މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ
9 އޮކްޓޯބަރު 2026 | ހުކުރު 08:24މުދަލަކީ މާތް ﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށް ވާއިރު، އެ ތަކެތި ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ އުސޫލުތަކަށް ރައްކާތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. ހަރާމް ގޮތްގޮތުން އާމްދަނީ ހޯދުމާއި އިސްރާފުކުރުމަކީ އެ އަމާނާތަށް ވެވޭ ޚިޔާނާތެއްކަން ފާހަގަކޮށް، މުދަލުން އަދާކުރަންޖެހޭ ޒަކާތާއި އެހެނިހެން ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައިވޭ


ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ | ރާއްޖެއެމްވީ
އަމާނާތެއްގެ ގޮތުގައި މާތް ﷲ އިންސާނުންނާ ޙަވާލުކުރައްވާފައިވާ މުދަލުގައި އަދާކުރަންޖެހޭ ހައްގުތަކާއި މަސްއޫލިއްޔަތުތަކެއް ވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭންޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަކަމަށްހުކުރު ޚުތުބާގައި ބުނެފި އެވެ.
"މުދަލަކީ މާތް ﷲގެ ހައްގެކެވެ" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަސައްވުރު ބިނާވެފައިވަނީ ބަދަލުވުމެއް ނެތް ވަރުގަދަ އަސާސެއްގެ މަތީގައި ކަމަށެވެ.
އެގޮތުން އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، އެ އަމާނާތަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ އެއްޗެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެއީ އިމްތިހާނެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ، ގިޔާމަތް ދުވަހު އެ އަމާނާތާ މެދު މާތް ﷲގެ ހަސްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކޮށްދީފަ އެވެ.
މުދާ ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ އިންތަކަށް ރައްކާތެރިވުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، މުދާ ހޯދަންވާނީ މާތް ﷲ ކަނޑައަޅުއްވާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން ތެދުވެރިކަމާއެކު ކުރާ މަސައްކަތާއި ވަޒީފާގެ އުޖޫރައާއި ހުއްދަ ވިޔަފާރީގެ އިތުރުން ޝަރުއީ ހަމަތަކުން ލިބޭ ތަރިކަ މުދަލަކީ ހަލާލު މުދާ ކަމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިބާއާއި، ރިޝްވަތާއި، މަކަރާއި ހީލަތާއި، ވައްކަމާއި ޖުވާ ފަދަ ހަރާމް ގޮތްގޮތުން އާމްދަނީ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މުދަލުން އަދާކުރަންޖެހޭ ވާޖިބުތަކުގެ ތެރެއިން އެންމެ އިސްކަންދޭންޖެހޭ ކަމަކީ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން ތިމާ ބަލަހައްޓަންޖެހޭ އަހުލުވެރިންނަށް ކުރާ ހޭދަ ކަމަށާއި، މިއީ ހަމައެކަނި އިޖުތިމާޢީ ޒިންމާއެއް ނޫން ކަމަށާއި މަތިވެރި ދީނީ ވާޖިބެއް ކަމަށެވެ. އަދި އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި، ފަގީރުންނާއި މިސްކީނުން ފަދަ ފަރާތްތަކަށް ހޭދަކުރުން އޮތްއިރު، މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ދެއްކުން ފަރުޟުވެގެންވާ ޒަކާތް އަދާކުރުމަކީ މުދަލުގެ އަސްލު މިލްކުވެރި ފަރާތަށް އަދާކުރެވޭ އަމާނާތެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ.
މިއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެކެވެ. ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ﷲގެ މަގުގައި ތިބާ ހޭދަކުޅަ ދީނާރާއި، އަޅަކު މިނިވަން ކުޅައުމަށް ޓަކައި ތިބާ ހޭދަކުޅަ ދީނާރާއި، މިސްކީނަކަށް ތިބާ ހޭދަކުޅަ ދީނާރާއި، ތިބާގެ އަހުލުވެރީންގެ މައްޗަށް ތިބާ ހޭދަކުޅަ ދީނާރާއި، މިހުރިހައި ޚަރަދުތަކެއްގެ ތެރެއިން (ﷲގެ ޙަޟުރަތުގައި) އޭގެ ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ، ތިބާގެ އަހުލުވެރީންގެ މައްޗަށް ތިބާ ހޭދަކުޅަ ދީނާރެވެ."[1] އެއަށް ފަހު ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނާއި، ދަތުރުވެރީންނަށްކުރާ ހޭދަ އެވެ.ހުކުރު ޚުތުބާ
މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ހައްގެއް ނޯންނާނެކަން ފާހަގަކޮށް، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަނެ އުކާލަން ޖެހުމަކީވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.








