އިންސާނަކަށް ލެއްވި އޫރުގެ ކިޑްނީ 271 ދުވަހު ރަނގަޅަށް މަސައްކަތްކޮށްފި
4 ސެޕްޓެމްބަރު 2026 | ހުކުރު 15:11ޖީންތަކަށް ބަދަލު ގެނެސްފައިވާ އޫރެއްގެ ކިޑްނީ އިންސާނެއްގެ ހަށިގަނޑަށް ބަދަލުކޮށްގެން ކުރި ތަޖުރިބާ ކާމިޔާބުވުމަކީ، ގުނަވަންތައް ބޭނުންވާ މީހުންނަށް ލިބުނު އާ އުންމީދެއް ކަމަށް ޑޮކްޓަރުން ބުނެފި. މި ދިރާސާގެ ސަބަބުން އިންސާނެއްގެ ކިޑްނީއެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި އޫރުގެ ގުނަވަންތައް ބޭނުންކުރެވިދާނެކަން ވަނީ ސާބިތުވެފައި

ކިޑްނީ ބަލިމީހާ ޓިމް އެންޑްރޫސް (މެދުގައި)، ޑޮކްޓަރ ޓަޓްސޫއޯ ކަވާއީ (ވ) އަދި ޑޮކްޓަރ ލިއޮނާޑޯ ރިއެއްލާ | މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލް
އޫރުގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑަށް ބަދަލުކޮށްގެން، ރެކޯޑް މިންވަރަކަށް ނުވަތަ 271 ދުވަސް ވަންދެން އެ ކިޑްނީ މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ޑޮކްޓަރުން ހާމަކޮށްފި އެވެ.
ޓިމް އެންޑްރޫސް ބުނި ގޮތުގައި މި ޓްރާންސްޕްލާންޓްގެ ސަބަބުން އޭނާއަށް އާ އުންމީދެއް ލިބިގެންދިޔަ އެވެ. އަދި ލޭ ސާފުކުރުމަށް ނުވަތަ ޑަޔަލަސިސް ހެދުމަށްޓަކައި ކޮންމެ މަހަކު އެތައް ފަހަރަކު ހޮސްޕިޓަލަށް ދާންޖެހޭ ދިއުމުން އޭނާ ސަލާމަތްވި އެވެ.
މެސް ޖެނެރަލް ބްރިގަމް ހޮސްޕިޓަލުގެ ޓީމުން ބުނާ ގޮތުގައި، މި ދިރާސާއިން އެނގިގެންދިޔައީ އިންސާނެއްގެ ގުނަވަނެއް ލިބެންދެން، ވަގުތީ ހައްލެއްގެ ގޮތުގައި އޫރުގެ ގުނަވަންތައް ބޭނުންކުރެވިދާނެ ކަމެވެ.
ނަމަވެސް، 271 ދުވަހަށްފަހު އެ އޫރުގެ ކިޑްނީ މަސައްކަތް ކުރުން ހުއްޓުމާ ގުޅިގެން، އެ ކިޑްނީ ވަނީ އޭނާގެ ހަށިގަނޑުން ނަގާފަ އެވެ. އެއަށްފަހު އިންސާނެއްގެ ކިޑްނީއެއް ލިބެންދެން އެންޑްރޫސްއަށް ކުޑަ ދުވަސްކޮޅަކަށް ޑަޔަލަސިސް ހަދަން ޖެހުނެވެ.
ގުނަވަންތައް ބަދަލުކުރުމަށް ބޭނުންވާ އިންސާނުންގެ ގުނަވަންތައް ލިބުން ދަތިވެފައިވާތީ، ޑޮކްޓަރުންނާއި ސައިންސްވެރިން ދަނީ އެހެން ދިރުންތަކުގެ ގުނަވަންތައް ބޭނުންކޮށްގެން ކުރާ "ޒެނޯޓްރާންސްޕްލާންޓޭޝަން" އާ ގުޅޭ ދިރާސާތައް ކުރަމުންނެވެ.
އެމެރިކާގައި އެކަނިވެސް ގާތްގަނޑަކަށް 100،000 މީހުން ކިޑްނީއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިއިރު، އަހަރަކު ކުރެވެނީ އެންމެ 25،000 ޓްރާންސްޕްލާންޓެވެ. އަދި އިނގިރޭސިވިލާތުގައިވެސް 7،000 އަށްވުރެ ގިނަ މީހުން ކިޑްނީ ލިސްޓުގައި އެބަތިއްބެވެ.
އެންޑްރޫސްއަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި، ކިޑްނީ ލިބޭ ލިސްޓުގެ ކުރިއަށް އައުމަށް ހަތް އަހަރު ނަގާފާނެ އެވެ. ނަމަވެސް، ޑަޔަލަސިސް ހަދާ މީހުން އާންމުކޮށް ދިރިތިބެނީ އެވްރެޖްކޮށް ފަސް އަހަރު ދުވަހު އެވެ.
"އަހަރެންގެ ވަގުތު ވަރަށް ކުޑަ. އެކަމުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވި،" އޭނާ ބުންޏެވެ.
ނަމަވެސް، އޫރުގެ ކިޑްނީއެއް ލެއްވުމުގެ ޚިޔާލަކީ އޭނާއަށް ލިބުނު ބޮޑު އުންމީދެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
"އެންމެ ބޮޑު ކަމަކީ އުންމީދު. ޑަޔަލަސިސް މެޝިނުން ސަލާމަތްވެ، އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުން،" އެންޑްރޫސް ބުންޏެވެ.
އެހެން ދިރުންތަކުގެ ގުނަވަންތައް އިންސާނުންނަށް ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ޖަނަވާރަކީ އޫރު ކަމަށް މާހިރުން ބުނެ އެވެ. އެއީ އޫރުގެ ގުނަވަންތަކުގެ ސައިޒު އިންސާނުންގެ ގުނަވަންތަކާ ދާދި އެއްވަރުވުމާއި، އޫރު ގެންގުޅުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވުމުންނެވެ.
އެހެންނަމަވެސް، އާންމުކޮށް ގެންގުޅޭ އޫރެއްގެ ކިޑްނީ ނަގައިގެން އިންސާނެއްގެ ގަޔަށް އެއްވެސް ބަދަލެއް ނުގެނެސް ލެއްވޭކަށް ނޯވެ އެވެ. އެއީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެއީ ބޭރުގެ އެއްޗެއްކަން ވަގުތުން ދެނެގަނެ، އެ ކިޑްނީ ހަލާކުކޮށްލާނެތީ އެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ، މަދު މިނެޓްކޮޅެއްގެ ތެރޭގައި ކިޑްނީ ކަޅުވެ، ސެލްތައް ހަލާކުވެ، އެތެރެއިން ލޭ ގަނޑުވާނެ އެވެ.
މި ސަބަބަށްޓަކައި، ދިރާސާކުރާ ފަރާތްތަކުން ވަނީ "ޔުކަޓާން މިނިއޭޗާ" ބާވަތުގެ އޫރުތަކެއް އުފައްދާފަ އެވެ. މި އޫރުތަކުގެ ޖީންތަކަށް 69 ބަދަލެއް ގެނެސް، އެތަކެތީގެ ގުނަވަންތައް އިންސާނުންގެ ގުނަވަންތަކާ އެއްގޮތް ނުވަތަ "ހިއުމަނައިޒް" ކޮށްފަ އެވެ.
މި ބަދަލުތަކުގެ ސަބަބުން، އިންސާނާގެ ދިފާއީ ނިޒާމަށް ފާހަގަކުރެވޭ އޫރުގެ ސެލްތަކުގެ ބައެއް ސިފަތައް ނައްތާލެވެ އެވެ. އަދި އިންސާނާގެ ޑީއެންއޭގެ ބައެއް އިތުރުކުރުމުން، ދިފާއީ ނިޒާމަށް އެއީ އޫރުގެ ޓިޝޫއެއްކަން ނޭނގޭ ގޮތަށް ފޮރުވައިދެ އެވެ. މީގެ އިތުރުން، އޫރުގެ ޑީއެންއޭ ތެރޭގައި ފޮރުވިފައި ހުންނަ ވައިރަސްތަކުގެ ސަބަބުން ޖެހޭ އިންފެކްޝަންތަކުން ސަލާމަތްވުމަށްޓަކައި އިތުރު ބަދަލުތައްވެސް ވަނީ ގެނެސްފަ އެވެ.
އެންޑްރޫސްއަކީ ޓައިޕް 2 ހަކުރުބަލީގެ ސަބަބުން ކިޑްނީ ބަލީގެ އެންމެ ފަހު މަރުހަލާގައި ހުރި މީހެކެވެ.
އޭނާގެ ހަށިގަނޑަށް އޫރުގެ ކިޑްނީ ލެއްވީ 25 ޖެނުއަރީ 2025 ގަ އެވެ. އޭރު އޭނާގެ އުމުރަކީ 66 އަހަރެވެ.
"ލެންސެޓް" މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ ހަށިގަނޑަށް ލެއްވި އޫރުގެ ކިޑްނީ ވަގުތުން މަސައްކަތް ކުރަން ފެށި އެވެ.
އެ ކިޑްނީ 271 ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު، އެ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ނަގާފަ އެވެ. އޭގެ ފަހުން 82 ދުވަސް ވަންދެން އެންޑްރޫސް ޑަޔަލަސިސް ހެދި އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އިންސާނެއްގެ ކިޑްނީއެއް ލިބި، އޭނާއަށް ވަނީ ޓްރާންސްޕްލާންޓް ހަދާފަ އެވެ. މިހާރު އެ ކިޑްނީ ދަނީ ރަނގަޅަށް މަސައްކަތް ކުރަމުންނެވެ.










