ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
6 ނޮވެމްބަރު 2026 | ހުކުރު 08:18ސިއްހަތަކީ މާތް ﷲ ދެއްވާފައިވާ އަމާނާތަކަށް ވާތީ، ހަށިގަނޑަށް ގެއްލުންދީ ސިއްހަތަށް އިހުމާލުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވޭ. އަދި ދުޅަހެޔޮކަމާއި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާތް ﷲއަށް ކުއްތަންވުމަށް ލިބިފައިވާ މި ފުރުސަތުތަކުގެ އަގު ވަޒަންކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ


ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ކުޑަ ކުއްޖަކު ބެލެނިވެރިޔާއާއެކު މިސްކިތަށް އަރަނީ. ފައިލް ފޮޓޯ | ރާއްޖެއެމްވީ
މުއުމިނު އަޅާގެ މިސާލަކީ ވައިރޯޅިއާއެކު ލެނބި، ވައި މަޑުވުމުން ސީދާވާ ޅަނދޮޅު ގަހެއް ފަދައިން މުސީބާތްތަކާއި ބަލިމަޑުކަމުގައި ކެތްތެރިވެ މާތް ﷲއާ އޮންނަ ގުޅުން ދަމަހައްޓާ މީހެއް ކަމަށާއި، ކާފިރު މީހާގެ މިސާލަކީ މުލުން ލުހެވިގެންދާ ފިތުރޯނު ގަހެއް ފަދަ މީހެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
"ސިއްހަތަށް ފަރުވާތެރިވުން" މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީސްފުޅެއް ބަޔާންކޮށް އީމާންކަމަކީ ތަދު އިހުސާސްނުވުމެއް ނޫން ކަމަށާއި، މުއުމިނު އަޅާގެ ހަގީގީ ބާރަކީ ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުންކަން ފާހަގަކޮށްފަ އެވެ.
ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއްވެސް އިޚުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި ހިނގަމުންދާއިރު، އެ ކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށެވެ. އަދި އިންސާނާގެ ނަފުސަކީ ﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަކަށް ވާތީ، ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ސިއްހަތަށް އިހުމާލުވެ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، ޒުވާންކަމާއި ބާރަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫންކަމާއި، ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެ ކަމަށް ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ. ސިއްހަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަށް ލިބިގެން ނުވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ.
ސިއްހަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ މާތް ﷲއަށް ކުއްތަންވުމަށާއި ހެޔޮ އަމަލުކުރުމަށް ލިބިފައިވާ އަމާނާތެއް ކަމަށެވެ.
އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލަން ދިޔުމުގެ އިތުރުން ހަލާލު ރިޒުގު ހޯދުމަށް ކުރާ މަސައްކަތްތަކަކީ މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުސަތުތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ހަލާލު ރަނގަޅު ކާބޯތަކެތިން ހަށިގަނޑަށް ލިބޭ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮން ކަންތައްތަކެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު، މުއުމިނު އަޅާގެ ޙާލަތު ބަޔާންކުރައްވައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައިވެ އެވެ. (مَثَلُ الْـمُؤْمِنِ كَمَثَلِ خَامَةِ الزَّرْعِ يَفِيْءُ وَرَقُهُ، مِنْ حَيْثُ أَتَتْهَا الرِّيْحُ تُكَفِّئُهَا، فَإِذَا سَكَنَتِ اعْتَدَلَتْ، وكَذَلِكَ الْـمُؤْمِنُ يُكَفَّأُ بِالْبَلَاءِ، وَمَثَلُ الْكَافِرِ كَمَثَلِ الأَرْزَةِ صَمَّاءَ مُعْتَدِلَةً حَتَّى يَقْصِمَهَا اللهُ إِذَا شَاءَ) [1] މާނައީ: "މުއުމިނު އަޅާގެ މިސާލަކީ، ފަތްތައް ހެލިލަހެލިލާ ހުންނަ ޅަނދޮޅު ގަހެއްގެ މިސާލެވެ. ޖެހޭ ވައިރޯޅިއާ އެކު އެ ގަސް ލެނބެއެވެ. އަދި ވައި މަޑުވުމުން އެ ގަސް ސީދާވެއެވެ. މުއުމިނު އަޅާ މުޞީބާތުގެ ތެރޭގައި ވަނީ ހަމަ އެފަދައިންނެވެ. އަދި ކާފިރު މީހާގެ މިސާލަކީ، މާތް ﷲ އިރާދަކުރައްވައިފި ހިނދަކު މުލުން ލުހެލައްވައިފުމަށްދާންދެން ވަޔާ ނުލެނބި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ މިސާލެވެ. އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫނެވެ. މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުމެވެ.ހުކުރު ޚުތުބާ
މީގެ އިތުރުން ޚުތުބާގައި ވަނީ ގިނަ ބަޔަކު އެ ދެ ނިއުމަތަކާމެދު ޣާފިލުވެފައިވާ ދެ ނިއުމަތަކީ ސިއްހަތާއި ހުސްވަގުތު ކަމަށް އަންގަވާފައިވާ ނަބަވީ އިރުޝާދަށް އަލިއަޅުވާލާފަ އެވެ. އަދި އަތުގައިވާ އެ މުހިންމު ރައުސްމާލުގެ ހަގީގީ އަގު ވަޒަންނުކުރެވި، ގެއްލުމުގެ ތެރެއަށް ދޫކޮށްނުލުމަށާއި، މާދަމާ ﷲގެ ހަޟްރަތުގައި ސުވާލުވެވޭނެކަން ދަނެގެން ދުޅަހެޔޮކަމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.









