އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
4 ނޮވެމްބަރު 2026 | ބުދަ 07:08އެމެރިކާގެ މިޑްޓަރމް އިންތިޚާބާ ދިމާކޮށް އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާއިރު، މަސްރަހު ފިނިކުރުމަށް ޤަތަރުން ކުރާ މަސައްކަތުގައި އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޝަރުތުކޮށްފައި. އިސްރާއީލަށްދޭ މާލީ އެހީ ކަނޑާލަން ޓްރަމްޕް ނިންމެވި ނަމަވެސް، އީރާނުން ދަނީ އެމެރިކާގެ ހަމަލާތަކަށް މުޅި ސަރަހައްދުގައި ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެމުން


އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ސިފައިންގެ މީހަކު އަސްކަރީ ތަމްރީނު މަރުކަޒެއް ކައިރީގައި ފޯރިމަރަނީ | ރޮއިޓަރސް
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެއްބަސްވުމަކާ ހަމައަށް ވާސިލުވުމާ އަދިވެސް ވަރަށް ދުރުގައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. މިއާއެކު، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅުތައް އަލުން ވަރުގަދަކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، އެމެރިކާގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ އީރާން ހަނގުރާމައިގެ މައްސަލަ މައިގަނޑު މައުލޫއަކަށް ވެފައިވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު، ނޫސްވެރިންނަށް ވަކިވަކިން ދެއްވި ބަސްދީގަތުންތަކެއްގަ އެވެ. ހަމަމިއާއެކު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރުން ދަނީ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް ޓަކައި ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަމުންނެވެ.
އިންތިޚާބުގެ ފިއްތުންތަކާއި ޤަޝްމު ޖަޒީރާއަށް ދިން ހަމަލާ
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ޤަޝްމު ޖަޒީރާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި އަމާޒުކޮށްފައި ވަނީ އެމެރިކާގެ ވަސީލަތްތަކާ ދެކޮޅަށް ބޭނުންކުރަމުންދިޔަ އެއްގަމުން ވައަށް ފޮނުވާ މިސައިލް ނިޒާމުތަކަށް ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް، މިއީ ވަކި އިންތަކެއްގެ ތެރޭގައި ދިން ހަމަލާތަކެއް ކަމަށާއި، ބޮޑު އަސްކަރީ ކުރިމަތިލުމަކަށް އެނބުރި ދިއުން ނޫން ކަމަށް އެމެރިކާގެ އިތުރު އޮފިޝަލަކު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ އިންޒާރު އަލުން ތަކުރާރުކުރައްވާފަ އެވެ. "އަޅުގަނޑު މި އުޅެނީ ގިނަ އަދަދެއްގެ ބަޔަކު މަރާކަށް ނޫން، ނަމަވެސް އެ ކަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރަން ޖެހޭނީ،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މިހާރުގެ ހާލަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ކުރެއްވި އެވެ. މި ގޮތުން "އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލުވަމުންދާ ކަމަށް ފެންނަނީ،" އިންޓަވިއުތަކެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
މި ހަފުތާގެ ފަހުކޮޅު ޔަހޫދީ އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން "ވަރުގަދަ އިޝާރާތްތަކާ" ގުޅޭގޮތުން ތަޖުރިބާކާރުން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑު މިހުރީ ތައްޔާރަށް، އަޅުގަނޑުމެން މި ތިބީ ފުރިހަމައަށް ތައްޔާރުވެ ހަތިޔާރު އަޅައިގެން، ނަމަވެސް އެ ފަދަ ކަމެއް ކުރަންޖެހޭ ސަބަބެއް ނެތިވެސް ހިނގައިދާނެ" ކަމަށެވެ. މިއާއެކު، އީރާނުގައި ރައްކާކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކާ ގުޅޭގޮތުން ނުސީދާ މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ "މަޝްވަރާތައް ދަނީ ކުރިއަށް، މި ކަން ނިމިގެންދާ ގޮތެއް އަޅުގަނޑުމެން ބަލާނަން" ކަމަށެވެ.
ހަމަމިއާއެކު، އަންގާރަ ދުވަހު ޓްރަމްޕް ވަނީ ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއެކު މާލީ އެއްބަސްވުމަކަށް އާދެވިފައިވާ ކަން ކުއްލި ގޮތަކަށް އިޢުލާނުކުރައްވާފަ އެވެ. މި އެއްބަސްވުމުގެ ދަށުން، މި އަހަރަށްފަހު އިސްރާއީލަށް އަހަރަކު ދެމުން އައި 4 ބިލިޔަން ޑޮލަރުގެ އެހީ އެމެރިކާއިން ހުއްޓާލާނެ އެވެ. ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއަށް ހަތިޔާރު ވިއްކުން ކުރިއަށްދާނެ އެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި ޓްރަމްޕްގެ މި ވާހަކަފުޅަކީ، އިސްރާއީލަށް އެމެރިކާއިން ދޭ އެހީތަކާމެދު ހިތްހަމަނުޖެހިފައިވާ އެމެރިކާގެ ވޯޓުލާ އާންމުންގެ ރުހުން ހޯއްދެވުމަށް އަމާޒުކުރެއްވި ކަމެކެވެ. މިއާއެކު، ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުޤާނޫނީ ހަނގުރާމަ، އަންގާރަ ދުވަހުގެ އިންތިޚާބަށްފަހު އަލުން ފެށިގެންދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.
ޤަތަރުގެ މެދުވެރިވުމާއި އީރާނުގެ ޝަރުތުތައް
ނަން ހާމަނުކުރުމަށް ޝަރުތުކޮށް މީޑިއާއަށް މަޢުލޫމާތު ދެއްވި އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އޮތް ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށް މެދުވެރިން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މި ގޮތުން ވޭތުވެދިޔަ އަށް ދުވަހު މަޝްވަރާކުރެވުނު އެމެރިކާ-އީރާން އެއްބަސްވުމުގެ ޑްރާފްޓަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ޤަތަރުގެ މެދުވެރިން ހޯމަ ދުވަހުގެ ރޭ ތެހެރާނަށް ދަތުރުކޮށްފައިވެ އެވެ.
"ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން އެދޭނަމަ، ތެހެރާނުގެ ޝަރުތުތައް ފުރިހަމަކުރަން ޖެހޭނެ،" އީރާނުގެ އޮފިޝަލް އިންޒާރު ދެއްވި އެވެ. އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ކަނޑުގެ މަގުން އެމެރިކާއިން އަޅާފައިވާ ހިސާރު އުވާލުމުގެ އިތުރުން ފްރީޒްކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުން ހިމެނެ އެވެ.
އީރާނުގެ ޤައުމީ ސަލާމަތާބެހޭ މަތީ މަޖިލީހުގެ ސެކްރެޓަރީ މުޙްސިން ރެޒާއީ ވިދާޅުވީ، އީރާނުގެ ޝަރުތުތަކަށް އެމެރިކާއިން ދިން ޖަވާބު "އިތުބާރު ހިފޭ މިންވަރަށްވުރެ ދަށް" ކަމަށެވެ. އަދި، އީރާނުގެ ހަތް ޝަރުތަށް ވޮޝިންގޓަނުން ސީދާ ގޮތެއްގައި ފުރިހަމައަށް އިޖާބަދީ، އެ ކަންކަން ތަންފީޒުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވޭނީ ހަމައެކަނި މި ހާލަތުގައި،" ރެޒާއީ ވިދާޅުވި އެވެ.
މި މަޝްވަރާތަކާ ގުޅިގެން ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ ވިދާޅުވީ، މެދުވެރިން ހުށަހެޅި ކަންކަން އެމެރިކާއާއި އީރާނުން ވެސް މިހާރު މުރާޖަޢާކުރަމުންދާ ކަމަށެވެ. ތެހެރާނަށް ދިޔަ ޤަތަރުގެ ވަފުދު ދޯޙާއަށް އެނބުރި އައިސްފައިވީ ނަމަވެސް، މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްރަހު އިތުރަށް ގޯސްވިޔަނުދިނުމަށް ޓަކައި ސަރަހައްދީ ފެންވަރުގައި ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލް-އަންޞާރީ ވިދާޅުވި އެވެ. ހަމަމިއާއެކު ކުރިމަގުގެ މަޝްވަރާތަކަށް މަގުފަހިވާނެ އެއްބަސްވުމަކަށް ވާސިލުވެވޭނެ ކަމުގެ އުންމީދު ޤަތަރަށް އަދިވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ. "އުންމީދުގެ ކުޑަވެސް މިންވަރެއް ނެތްނަމަ، އެއްވެސް މަޝްވަރާއެއް ނުހިނގާނެ... މެދުވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އުންމީދު ގެއްލުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.
މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ވޮޝިންގޓަނާއި ތެހެރާނުން މި ކަމުގައި ޖަވާބެއް ދޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، މެދުވެރިން މެދުވެރިކޮށް ވޮޝިންގޓަނާ މެސެޖު ބަދަލުކުރުމަށާއި، ލިބޭ ޖަވާބުތައް މުރާޖަޢާކުރުމަށް އެއްވެސް ސުންގަޑިއެއް ކަނޑައަޅާފައި ނުވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ފަހުން ކަށަވަރުކޮށްދެއްވި އެވެ.
ހަރުކަށި ރައްދަކާއި ސަރަހައްދީ ސަލާމަތީ ގުޅުންތައް
އީރާނުގެ އިސް އޮފިޝަލު ވިދާޅުވީ، އެމެރިކާގެ "ހައްދުފަހަނައެޅި އެދުންތަކަށް" ތެހެރާނުން ދީލައިނުލާނެ ކަމަށާއި، ނިއުކްލިއަރ މަޝްވަރާތައް ފެށޭނީ ވެސް އީރާނުގެ ޝަރުތުތައް ފުރިހަމަކުރުމުން ކަމަށެވެ. އަދި، އެމެރިކާއިން ދޭ ހަމަލާތަކަށް، މުޅި ސަރަހައްދާއި އެ ސަރަހައްދުން ބޭރުގައިވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ލޮޅުން އަރާފަ އެވެ. އެމެރިކާގެ ސާފުނުކުރާ ތެލުގެ ސްޓޮކް ހުސްވި ހަފުތާގައި އާދަޔާޚިލާފަށް ދަށަށް ގޮސްފައިވާކަން ސިނާއީ ހިސާބުތަކުން ދެއްކި ނަމަވެސް، މިޑްޓަރމް އިންތިޚާބުގެ ނަތީޖާއަށާއި ސުލްހައިގެ ވާހަކަތަކަށް އަތުވެދާނެ ބަދަލުތަކަށް އިންވެސްޓަރުން އިންތިޒާރުކުރަމުން ދާތީ، ބުދަ ދުވަހުގެ ކުރީކޮޅު ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އީރާނުން ދިން "ވަރުގަދަ އަދި ހިކުމަތްތެރި ރައްދަށްފަހު"، މިހާރު އިސްނެގުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ. "ބިރުދެއްކުމާއި އަސްކަރީ ފިޔަވަޅުތަކުގެ ޒަރިއްޔާއިން އީރާން ބަލިކަށި ދުޝްމަނުން މަސައްކަތްކުރި ނަމަވެސް، އެ މީހުންނަށް ވަނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިފައި. އީރާނުން ދުވަހަކު ވެސް ބޯނުލަނބާނެ،" ޤާލީބާފް ވިދާޅުވި އެވެ. އަދި، އެމެރިކާއިން ހަދާ ކޮންމެ ހިސާބު ޖެހުމުގެ ކުށަކަށް އީރާނުން ދޭނެ ރައްދަކީ ލަފާކުރަން ނޭނގޭނެ އަދި ވަކި ޖޯގުރަފީއަކަށް ހަނިވެފައިނުވާ ރައްދަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ ވެރިޔާ ޢަލީ ޢަބްދުﷲހީ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުގެ އަމާޒުތައް ހިމެނޭހެން އީރާނުގެ އަސްކަރިއްޔާއިން ހަމަލާދޭނެ ތަންތަނުގެ ލިސްޓު އައުކުރަމުންދާ ކަމަށާއި، ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވަގުތުން ރައްދު ދޭނެ ކަމަށެވެ. އީރާނުގެ މަސްރަހު ދިރާސާކުރާ ހަރުކަށި ފިކުރުގެ ދާރިސުން ބުނި ގޮތުގައި، ހަނގުރާމަ އަލުން ފެށިއްޖެ ހާލަތެއްގައި އިނގިރޭސިވިލާތް، އިޓަލީވިލާތް، ގްރީސް، ރުމޭނިއާ، އަލްބޭނިއާ އަދި ސައިޕްރަސްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަކީ އެކަށީގެންވާ ކަމެކެވެ.
ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުސީދާކޮށް މެސެޖު ބަދަލުކުރުމުގެ އިތުރުން، ސަރަހައްދީ ބޮޑެތި ބާރުތަކުން ދަނީ ހަނގުރާމަ ފުޅާވިޔަނުދިނުމަށް ޚާރިޖީ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް، ޔަމަނުގައި އީރާނަށް ވާގިވެރިވާ ހޫޘީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން މި ހަމަނުޖެހުން ވަނީ އިތުރަށް ފުޅާވެފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އަންގާރަ ދުވަހު ވިދާޅުވީ، ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ބައިވެރިނުވާ ގޮތަށް ސަރަހައްދީ އައު ސަލާމަތީ އިންތިޒާމުތަކެއް ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއާއެކު ކުރާ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ހުސްވި ހަފުތާގައި ސައުދީ އަރަބިއްޔާ، ތުރުކީވިލާތް އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން ވަނީ ތެހެރާނުގައި އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. މިއީ އޮގަސްޓު މަހަށްފަހު ސަރަހައްދީ މި ޤައުމުތަކުގެ މެދުގައި މިފަދަ މަތީ ފެންވަރެއްގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.
މަސްދަރު: ރޮއިޓަރސް











