ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ
25 ސެޕްޓެމްބަރު 2026 | ހުކުރު 08:17ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަކީ ހަގީގީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނެ މަގުކަން ފާހަގަކޮށް، އަމިއްލަ ނަފުސުގެ އެތެރެފުށް އިސްލާހުކުރުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައި. މާއްދީ ތަރައްގީއަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވަމުން، ސައްހަ އަގީދާއަކީ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއްކަން ޚުތުބާގައި ބަޔާންކޮށްފައިވޭ


ހުކުރު ޚުތުބާ އަޑު އެހުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން | އިސްލާމިކް މިނިސްޓްރީ
ބާއްޖަވެރިކަމާއި ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
"އިސްލާމީ އަގީދާގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް ﷲ އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތަކީ ސައްހަ އަގީދާގެ ނިއުމަތް ކަމަށެވެ. އަދި ޒަމާން ތަރައްގީވެ މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، ނުތަނަވަސްކަމާއި އެކަނިވެރިކަން ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ހަގީގީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޚުތުބާގައި ބުނީ، އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާ ނަބިއްޔުން ފޮނުއްވި ކަމަށާއި، އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށެވެ. އަދި ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ.
ސަލަފުއްސާލިހުންގެ ބަސްފުޅުތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، އެ މީހެއްގެ އެތެރެފުށް އިސްލާހުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިސްލާހުކޮށްދެއްވާނެ ކަމަށާއި، މާތް ﷲ އާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށްފި މީހަކަށް އެހެން މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތްﷲ ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންކަން ވެސް މާތްﷲ ފުއްދަވައިދެއްވާނެކަން ހަނދާން ކޮށްދީފައިވެ އެވެ.
މީގެ އިތުރުން ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން ޗާޖުކުރުމަށް އަވަސްވެގަންނަ ފަދައިން، މާތް ﷲ ދެއްވި އެންމެ މަތިވެރި ނިއުމަތް ކަމުގައިވާ ސައްހަ އަގީދާ ބީވެގެން ހިނގައިދާނެތީ ކަންބޮޑުވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ސައްހަ އަގީދާގެ ނިއުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ހަޔާތް ވިއްކައިލަނީ ކިތައްމީހުން ހެއްޔެވެ؟ ބޭރުފުށް ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތްކުރަމު އެވެ. ނަމަވެސް އެތެރެފުށުގެ ހާލާމެދު ފިކުރެއްނުކުރަމުއެވެ. ސަލަފުއްސާލިހުން، އެއް ބޭކަލަކު އަނެއް ބޭކަލަކަށް ނަސޭހަތްތެރިވެ ވިދާޅުވާ ކަމަށް، مَعْقِلُ بْنُ عُبَيْدُ اللهِ الْجَزَرِيّ ނަޤުލުކުރައްވައިފައިވެ އެވެ. "އެ މީހެއްގެ އެތެރެފުށް އިސްލާހުކޮށްފި މީހާގެ ބޭރުފުށް މާތްﷲ އިސްލާހުކޮށްދެއްވާނެތެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިސްލާހުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތްﷲ ފުއްދަވައިދެއްވާނެތެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތްﷲ ފުއްދަވައިދެއްވާނެތެވެ." [1] ފަހެ، ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިސްލާހުވުމުންނެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ވަނީ ދުންޔަވީ ފާގަތިކަމާއި ދަރިންގެ މުސްތަގުބަލަށް މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި ހިތުގެ ހާލަތު ރަނގަޅުކޮށް، ހަރުދަނާ އަގީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތް ކުރުމަށާއި، ﷲގެ ހަޟުރަތަށް ރުޖޫއަވާނޭ ދުވަހަށް ބިރުވެތިވެ ތަގުވާވެރިވުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.







