ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ
30 އޮކްޓޯބަރު 2026 | ހުކުރު 08:03މުޖުތަމައުގެ އަހުލާގީ ފެންވަރު ދަށްވެ އާއިލާތައް ރޫޅެމުންދާ މައިގަނޑު ސަބަބަކީ ދަރިންނަށް ދެވޭ ތަރުބިޔަތާއި ތައުލީމު ކަމަށް ޚުތުބާގައި ބުނެފައިވޭ. އެހެންކަމުން، ދަރިންނަށް ދީނީ ކަންކަމާއި ރަހިމުގެ ގުޅުން ބަދަހިކުރަން އުނގަންނައިދީ، މައިންބަފައިން އަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލާފައި


ރާއްޖޭގެ ރަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްޓަކައި، އަންހެނަކު އޭނާގެ ދަރީންގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ- ފައިލް ފޮޓޯ | ރާއްޖެއެމްވީ
އިންސާނީ މުޖުތަމައެއް އުފެދިގެން އަންނަނީ އާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލާތައް ހަރުދަނާ ކުރެވިގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
"އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ މިއަދު މުޖުތަމައުގެ އަފުރާދުންގެ އަހުލާގީ ފެންވަރު ދަށްވެ، އާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ މައްސަލައަކީ އެންމެންގެ ވެސް ބޮޑު ޝަކުވާކަން ފާހަގަކޮށްފަ އެވެ. އަދި މިފަދަ ކަންކަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ ދަރީން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރީންނަށް ދެވޭ ތައުލީމު ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޚުތުބާގައި ބުނީ، ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ނަމަވެސް، އެ ކުއްޖަކު ބައްޓަންވަނީ މައިންބަފައިން ދޭ ތަރުބިޔަތަކާއި ތައުލީމެއްގެ މައްޗަށް ކަމަށެވެ. އަދި ތުއްތު ކުދިން ގެންގުޅެ ބޮޑުކުރާއިރު ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ ރަހިމުގެ ގުޅުން ބަދަހިކުރަން އުނގަންނައިދޭން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އިސްލާމްދީނުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ އެއް ގުޅުމަކީ ރަހިމުގެ ގުޅުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުގު ތަނަވަސްވެ، އުމުރުގައި ބަރަކާތް ލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި، ރަހިމުގެ ގުޅުން ކަނޑައިލުމަކީ ސުވަރުގެ ނުވަދެވޭ ފަދަ ބޮޑު ފާފައެއް ކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘްފުޅުތަކުން ހާމަވާ ކަމަށެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައިވެ އެވެ. (لَا يَدْخُلُ الْجَنَّةَ قَاطِعٌ)[1] މާނައީ: "ރަހިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ." ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުސޫލުން އެކަކު ކޮށްދޭ ހެއުކަމަކަށް އޭގެ ބަދަލުގައި ކަމެއްކޮށްދިނުމެއް ނޫނެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރައްވައިފައިވެ އެވެ. (لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَـٰكِنِ الْوَاصِلُ الَّذِيْ إِذَا قُطِعَتْ رَحِمُهُ وَصَلَهَا)[2] މާނައީ: "ބަދަލުދޭ ގޮތަށް (އަނެކާ ގުޅުން ބޭއްވީމާ ގުޅުން ބާއްވާ މީހާ) އަކީ ހަގީގީ ގާތްތިމާގެކަން ދަމަހައްޓާ މީހެއް ނޫނެވެ. ނަމަވެސް ހަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ، ގާތްތިމާގެ ކަމުގެ ގުޅުން ކެނޑިއްޖެ ހިނދު، އެ ގުޅުން ދަމަހައްޓާ މީހާއެވެހުކުރު ޚުތުބާ
ޚުތުބާގައި ބުނީ، ދަރިންނަކީ ރަހިމުގެ ގުޅުން ދަމަހައްޓާ، ހެޔޮލަފާ ބަޔަކަށް ހެދޭނީ ހަމައެކަނި ތައުލީމު ދީގެން ނޫން ކަމަށާއި، ތައުލީމާ އެކު ރިވެތި އަހުލާގާއި ތަރުބިޔަތު ދީގެން ކަމަށެވެ.
މީގެ އިތުރުން ދަރިންނަށް މާއްދީ ތަކެތި ހޯދައިދިނުމުގެ އިތުރަށް، އިސްލާމީ އަދަބުތަކަށް އަހުލުވެރިކޮށް ނަމާދުކުރުމަށް ބާރުއެޅުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށާއި، މި ކަމުގައި އެންމެ އެދެވޭ ނަތީޖާއެއް ފެންނާނީ މައިންބަފައިން އަމިއްލައަށް ރިވެތި ނަމޫނާ ދައްކައިގެން ކަަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށާއި، ދީނީ ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.









