އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!
2 ނޮވެމްބަރު 2026 | ހޯމަ 05:16އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނަތަންޔާހޫ ބާރުއެޅި ނަމަވެސް، ޓްރަމްޕް އިސްކަންދެއް ވަނީ ޚާރިޖީ މަޝްވަރާތަކަށް ކަމަށް ރިޕޯޓުތައް ބުނެފި. މި ކަމާ ގުޅިގެން ދެ ބޭފުޅުންގެ މެދުގައި ހޫނު ބަހުސެއް ހިނގާފައިވާއިރު، އީރާނާއެކު ސީދާ މަޝްވަރާތައް ފެށުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުން. ނަމަވެސް، މުހިންމު ކަންކަމުގައި އެމެރިކާގެ ޖަވާބަކަށް އިންތިޒާރުކުރާ ކަމަށް އީރާނުން ވަނީ ބުނެފައި


އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބުގެ ކެންޕޭނުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ޖެހި ޕޯސްޓަރެއް ތެލް އަވީވުގައި ހަރުކޮށްފައި | އޭއެފްޕީ
އަންގާރަ ދުވަހު ބާއްވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ފަހު، ވަގުތުން އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށުމަށް ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބާރުއަޅަމުން ގެންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްކަންދެއް ވަނީ ޚާރިޖީ މަޝްވަރާތަކަށް ކަމަށް އެކްސިއޮސް ނޫހުން އާދީއްތަ ދުވަހު ރިޕޯޓުކޮށްފި އެވެ.
މި މުޢާމަލާތްތަކުގެ މަޢުލޫމާތު އިނގޭ އެމެރިކާ އަދި އިސްރާއީލުގެ މަސްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނީ، ހޮނިހިރު ދުވަހު ފޯނުން ދެއްވި ވާހަކަތަކުގައި، ވޯޓުލުން ނިމޭތާ ގިނަ އިރުތަކެއް ނުވެ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން ފެށުމަށް ޔަހޫދީ އިސްރާއީލުގެ ލީޑަރު ވޮޝިންގޓަނަށް ބާރުއެޅި ކަމަށެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ޚާރިޖީ މަސައްކަތްތަކަށް ޖާގަ ދެއްވުމަށް ޓްރަމްޕް ބޭނުންފުޅުވި ކަމަށް އެ މަސްދަރުތަކުން ބުންޏެވެ. މި ގޮތުން، ޓްރަމްޕް ގެންގުޅުއްވާ މި ވިސްނުންފުޅާ މެދު ނެތަންޔާހޫ ކަންބޮޑުވާ ކަމަށް ވެސް މަސްދަރުތަކުން ފާހަގަކުރެ އެވެ.
ދެ ބޭފުޅުންގެ މި ފޯނު ކޯލާ ގުޅޭގޮތުން އިސްރާއީލުގެ މަސްދަރަކުން އެ ވާހަކަތައް ސިފަކުރީ "ވަރުގަދަ" ބަހުސެއްގެ ގޮތުގަ އެވެ. ހަމަމިއާއެކު، އެމެރިކާގެ މަސްދަރަކުން ބުނީ އެއީ "ސީދާ" ސަރީހަ ވާހަކަތަކެއް ކަމަށެވެ.
ނަތަންޔާހޫއާ ފޯނުން ގުޅައި ވާހަކަދެއްކި ކަން ކަށަވަރުކޮށްދެއްވަމުން، އެއީ "ވަރަށް ރަނގަޅު މަޝްވަރާއެއް" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން އީރާނުގެ މައްސަލައާ މެދު މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. މީގެ އިތުރުން، އީރާނާއެކު ކުރިއަށްދާ ވާހަކަތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ހަމަލާތައް އަލުން ފެށުމަށް އޭނާ "އަވަސްއަރުވާލައިގެން ނޫޅޭ" ކަމަށް ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ނޮވެންބަރު 3 ގެ މިޑްޓަރމް އިންތިޚާބަށް ފަހު ހަމަލާތައް އަލުން ފަށައިފާނެ ކަމަށް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކަށް އޭނާ ވަނީ އިޝާރާތް ކުރައްވާފަ އެވެ.
މި ދެ ލީޑަރުންގެ ދެމެދުގައި މި ވާހަކަތައް ހިނގާފައި މި ވަނީ، ރަސްމީ މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ މުޙުސިން ރިޒާއީއަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ. މިއާއެކު، ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ޤަތަރުގެ މެދުވެރިން މިހާރު ވެސް ގެެންދަނީ އީރާނުގެ މަންދޫބުންނާއެކު މަޝްވަރާތައް ބާއްވަމުންނެވެ.
ނަމަވެސް، މި މަޝްވަރާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އިންޒާރު ދެއްވަމުން ވިދާޅުވީ، އަދި މިހާތަނަށް އެއްވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވެވިފައި ނުވާ ކަމަށެވެ. އަދި، ހައްލުނުވެ ހުރި މުހިންމު ކަންކަމުގައި އެމެރިކާގެ ފަރާތުން ލިބެންޖެހޭ ޖަވާބުތަކަށް ތެހެރާނުން އިންތިޒާރުކުރަމުންދާ ކަމަށް ވެސް ޢަރާޤްޗީ ވިދާޅުވި އެވެ.
މި ރިޕޯޓާ ގުޅިގެން އެއްވެސް އެއްޗެއް ބުނުމަށް އެމެރިކާގެ ވައިޓް ހައުސްއާއި އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް އެކްސިއޮސްއިން ބުންޏެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











