އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރަން ޖެހޭ: ޚުތުބާ
11 ސެޕްޓެމްބަރު 2026 | ހުކުރު 08:10އިސްލާމީ އުންމަތުގެ ހެޔޮކަން ދެމެހެއްޓުމަށްޓަކައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ ޒިންމާ އަދާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި. މުޖުތަމައުގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން އިސްކޮށް، ފިތުނަވެރިކަމާއި ހަސަދަވެރިކަމުން ދުރުހެލިވެ، އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި


ހުކުރު ހުތުބާ އިއްވަނީ | މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމުގެ މުހިންމުކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
"އިސްލާމްދީނުގައި ސާބިތުވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިސްލާމްދީނަކީ މާތްﷲ އިންސާނުންނަށް ދެއްވި އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި އެކަލާނގެ ހަޟްރަތުގައި ދީނެއްގެ ގޮތުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް ގަބޫލުނުކުރައްވާނެކަން ކީރިތި ގުރުއާނުގެ އާޔަތްތަކުން ވަނީ ހަނދާންކޮށްދީފަ އެވެ. އިސްލާމީ އުންމަތަކީ އެންމެ ހެޔޮ އުންމަތް ކަމުގައި ލައްވާފައިވަނީ، އެ އުންމަތުގެ މީހުން ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް މަނާކޮށް، މާތްﷲ އަށް އީމާންވާތީ ކަމަށް ޚުތުބާގައި ފާހަގަކުރި އެވެ.
މާތްﷲ ވަހީކުރައްވާފައިވެ އެވެ. "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމްރުކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."ހުކުރު ޚުތުބާ
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހެޔޮކަންތައްތަކަށް ބާރުއެޅުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއްކަން ޚުތުބާގައި ބަޔާންކުރި އެވެ. މިގޮތުން، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް މަސައްކަތް ނުކޮށް ހަނު ތިބުމަކީ މުޅި މުޖުތަމައަށް އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަކީ އެއް އުޅަނދެއްގައި ދަތުރުކުރާ ބައެއްގެ ގޮތުގައި ސިފަކޮށް، އުޅަނދުގެ ތިރީބައިގައި ތިބޭ ބަޔަކު އުޅަނދު ފޫދުއްވާލަން އުޅޭއިރު އެކަން ހުއްޓުވައިފިނަމަ އެންމެން ސަލާމަތްވާނެ ކަމަށާއި ނުހުއްޓުވައިފިނަމަ އެންމެން ހަލާކުވެދާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
އިސްލާމީ އުންމަތުގެ އަނެއް މުހިންމު ސިފައަކީ އެއްބައިވަންތަކަމާއި އޯގާތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި، ހަށިގަނޑުގެ ގުނަވަނެއްގައި ރިއްސާނަމަ މުޅި ހަށިގަނޑަށް އޭގެ އަސަރުކުރާ ފަދައިން، އެކަކަށް ދިމާވާ ދަތިތަކުގައި އަނެކަކު އެހީތެރިވާންޖެހޭނެ ކަމަށް ބަޔާންކުރި އެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އަޚުވަންތަކަމާއި، ލޯތްބާއި، ކުލުނުވެރިކަން ކަމަށާއި، އެކަކު އަނެކަކަށް ހަސަދަވެރިވުމާއި، ނަފުރަތުކުރުމާއި، ފުރަގަސްދިނުމަކީ އިސްލާމީ ރިވެތި އަޚުލާގާ ޚިލާފު ކަންކަން ކަމުގައި ޚުތުބާގައި ފާހަގަކުރި އެވެ.
މީގެ އިތުރުން، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ މަތިވެރި އަޚުލާގީ ސިފަތަކުގެ މައްޗަށް އަލިއަޅުވާލަމުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވައުދު ފުއްދުމުގެ މުހިންމުކަން ޚުތުބާގައި ބަޔާންކުރި އެވެ. އަދި މުސްލިމުންނަކީ އެމީހުންގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ ބައެއް ކަމުގައި ވާންޖެހޭނެ ކަމަށާއި، މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާއި ދޮގު ވާހަކަ ފެތުރުމުން ދުރުހެލިވުމަށް ވަނީ ގޮވާލާފަ އެވެ.
އެހެންކަމުން، މާތްﷲ އަށް ތަގުވާވެރިވެ، އެކަލާނގެ އެންގެވި ގޮތުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވި އެވެ. އަދި ކޮންމެ އާއިލާއަކުން ވެސް އެ އާއިލާއެއްގެ ދަރީންނާއި، އެންމެހައި އަފުރާދުން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑު ކުރަން ނަސޭހަތްތެރިވި އެވެ.






