މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި
18 ސެޕްޓެމްބަރު 2026 | ހުކުރު 08:10މާލީ މުއާމަލާތްތަކުގައި އިސްރާފުކުރުމާއި ބޭނުމެއް ނެތި ދަރަނި ނެގުމުން ދުރުހެލިވެ، ހޭދަކުރުމުގައި މެދުމިންކަން އިޚްތިޔާރުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. މީގެއިތުރުން ރިބާ ހިމެނޭ މުއާމަލާތްތަކުން ރައްކާތެރިވުމަށް ގޮވާލާފައިވޭ. އަދި މައްކާއާއި މަދީނާގެ ހުރުމަތް ކަނޑައި ހޫޘީން ދެމުންދާ ހަމަލާތައް ޚުތުބާގައި ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި


ސަލްމާން މިސްކިތުގައި ޖަމާއަތުގައި ނަމާދުކޮށް ނިންމުމަށްފަހު، ދެމީހަކު ކޮޑާކޮޅު ޖައްސައި ސަލާމް ކުރަނީ | ރާއްޖެއެމްވީ
މާތް ﷲ އިންސާނުންނަށް ދެއްވި މުދަލުގެ ނިއުމަތަކީ އަމާނާތެއް ކަމަށާއި މާލީ މުއާމަލާތުތަކުގައި ތެދުވެރިވެ، އިސްރާފުކުރުމާއި ބޭނުމެއް ނެތި ދަރަނި ނެގުމުން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
"މާލީ މުއާމަލާތުތަކުގައި ތެދުވެރިވުން" މި މަޢުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މުދަލަކީ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ ޙާޖަތްތައް ފުއްދުމަށް ލައްވާފައިވާ ވަސީލަތެއް ކަމަށެވެ. އަދި ގިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރައްވާނެ ކަމާއި، ހޭދަކުރުމުގައި މެދުމިންވެ، އިސްރާފުނުކުރުމަށާއި މުސްތަގުބަލަށްޓަކައި ފަހަށް ރައްކާކުރުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
މުދަލުން ހޭދަކުރުމުގައި އިގުތިސާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި ދަހިވެތިނުވުން ހިމެނެ ކަމަށެވެ.
ޚުތުބާގައި ބުނީ، ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތްﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއް ކަމަށާއި، އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، ދަރަނީގެ މުއާމަލާތްތަކަށް ސަމާލުވުމަށާއި، ކޮންމެހެން ބޭނުންވެ އަދާކުރެވޭނެ މަގު ތަނަވަސްވެފައިވާ ނަމަ މެނުވީ ދަރަނި ނުނެގުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. އަދި ދަރަންޏެއް ނަގަން ޖެހޭ ހާލަތެއްގައި ވެސް ރިބާ ހިމެނޭ އެންމެހައި މުއާމަލާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.
ހަމައެއާއެކު، މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިހުތިރާމުކޮށް، އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުބަރަދު ފުރިހަމައަށް ދިނުމަކީ ވާޖިބެއް ކަމުގައި ހަނދާންކޮށްދީފައިވެ އެވެ.
ދަރަނީގެ މުއާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމެކެވެ. އެހެނީ ދަރަނީން ރައްކާތެރިވުމަށް އެދި ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ދުއާ ކުރައްވައިފަ އެވެ. އަދި ދަރަނި އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވެ އެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ)[1] މާނައީ: "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާ ގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ."ހުކުރު ޚުތުބާ
މިއަދުގެ ޚުތުބާ ނިންމާލަމުން ވަނީ، މާތްވެގެންވާ މައްކާ އާއި މަދީނާގެ ހުރުމަތްކަނޑައި، ހޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ އުދުވާނީ ހަމަލާތަކާއި އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އެ ދެ ރަށަކީ ގިޔާމަތާހަމައަށް މާތްﷲ ހުރުމަތްތެރި ކުރައްވައިފައިވާ މުގައްދަސު ދެ ރަށް ކަމާއި، އެއިން ތަނަކަށް ހަމަލާއެއް ދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެއްކަން ފާހަގަކޮށްފަ އެވެ.






