ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްދޭ އިންޖެކްޝަނެއް ސައިންސްވެރިން އުފައްދައިފި
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:05ޗައިނާގެ ދިރާސާވެރިން ތަރައްގީކުރި ޖީން-އެޑިޓިން އިންޖެކްޝަނެއްގެ އެންމެ ޑޯޒަކުން، ވާރުތަވާ ކޮލެސްޓްރޯލް ބަލި ހުންނަ މީހުންގެ ހަށިގަނޑުން ނުރައްކާތެރި ސަރުބީގެ މިންވަރު 52 އިންސައްތަ ދަށްކޮށްދޭކަން ހާމަވެއްޖެ. ފުރަމޭގެ ޖީންތަކަށް އަމާޒުކޮށްގެން ދޭ މި ފަރުވާއަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އުމުރަށް ބޭސްކުރަންޖެހޭ އުސޫލަށް ބަދަލު ގެނުވާނެ އުންމީދީ ފަރުވާއެއް

އިންޑޮނީޝިއާގައި ގާއިމުކޮށްފައިވާ އިންޓަގްރޭޓެޑް ސާވިސަސް ޕޯސްޓެއްގައި، ލޭގެ ޕްރެޝަރު މަތިވުމާއި، ކޮލެސްޓްރޯލް އަދި ހަކުރު ބަލީގެ މެޑިކަލް ޗެކަޕެއް ހެދުމަށްޓަކައި މީހެއްގެ ލޭގެ ސާމްޕަލް ނަގަނީ | ގެޓީ އިމޭޖަސް
އަލަށް ތަޖުރިބާކުރި އިންޖެކްޝަނެއްގެ އެންމެ ޑޯޒަކުން، ހަ މަސްދުވަހުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްލާކަން ހާމަވެއްޖެ އެވެ.
ޗައިނާގައި ކުރިއަށްގެންދިޔަ ޖީން-އެޑިޓިން ދިރާސާއަކުން އުފެއްދި މި ފަރުވާއަކީ ލޭގައި ސަރުބީ ހުންނަ މިންވަރު އާދަޔާ ހިލާފަށް މަތިވާ، ފުރާނައަށް ނުރައްކާވާ ފަދަ ވާރުތަވާ ބައްޔެއް ކަމަށްވާ "ފެމިލިއަލް ހައިޕަރކޮލެސްޓްރޯލީމިއާ" އަށް ހައްލު ހޯދުމަށް ތަރައްގީކުރަމުންދާ ފަރުވާއެކެވެ.
މި ބަލި ތަހައްމަލުކުރާ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އާންމު މީހަކަށްވުރެ 10 ގުނަ އާއި 20 ގުނައާ ދެމެދުގެ މިންވަރަކަށް އިތުރުވާއިރު، އެމީހުން މުޅި އުމުރަށް ބޭސް ބޭނުންކުރަން ޖެހެ އެވެ.
ޗައިނާގެ ޝަންހާއީ ޖިއާއޯ ޓޮންގް ޔުނިވަރސިޓީގެ ދިރާސާވެރިން، މި ބަލި ހުރިކަން ކަށަވަރުވެފައިވާ އުމުރުން 34 އަހަރާއި 62 އަހަރާ ދެމެދުގެ ހަ މީހެއްގެ ހަށިގަނޑުގައި މި ފަރުވާ ތަޖުރިބާކޮށްފައިވެ އެވެ. އަދި ފަރުވާ ފެށިތާ ހަ މަސްދުވަހުގެ ތެރޭގައި، އެ މީހުންގެ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.
މި ތަޖުރިބާކުރި ފަރުވާއިން ނުރައްކާތެރި އެއްވެސް ސައިޑް އިފެކްޓެއް ނުވަތަ ނޭދެވޭ އަސަރެއް ފެނިފައިނުވާ ކަމަށް ދިރާސާވެރިން ބުނެ އެވެ.
ހަށިގަނޑުގައި ހުންނަ "ލޯ-ޑެންސިޓީ ލިޕޯޕްރޮޓީން ކޮލެސްޓްރޯލް" (އެލް.ޑީ.އެލް-ސީ) ނުވަތަ "ބޭކާރު" ކޮލެސްޓްރޯލަކީ، "ޓްރައިގްލިސަރައިޑްސް" ކިޔާ ސަރުބީގެ މޮލިކިއުލްތަކާ އެކު ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.
މިހާރު ދުނިޔޭގެ ގިނަ ބަޔަކު މި ސަރުބީތައް ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ދުވަހަކު "ސްޓެޓިން" ގުޅަ ބޭސް ބޭނުންކުރެ އެވެ.
ފަހަކަށް އައިސް ސައިންސްވެރިން ދަނީ މި ސަރުބީތަކުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޖީން-އެޑިޓިންގްގެ އެކި ގޮތްތައް ހޯދަމުންނެވެ.
މީގެ ތެރެއިން އެއް ގޮތަކީ ފުރަމޭގައި ހުންނަ "ޕީ.ސީ.އެސް.ކޭ.9" (PCSK9) ޖީންއަށް އަމާޒުކޮށްގެން ދޭ ފަރުވާއެކެވެ. މި ޖީން މާ ބޮޑަށް މަސައްކަތްކުރާ ނަމަ، ހަށިގަނޑުން ނުރައްކާތެރި ކޮލެސްޓްރޯލް ނައްތާލުމަށް ފުރަމޭއަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. ޗައިނާގެ ސައިންސްވެރިން ވަނީ "ހެފްނިއާ ޕެރަލްވޭ" ނަމަކަށް ކިޔާ ބެކްޓީރިއާއަކުން އެންޒައިމެއް އުފައްދާފަ އެވެ. މިއީ ވައިރަސްތައް ނައްތާލުމަށްޓަކައި ވަކި ޚާއްސަ ޖެނެޓިކް ސީކުއެންސްތަކަކަށް އަމާޒުކުރާ އެންޒައިމެކެވެ.
އެމީހުން ވަނީ މި ބެކްޓީރިއާ އެންޒައިމަށް ބަދަލުތަކެއް ގެނެސް، އިންސާނާގެ ޑީ.އެން.އޭ، ވަކިން ޚާއްސަކޮށް ފުރަމޭގެ ސެލްތަކުގައި ހުންނަ "ޕީ.ސީ.އެސް.ކޭ.9" ޖީންއަށް އަމާޒުކޮށް، ކޮލެސްޓްރޯލް އުފެއްދުމުގެ ގާބިލުކަން ކުޑަކުރާ ގޮތަށް ބަދަލުކޮށްފަ އެވެ.
މި ފަރުވާގެ އެންމެ މަތީ ޑޯޒް ބޭނުންކުރި ތިން ބަލިމީހުންގެ ހަށިގަނޑުން، ފަރުވާ ފެށިތާ ހަ މަސްދުވަހުގެ ތެރޭގައި "ޕީ.ސީ.އެސް.ކޭ.9" އެންޒައިމްގެ މަސައްކަތް 74 އިންސައްތަ ދަށްވެ، ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު 52 އިންސައްތަ ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.
ދިރާސާގައި ބައިވެރިވި ބައެއް މީހުންނަށް ހުން އައުމާއި މަސްތަކުގައި ރިއްސުން ފަދަ ކުދިކުދި އުނދަގޫތައް ކުރިމަތިވި ނަމަވެސް، 24 ގަޑިއިރު ނުވަނީސް އެކަންކަން ރަނގަޅުވެފައިވާ ކަމަށާއި، އެހެން އެއްވެސް ނުރައްކާތެރި ކަމެއް ދިމާނުވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މި ދިރާސާގެ އުސޫލުތައް ބުނާގޮތުން، މި ބަލިމީހުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ މުއްދަތަށް މޮނިޓަރ ކުރަމުން ގެންދާނެ އެވެ. އެމެރިކާގެ ކްލީވްލޭންޑް ކްލިނިކުން ދާދި ފަހުން ކުރިއަށްގެންދިޔަ އެހެން ޖީން-އެޑިޓިންގް ދިރާސާއެއްގައި، އެންމެ މަތީ ޑޯޒް ދިން ހަތަރު މީހެއްގެ ހަށިގަނޑުން ނުރައްކާތެރި ކޮލެސްޓްރޯލް 52 އިންސައްތަ އަދި ޓްރައިގްލިސަރައިޑްސް 48 އިންސައްތަ ދަށްވެފައިވެ އެވެ.
މި ފަރުވާގައި އަމާޒުކޮށްފައިވަނީ ލޭގައި ދައުރުވާ ސަރުބީގެ މިންވަރު ކޮންޓްރޯލްކުރާ "އޭ.އެން.ޖީ.ޕީ.ޓީ.އެލް.3" (ANGPTL3) ނަމަކަށް ކިޔާ ޖީންއަކަށެވެ. މި ތަޖުރިބާކުރި ފަރުވާ ބިނާކޮށްފައިވަނީ ކުރީގެ ދިރާސާތަކެއްގެ މައްޗަށެވެ. އެ ދިރާސާތަކުން ދައްކާގޮތުގައި، މި ޖީންގެ މަސައްކަތް ހުއްޓުވާ ފަދަ އުފެދުމުގެ ބަދަލެއް (މިއުޓޭޝަން) ހުންނަ މީހުންގެ ހަށިގަނޑުގައި ކޮލެސްޓްރޯލާއި ޓްރައިގްލިސަރައިޑްސް ހުންނަނީ ވަރަށް ދަށްކޮށެވެ. އަދި އެފަދަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
ސައިންސްވެރިން އުންމީދު ކުރަނީ މި އާ ޖީން-އެޑިޓިންގް އިންޖެކްޝަންތައް އިތުރަށް ތަރައްގީކޮށް، ލޭގައި ސަރުބީ ހުންނަ އެހެނިހެން ބަލިތައް ތަހައްމަލުކުރާ ގިނަ ބަޔަކަށް މި ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ.










