ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
6 ނޮވެމްބަރު 2026 | ހުކުރު 06:24އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙްސިން ރެޒާއީ، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި އީރާނުގެ ޒައީމްގެ ޚާއްސަ ސިޓީފުޅެއް ޕުޓިންއަށް އެރުވިއިރު، އެމެރިކާއިން ހުށަހަޅާފައިވާ ހަތް ޝަރުތެއް ފުރިހަމަނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުން ވަނީ ބުނެފައި. އީރާނުން ރަޝިއާގެ އެސްޔޫ-35 މަރުކާގެ މަތިންދާބޯޓުތައް ގަނެފައިވާ ކަން ވެސް މި ދަތުރުފުޅާ ގުޅިގެން ވަނީ ހާމަކޮށްފައި


ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙުސިން ރެޒާއީއާ މޮސްކޮގައި ބައްދަލު ކުރައްވަނީ | އޭއެފްޕީ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް މަސައްކަތްތައް ހަލުވިވަމުންދާ ދަނޑިވަޅެއްގައި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙްސިން ރެޒާއީ މޮސްކޯގައި ބައްދަލުކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ކްރެމްލިންގެ ސެނެޓް ޕެލެސްގައި ބޭއްވުނު މި ބައްދަލުވުމުގައި، އީރާނުގެ ޒައީމް މުޖްތަބާ ޚާމަނާއީގެ ފަރާތްޕުޅުން ރައީސް ޕުޓިންއަށް ފޮނުއްވި ޚާއްސަ ސިޓީފުޅެއް ރެޒާއީ ވަނީ ޕުޓިންއަށް ރައްދުކޮށްދެއްވާފަ އެވެ.
މި ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރެޒާއީ ވިދާޅުވީ، ދެ ބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ސަރަހައްދީ ސަލާމަތީ އިންތިޒާމުތަކަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ "ޢުދުވާނު" ހުއްޓުވުމަށް ރަޝިއާއިން ވެދެވިދާނެ އެހީތެރިކަމުގެ މައްޗަށް ކަމަށެވެ.
"ރައީސް ޕުޓިންއާއެކު ސަރަހައްދުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު. އަދި، ހަނގުރާމައަށް ފަހުގެ މަރުހަލާއާއި ސަރަހައްދީ ސަލާމަތީ އިންތިޒާމުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު،" ރެޒާއީ ވިދާޅުވި އެވެ.
މީގެ އިތުރުން ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ރަޝިއާއިން އީރާނަށް ގޭސް ހޮޅި އެޅުމުގެ މަޝްރޫޢާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ. ރެޒާއީ ވިދާޅުވީ ޚާމަނާއީގެ މެސެޖު ވީ އެންމެ އަވަހަކަށް ޕުޓިންއަށް ރައްދުކޮށްދެއްވުމަށް ޚާމަނާއީ އެދިވަޑައިގެންނެވި ކަމަށެވެ.
މި ދަތުރުފުޅު ރޭވިފައި އޮތީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ނަމަވެސް، ސަރަހައްދުގެ އަސްކަރީ ހާލަތާ ގުޅިގެން ކޮންމެ ދުވަހަކު ބާއްވަންޖެހުނު މަޝްވަރާތަކާ ހުރެ ދަތުރުފުޅު ފަސްކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ސިޓީފުޅުގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މި ބައްދަލުވުމުގެ ކުރިން، ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ކުރިމަތީގައި "ބޯލެނބުމުގެ ކުޑަވެސް ވިސްނުމެއް" ގެންގުޅެގެން ނުވާނެ ކަމަށެވެ. ހަމަމިއާއެކު، އެއްވެސް ފަރާތަކަށް ގޮންޖަހައިނުލެވޭ ފަދަ "ފުރިހަމަ ދިފާޢީ ބާރަކާ ހަމައަށް" ވާސިލުވުމަށް ޓަކައި އީރާނަކީ ކުރިއަށްވުރެ ވެސް ވަރުގަދަ ޤައުމަކަށް ވާންޖެހޭނެ ކަމަށް އޭނާ ގޮވާލެއްވި އެވެ.
އެމެރިކާއަށް ހުށަހެޅި ހަތް ޝަރުތާއި ހުރްމުޒް ކަނޑުއޮޅި
ރެޒާއީ ޕުޓިންއާ ބައްދަލުކުރެއްވި ދަނޑިވަޅަކީ، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އެމެރިކާއިން އަނެއްކާ ވެސް އައު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމާއެކު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން ޚާރިޖީ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށްފައިވާ ވަގުތެކެވެ. އަންގާރަ ދުވަހު ބޭއްވުނު ވޯޓުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެންދިޔުމާ ގުޅިގެން އެމެރިކާގެ ރައްޔިތުންގެ މެދުގައި އުފެދުނު ނުރުހުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓުގެ އަޣުލަބިއްޔަތު ގެއްލިފަ އެވެ.
ހަނގުރާމަ ނިންމުމަށް ކުރެވެމުންދާ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން އެ ޤައުމުގެ ނިއުކްލިއަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމުގެ މައްޗަށެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ރެޒާއީ ވިދާޅުވީ، ތެހެރާނުން ހުށަހަޅާފައިވާ ހަތް ޝަރުތު ވޮޝިންގޓަނުން ފުރިހަމަނުކުރަނީސް ހަނގުރާމަ ނިންމުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.
"ޑިޕްލޮމަސީގެ މައްސަލައިގައި، އަޅުގަނޑުމެން ވާނީ އެމެރިކާއަށް ހަތް ޝަރުތެއް ހުށަހަޅާފައި. އެ މީހުން އަޅުގަނޑުމެންގެ ހަތް ޝަރުތު ތަންފީޒުނުކުރާހާ ހިނދަކު، އަޅުގަނޑުމެން ހުރްމުޒް ކަނޑުއޮޅިއެއް ނުހުޅުވާނަން، އަދި އެއްވެސް މަޝްވަރާއެއް ވެސް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ގުޅުންތަކާއި ރަޝިއާގެ ތާއީދު
ހަނގުރާމަ ނިންމުމަށް އެހީތެރިވުމަށް ރަޝިއާ ތައްޔާރަށް އޮތް ކަން ރައީސް ޕުޓިން އަލުން ތަކުރާރުކުރެއްވި ކަމަށް ރެޒާއީ ވިދާޅުވި އެވެ. ފާއިތުވި މަހު، ހަނގުރާމަ ހުއްޓުވުމަށް އެ ޤައުމަށް ކޮށްދެވެން އޮތް "ހުރިހާ މަސައްކަތެއް" ކުރުމަށް ތައްޔާރަށް އޮތް ކަން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންގެ އަރިހުގައި ޕުޓިން ވިދާޅުވެފައިވާ ކަމަށް ވެސް ރަޝިއާގެ މީޑިއާތަކުން ބުނެ އެވެ.
މި ގޮތުން ކްރެމްލިންގައި ބޭއްވުނު ބައްދަލުވުމުގައި، ރަޝިއާއިން އީރާނަށް ގޭސް ހޮޅި އެޅުމުގެ މަޝްރޫޢާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް ރެޒާއީ ވިދާޅުވި އެވެ. މިއީ، އީރާނަށް ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން ހައްލުކުރުމަށާއި، އީރާން މަގުން އަވައްޓެރި ޤައުމުތަކަށް ރަޝިއާގެ ގޭސް ވިއްކުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހަމަމިއާއެކު، އޮކްޓޫބަރުގެ ފަހުކޮޅު ތެހެރާނުގައި އީރާނާއި، ސައުދީ އަރަބިއްޔާއާއި، ތުރުކީވިލާތް އަދި ޕާކިސްތާން ބައިވެރިވެގެން ބޭއްވި ބައްދަލުވުމުގެ ތަފްސީލުތައް ޕުޓިންއާ ހިއްސާކުރެއްވި ކަމަށާއި، ރަޝިއާގެ ލީޑަރު އެ ބައްދަލުވުމަށް މަރުހަބާ ވިދާޅުވި ކަން ރެޒާއީ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޗައިނާގެ އެކުވެރިންނެކޭ އެއް ފަދައިން އަޅުގަނޑުމެން ވެސް ގަބޫލުކުރަނީ ސަރަހައްދީ ކަންކަން ނިންމަންވާނީ ސަރަހައްދުގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށާއި، ސަރަހައްދުގެ ސަލާމަތީ ކަންކަމުގެ ތެރެއަށް ބޭރުގެ ޤައުމުތަކުން ވަދެ ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް،" ރެޒާއީ ވިދާޅުވި އެވެ.
ސެނެޓް ޕެލެސްގައި ބޭއްވުނު މި ބައްދަލުވުމާ ގުޅޭގޮތުން ކްރެމްލިންއިން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.
ވަކިން ކުރިއަށްދިޔަ މަޝްވަރާތަކެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ކުވެއިތު، ސައުދީ އަރަބިއްޔާ، ޢުމާން، ޤަތަރު، ތުރުކީވިލާތް އަދި އުރުދުންގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި ވަކިވަކިން މަޝްވަރާކުރައްވާފަ އެވެ. އެ ޤައުމުތަކުގެ ވަޒީރުންނާއެކު ކުރެއްވި ފޯނު ކޯލުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ސަރަހައްދީ ހާލަތަށާއި ސުލްހަ ގާއިމުކުރުމަށް ކުރެވެމުންދާ ޚާރިޖީ މަސައްކަތްތަކަށް ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެ އެވެ.
އަސްކަރީ އެއްބަސްވުމާއި އެސްޔޫ-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް
ހުޅަނގުގެ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ރަޝިއާއާއި އީރާނުން ވަނީ ފާއިތުވި އަހަރުތަކުގައި އެ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ އަދި އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކޮށްފަ އެވެ. މި ގޮތުން ޖަނަވަރީ މަހު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، އަސްކަރީ އެއްބާރުލުމާއި، ސައިންސާއި، ސަގާފަތުގެ އިތުރުން ތަޢުލީމީ ދާއިރާ ހިމެނޭހެން އިސްތިރާޖީ ގުޅުމުގެ ފުޅާ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށީ އޮކްޓޫބަރު މަހު ނަމަވެސް، އުތުރު ކޮރެއާއާއެކު ރަޝިއާއިން ވެފައިވާ އެއްބަސްވުމާ ޚިލާފަށް، މި އެއްބަސްވުމުގައި އެއް ޤައުމު އަނެއް ޤައުމުގެ ދިފާޢުގައި އަސްކަރީ ގޮތުން ހަނގުރާމައަށް ވަނުމަށް ލާޒިމުކުރާ މާއްދާއެއް ނުހިމެނެ އެވެ.
މިއާއެކު، އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމްނިޔާ ހޮނިހިރު ދުވަހު ވިދާޅުވީ، ރަޝިއާގެ އެސްޔޫ-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް އީރާނުން ގަނެފައިވާ ކަމަށާއި، މި ހަނގުރާމަ ނިމުމުން އެ މަތިންދާބޯޓުތައް އީރާނަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ހަނގުރާމަ ފެށުމުގެ ކުރިން އެ ބޯޓުތައް އީރާނަށް ގެނައުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އެ އުޅަނދުތަކަށް ބޭނުންވާ އެންމެހައި ތައްޔާރީތަކާއި ޕައިލެޓުންގެ ތަމްރީނުތައް މިހާރު ފުރިހަމަކޮށް ނިމިފައިވާ ކަމަށް ވެސް އަކްރަމްނިޔާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











