އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް
5 ނޮވެމްބަރު 2026 | ބުރާސްފަތި 02:50އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި، އެއީ ގައުމުގެ ސަލާމަތަށް ޓަކައި ކުރަން މަޖުބޫރު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، މިޑްޓަރމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގަންނަވާފައި. ނަމަވެސް، އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށް ޓަކައި އަދިވެސް އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވި


އެމެރިކާގެ އަޔޯވާގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
މިޑްޓަރމް އިންތިޚާބުން ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ތެހެރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށް އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަކީ ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމެއް ނަމަވެސް، އެއީ ކުރަން މަޖުބޫރު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަސްކަރީ ފިޔަވަޅު އެޅުން ފިޔަވައި އެހެން އިޚުތިޔާރެއް ނެތް ކަމަށެވެ. "އާނ! އަޅުގަނޑު ދެކޭ ގޮތުގައި އެހެން އިޚުތިޔާރެއް ނެތް،" އެ ހަނގުރާމައަކީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ. އަދި، އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށާއި، އަދިވެސް އެކަން ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބުން ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ އީރާނުގެ ހަނގުރާމަ ކަމަށް ނައިބު ރައީސް ޖޭޑީ ވެންސް ދާދި ފަހުން ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވަނީ އެ ކަމަށް ތާއީދު ކުރައްވާފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ކުރު މުއްދަތަކަށް ތެލުގެ އަގު އުފުލިގެން ދިޔަކަން ގަބޫލުފުޅު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ވެންސްގެ އެ ވާހަކަތަކަކީ ތެދު ވާހަކައެއް ކަމަށެވެ.
މީސްމީޑިއާގައި ވެންސް ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، "އަޅުގަނޑުމެން ބަލިވި ސަބަބަކީ ހަނގުރާމަ" ކަމަށެވެ. އަދި، މި ހަނގުރާމައާމެދު އާންމުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން، ކުރިން ޓްރަމްޕަށް ތާއީދުކުރި ފަރާތްތަކުން ޑިމޮކްރެޓުންނަށް ވޯޓުދޭން މަޖުބޫރުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެންސްގެ މި ޕޯސްޓަކީ "ރަނގަޅު" ޕޯސްޓެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ.
ނަމަވެސް، އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށް އަސްކަރީ ކެމްޕޭން ފެށުމާއި އެ ކަން ކުރިއަށް ގެންދިއުމުގެ ނިންމުމުގެ ދިފާއުގައި ޓްރަމްޕް ވާހަކަފުޅު ދެއްކެވި އެވެ. "އަލުން އެ ކަން ކުރަން ޖެހިއްޖެނަމަ، އަޅުގަނޑު އަނެއްކާ ވެސް އެ ކަން ކުރާނަން. ސަބަބަކީ ދިގު މުއްދަތަކަށް ބަލާއިރު އެއީ އޮތް ހަމައެކަނި ހައްލު. އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބުމުގެ ފުރުސަތު ދެވިގެން ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ. އަދި، މި ހަނގުރާމައާ ގުޅިގެން ތަފާތު ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަން ވެސް އޭނާ ބަޔާންކުރެއްވި އެވެ.
މީގެ އިތުރުން، އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަންފުޅު އޮތް ނަމަ ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ލިބުނީސް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. "އެކަމަކު އާންމުންގެ އެ ލޯބި އެހެން ކެންޑިޑޭޓުންނަށް ބަދަލެއް ނުކުރެވުނު. ކެންޕޭން ޖަލްސާތަކުގައި އާދަޔާ ޚިލާފު ލޯތްބެއް ފެނިގެންދިޔަ، ނަމަވެސް އެ ލޯބި ކެންޑިޑޭޓުންނަށް ބަދަލުކުރުމުގައި އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި،" އޭނާ ވިދާޅުވި އެވެ.
ފަހުން 'ސީއެންބީސީ' އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ކޮންގްރެސްގައި ޑިމޮކްރެޓުންގެ މެޖޯރިޓީއާއެކުވެސް، ގިނަ ބަޔަކު ހީކުރާ ވަރަށްވުރެ މާ ގިނަ ކަންތައްތަކެއްގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











