރައްވާނެ ކަމެވެ. އާދައިގެ ވަޒީފާތަކާއި ގުލާނުކޮށްގެން ސިޔާސީ މީހުން އަދި ވާނީ ކޮން ބަޔަކަށްތާ އެވެ. ކަނޑާ އެ ފޮނުވާލީ އާއިލީ މީހުންނެވެ. ނުފޫޒެއް ނުފޯރުވަމޭ، އިންތިޚާބުތަކަށް އަތެއް ނުބާނާނަމޭ، އިންތިޚާބުގައި ކަމެއް ވާގޮތަކުން މީހެއްގެ ވަޒީފާއަކަށް ބުރުލެއް އެރިޔަ ނުދެއްވާނަމޭ ބުނަނީ ސީދާ އެހެން މީހުންނަށް ދައްކާލާ ރީތި ބަސްމަގެއްގެ ގޮތުގަ އެވެ.
ކޮންމެއަކަސް އަނެއްކާ ވެސް މިފެނުނީ އާދައިގެ ކަމެއް ނޫނެވެ. ދިރިތިބީންނަށް އެތައް އިބުރަތެއް ގެނެސްދިން ކަމެކެވެ. ގާތުގައި ތިބި ސިޔާސީ ކުދިންކޮޅަށް ނަގައިދެވުނު ވަރުގަދަ ފިލާވަޅަކަށެވެ. މިފަހަރު މިފެނުނީ މުއިއްޒުގެ ސިނގު ރުޅިގަނޑު މުއިއްޒުގެ އާއިލާއަށެވެ. އެކަމަކު އޭގެން ރަމްޒުކޮށްދެނީ މުއިއްޒު ނުރުހުނީމާ، އަދި އެންމެ ގާތުން ހުރި މީހާ ވެސް ނުރުހުނީމާ ރައްޔިތުންނަށް ވާނެ ގޮތެވެ. އެންމެ ކަމަކުން އެބުނެދިނީ އެތައްހާސް ވާހަކައެކެވެ.









