Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން

3 ނޮވެމްބަރު 2026 | އަންގާރަ 18:09

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ މެދު އާންމުންގެ ނުރުހުން އޮތުމުން ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ބެލެވޭ. މި އިންތިޚާބުގައި ސެނެޓުގެ ކޮންޓުރޯލު ހޯދުމަށް ދެ ޕާޓީން ގަދަޔަށް ވާދަކުރަމުންދާއިރު، އިންތިޚާބުގެ ކަންކަން މޮނިޓަރުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 3 ނޮވެމްބަރު 2026 | އަންގާރަ 18:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތޮތްޕެއް އަޅުއްވައިގެން ފެންގަނޑެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތޮތްޕެއް އަޅުއްވައިގެން ފެންގަނޑެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ | އީޕީއޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭގޮތް ހާމަކުރުމަށް ޓަކައި، އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުމަށް އެ ޤައުމުގެ އެތައް މިލިޔަން ރައްޔިތުންނެއް އަންގާރަ ދުވަހު ވޯޓު ފޮށިތަކަށް ދާން ފަށައިފި އެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކާއި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސީ ދާރިސުން އަންދާޒާތައް ދައްކާ ގޮތުގައި، ރިޕަބްލިކަން ޕާޓީގެ އަތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން އަނބުރާ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް، ސެނެޓުގެ ކޮންޓުރޯލު ލިބޭނެ ފަރާތެއް އަދިވެސް އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

ސެނެޓުގެ މެޖޯރިޓީ ކަށަވަރުކުރުމުގެ ކުރިމަތިލުން ކުރިއަށްދަނީ ވާދަވެރިކަން އިންތިހާއަށް ބޮޑު ގާތްގަނޑަކަށް 10 ސްޓޭޓެއްގަ އެވެ. މީގެ ތެރެއިން ގިނަ ސްޓޭޓްތަކަކީ އާންމުކޮށް ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސަރަހައްދުތަކެވެ.

Advertisement - worldAdvertisement

ތާރީޚަށް ބަލައިލާއިރު، ހާލަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއާ ދެކޮޅަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިހާތަނަށް ބޭއްވުނު މިޑްޓަރމް އިންތިޚާބުތަކުގެ ތެރެއިން، ވެރިކަންކުރާ ޕާޓީއަށް ކޮންގްރެސްގެ ގޮނޑިތައް ގެއްލުމާ ކުރިމަތިނުލާ ސަލާމަތްވެފައި ވަނީ އެންމެ ދެ އިންތިޚާބެއްގަ އެވެ. ހަމަމިއާއެކު، އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައާއި، އޭގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުމުގެ ސަބަބުން، ޓްރަމްޕްގެ މަގުބޫލުކަން ވަނީ ތާރީޚުގައި ވެސް އެންމެ ދަށްވި މިންވަރާ ގާތަށް ވެއްޓިފަ އެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު އެމެރިކާގެ ސިޔާސީ މަސްރަހުގެ މައި ތަނބަކަށް ވެފައިވާ ޓްރަމްޕް ވަނީ، އިންތިޚާބުގެ މައިގަނޑު އަސާސަކީ ޚުދު އޭނާ ކަމަށް ސިފަކުރައްވާފަ އެވެ. ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ "ވޯޓު ކަރުދާހުގައި އޮތީ މަގޭ ނަން ކަމަށް ދެކޭ!". މިއީ، ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވެސް ވަރަށް ފަސޭހަކަމާއެކު އަމިއްލަ ކެމްޕޭނުތަކުގައި ބޭނުންކުރި މެސެޖެކެވެ.

އަންގާރަ ދުވަހުގެ ހެނދުނު ދެއްވި ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ވެނެޒުއެލާއާއި އީރާނުގައި އޭނާ ހޯއްދެވި ކަމަށް ވިދާޅުވާ ކާމިޔާބީތަކަށް ތައުރީފުކުރައްވައި، ރިޕަބްލިކަން ކެންޑިޑޭޓުންނާ މެދު އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަތީޖާތައް ނުކުންނާނީ ތިޔަބޭފުޅުން ހީފުޅުކުރައްވާ ވަރަށް ވުރެ ވެސް މާ ރަނގަޅަށް،" ފޮކްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ. އަދި، އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްގައި ބާއްވާ ޚާއްސަ ހަފުލާއެއްގައި ނަތީޖާތައް ވަގުތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ޔަހޫދީ އިސްރާއީލަށް ދޭ އެއްބާރުލުމާމެދު ހިތްހަމަނުޖެހިފައިވާ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ ވޯޓުލާ މީހުންގެ ރުހުން ހޯއްދެވުމުގެ ގޮތުން ޓްރަމްޕް ވިދާޅުވީ، މި އަހަރު ނިމުމަށް ފަހު އިސްރާއީލަށް ކޮންމެ އަހަރަކު ދެމުން ގެންދާ ހަތަރު ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ އޭނާގެ ސަރުކާރުން ހުއްޓާލާނެ ކަމަށެވެ. މި މައްސަލައަކީ ޚާއްސަކޮށް މިޝިގަން ސްޓޭޓުގައި ފާހަގަކޮށްލެވޭ މައުލޫއެކެވެ. އެ ސްޓޭޓުގެ ސެނެޓު ގޮނޑިއަށް ވާދަކުރައްވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދެވެ.

އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ޓްރަމްޕް ވަނީ ގިނަ އަދަދެއްގެ ކެމްޕޭން އެއްވުންތައް ބާއްވަވާފަ އެވެ. މީގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ބާއްވާފައި ވަނީ 2024 ވަނަ އަހަރު ފަސޭހަކަމާއެކު އޭނާ ކާމިޔާބުކުރެއްވި ސްޓޭޓްތަކުގަ އެވެ. މިއިން ދޭހަކޮށްދެނީ ރިޕަބްލިކަން ޕާޓީން މިހާރު ވެސް އޮތީ އަމިއްލަ ބާރުތައް ދިފާޢުކުރުމުގެ ދިފާޢީ މަގާމެއްގައި ކަމެވެ.

ޓްރަމްޕް އިސްވެ ހުންނަވައި، ޑިމޮކްރެޓިކް ކެންޑިޑޭޓުންނަކީ ހައްދުފަހަނައަޅާފައިވާ، ޤައުމިއްޔަތާ ޚިލާފު، އަދި ކޮމިއުނިސްޓް ފިކުރުގެ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ. "ޑިމޮކްރެޓިކް ޕާޓީން ނެރެފައި އެ ވަނީ އެމެރިކާގެ ތާރީޚުގައި ވެސް ފެނިގެން ނުދާ ފަދަ އެންމެ ހައްދުފަހަނައެޅި، ނުރައްކާތެރި ކެންޑިޑޭޓުންގެ ލިސްޓެއް،" ހޯމަ ދުވަހު ވޮޝިންގޓަންގައި ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ ރައްޔިތުން އެންމެ ކަންބޮޑު ވަނީ ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުބޮޑުވުމާ މެދުގައި ކަމަށެވެ. ޓްރަމްޕްގެ ބޮޑެތި ޓެރިފް ސިޔާސަތުތަކާއި، ފެބުރުވަރީ މަހު އީރާނަށް ހަމަލާ ދިނުމަށް ނިންމެވި ނިންމެވުމުގެ ސަބަބުން ޤައުމުގެ އެތެރޭގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާތީ، އެ މައްސަލަތައް ހައްލުކުރުމުގައި ޓްރަމްޕް ގެންގުޅުއްވި ގޮތްތަކާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރެ އެވެ. ހަމަމިއާއެކު، އަމިއްލަ ކުށްތައް ގަބޫލުކުރެއްވުމެއް ނެތި، ފުރިހަމަ ވަފާތެރިކަމަށް އެދިވަޑައިގަންނަވާ ރައީސަކާ ދުރުހެލިވުމަށް ރިޕަބްލިކަން ކެންޑިޑޭޓުންނަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ.

ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދުމުގެ ވާދަވެރިކަން

މި އިންތިޚާބުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 435 ގޮނޑިއަކަށާއި، ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަކަށް މެންބަރުން އިންތިޚާބުކުރާނެ އެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ ދާއިރާތަކަކީ ވާދަވެރިކަން ކުޑަ ދާއިރާތަކެކެވެ. ކޮންގްރެސްގެ ދެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ޓަކައި، ޑިމޮކްރެޓުންނަށް ހައުސްގެ މަދުވެގެން 3 ގޮނޑިއާއި ސެނެޓުގެ 4 ގޮނޑި އިތުރަށް ކާމިޔާބުކުރަން ޖެހެ އެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވޯޓުލުމަށް ނިއު ޔޯކްގެ ވޯޓުލާ މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކެއް ކައިރީގައި ބަޔަކު ވޯޓުލަނީ

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވޯޓުލުމަށް ނިއު ޔޯކްގެ ވޯޓުލާ މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކެއް ކައިރީގައި ބަޔަކު ވޯޓުލަނީ | އޭއެފްޕީ

ޑިމޮކްރެޓުންނަށް ކުޑަވެސް ކުށެއް ކުރެވެން ނެތް މިންވަރަށް ފުރުސަތު ވަނީ ހަނިވެފަ އެވެ. އެ ޕާޓީގެ އަތުގައި މިހާރު ހުރި ހުރިހާ ގޮނޑިއެއް ދިފާޢުކުރުމުގެ އިތުރުން، މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ހަތް ސްޓޭޓުގެ ތެރެއިން މަދުވެގެން ދެ ސްޓޭޓެއް ކާމިޔާބުކުރަން ޖެހެ އެވެ. މި ސްޓޭޓްތަކަކީ އެލެސްކާ، އަޔޯވާ، ކެންސަސް، ނެބްރާސްކާ، އޮހާޔޯ، ދެކުނު ކެރޮލައިނާ އަދި ޓެކްސަސް އެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، މި ހުރިހާ ސްޓޭޓެއްގައި ވެސް ޑިމޮކްރެޓިކް ކެންޑިޑޭޓުން އުޅެނީ ވަރަށް ކުޑަ ތަފާތަކުން ކުރީގައި ނުވަތަ ވާދަވެރިޔާއާ ވަރަށް ގާތުގަ އެވެ.

މިޝިގަންގެ ސެނެޓް ގޮނޑިއާއި ކެންޑިޑޭޓުންގެ ކޯޅުން

މިޝިގަންގެ ސެނެޓް ރޭހުގައި އުމުރުން 42 އަހަރުގެ ޢަބްދުލް އަލް-ސައްޔިދާއި، ރިޕަބްލިކަން ޕާޓީގެ ކުރީގެ މެންބަރު އުމުރުން 63 އަހަރުގެ މައިކް ރޮޖަރސްގެ މެދުގައި އޮތް ވާދަވެރިކަން ވަނީ އާދީއްތަ ދުވަހު އިތުރަށް ގަދަވެފަ އެވެ. މިގޮތުން، ޕްރައިމަރީ އިންތިޚާބުގައި އަލް-ސައްޔިދާ ވާދަކުރައްވައި ކުޑަ ތަފާތަކުން ބަލިވި ޑިމޮކްރެޓިކް ޕާޓީގެ ހޭލީ ސްޓީވަންސް ކުއްލި ގޮތަކަށް ރިޕަބްލިކަން ކެންޑިޑޭޓް ރޮޖަރސްއަށް ތާއީދުކުރައްވަން ނިންމެވި އެވެ.

ސެނެޓުގެ ކޮންޓުރޯލު ލިބުމުގެ މުހިންމުކަމުގެ އިތުރުން، މިޝިގަންގެ ރޭހަކީ ރިޕަބްލިކަނުން ހިންގާ ނަސްލީ އަދި ދީނީ ސިޔާސީ ހަމަލާތަކުގެ އަސަރު ވަޒަންކުރެވޭނެ މުހިންމު އިމްތިހާނެކެވެ. އަލް-ސައްޔިދު އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ، އޭނާ ވެގެންދާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމް މެންބަރަށެވެ. ޔަހޫދީ އިސްރާއީލަށް ފާޑުވިދާޅުވާ އަދި އެންމެންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން ފަދަ ލިބަރަލް ސިޔާސަތުތަކަށް ތާއީދުކުރައްވާ އަލް-ސައްޔިދު ކާމިޔާބު ހޯއްދަވައިފިނަމަ، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާއަށް ދާއިރު އެ ޕާޓީގެ ވާތުފިޔައަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

އެލެސްކާގެ ސެނެޓް ރޭހުގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފަ އެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓް އުމުރުން 53 އަހަރުގެ މޭރީ ޕެލްޓޯލާގެ ކެމްޕޭނުން، އޭނާގެ ވާދަވެރިޔާ ރިޕަބްލިކަން ސެނެޓަރު އުމުރުން 61 އަހަރުގެ ޑޭން ސަލިވަންއާ އެއް ނަމެއް ކިޔާ ތިންވަނަ ކެންޑިޑޭޓަކު އިންތިޚާބަށް ނެރެން މަސައްކަތްކުރި ކަމަށް ނިއު ޔޯކް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ. ޕެލްޓޯލާ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ޓްރަމްޕްގެ ސަރުކާރުގެ ޖަސްޓިސް ޑިޕާޓްމަންޓުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައި، އިންތިޚާބުގެ ނަތީޖާ ބަލައިގަތުން ހުއްޓުވުމަށް ދަޢުވާއެއް އުފުލި ނަމަވެސް، ފަނޑިޔާރު ވަނީ އެ މައްސަލަ ބޭރުކޮށްލައްވާފަ އެވެ.

ޓެކްސަސްގައި، ޑިމޮކްރެޓިކް ކެންޑިޑޭޓް އުމުރުން 37 އަހަރުގެ ޖޭމްސް ޓަލަރީކޯ ދަނީ އެތައް އަހަރެއް ވަންދެން ރިޕަބްލިކަނުންގެ އަތްދަށުގައި އޮތް އެންމެ ބޮޑު ސްޓޭޓް ކާމިޔާބުކުރުމުގެ އުއްމީދު އާކުރަމުންނެވެ. އޭނާގެ ވާދަވެރިޔާ، އެތައް ކޮރަޕްޝަނެއްގެ ތުހުމަތު އެޅިފައިވާ އެޓަރނީ ޖެނެރަލް އުމުރުން 63 އަހަރުގެ ކެން ޕެކްސްޓަންއަށް ދަނީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކްގެ އެހީތެރިކަން ލިބެމުންނެވެ. މަސްކް ވަނީ ރިޕަބްލިކަނުން ކުރިއެރުވުމަށް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުކޮށްފަ އެވެ.

ކެންސަސްގައި، ފާދިރީއެއް ކަމަށްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް އުމުރުން 62 އަހަރުގެ އެޑަމް ހެމިލްޓަން އުޅެނީ ރިޕަބްލިކަން ސެނެޓަރު އުމުރުން 66 އަހަރުގެ ރޮޖަރ މާޝަލްއަށްވުރެ ކުޑަ ތަފާތަކުން ކުރީގަ އެވެ. ކެންސަސްއަކީ 2024 ވަނަ އަހަރު %16 އަށްވުރެ ބޮޑު ތަފާތަކުން ޓްރަމްޕަށް ވޯޓުދިން އަދި ފާއިތުވި ގަރުނެއްހާ ދުވަހު ޑިމޮކްރެޓިކް ސެނެޓަރަކު އިންތިޚާބުކޮށްފައި ނުވާ ސްޓޭޓެކެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވާދަކުރައްވާ ނިއު ޔޯކް ސިޓީގެ ޑިމޮކްރެޓިކް ކެނޑިޑޭޓު ދޭރިއާލީޒާ އަވީލާ ޗެވާލިއޭ ވޯޓު ލެއްވުމަށްފަހު ވޯޓުލާ މަރުކަޒުން ބޭރަށް ވަޑައިގަންނަވަނީ

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވާދަކުރައްވާ ނިއު ޔޯކް ސިޓީގެ ޑިމޮކްރެޓިކް ކެނޑިޑޭޓު ދޭރިއާލީޒާ އަވީލާ ޗެވާލިއޭ ވޯޓު ލެއްވުމަށްފަހު ވޯޓުލާ މަރުކަޒުން ބޭރަށް ވަޑައިގަންނަވަނީ | އަލް ޖަޒީރާ

މެއިން ސްޓޭޓުގައި، އުމުރުން 73 އަހަރުގެ ރިޕަބްލިކަން ސެނެޓަރު ސޫޒަން ކޮލިންސް މަސައްކަތްކުރައް ވަނީ ހަވަނަ ދައުރެއް ކާމިޔާބުކުރެއްވުމަށެވެ. އޭނާއާ ވާދަކުރައްވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓްރޯއީ ޖެކްސަން (58 އަހަރު) އެވެ. ޖެކްސަންއަށް ކެންޑިޑޭޓުކަން ލިބިވަޑައިގަތީ، ކުރިން ވާދަކުރެއްވި ގްރެހަމް ޕްލެޓްނަރގެ މައްޗަށް ކުރެވުނު އަޚުލާގީ ތުހުމަތުތަކަކާ ގުޅިގެން އޭނާ ރޭހުން ވަކިވެވަޑައިގަތުމުންނެވެ. މީގެ އިތުރުން އަޔޯވާ، ނެބްރާސްކާ، އޮހާޔޯ އަދި ދެކުނު ކެރޮލައިނާގައި ވެސް ކުރިއަށް ދަނީ ވަރަށް ވާދަވެރި ރޭސްތަކެކެވެ. މިއީ، ހުސް ރިޕަބްލިކަނުންގެ ގޮނޑިތަކެވެ.

ޖަސްޓިސް ޑިޕާޓްމަންޓުގެ ބޮޑު މޮނިޓަރިންގ އޮޕަރޭޝަން

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނީ، އިންތިޚާބު އޮބްޒާވުކުރުމަށް 1,000 އޮފިޝަލުން ހުރިހާ ސްޓޭޓަކަށް ފޮނުވާފައިވާ ކަމަށެވެ. މިއީ، އެ ޤައުމުގެ ތާރީޚުގައި ވެސް ވޯޓުލާ ދުވަހު ހިންގާ އެންމެ ބޮޑު މޮނިޓަރިންގ އޮޕަރޭޝަން ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި އޮޕަރޭޝަންގައި ޚާއްސަ ސަމާލުކަމެއް ދެނީ ވޯޓުލުމަށް ދަތިތައް ކުރިމަތިވެފައިވާ ތާރީޚެއް އޮތް ސަރަހައްދުތަކަށާއި، ވޯޓުލާ މީހުންނަށް ބިރުދެއްކުމުގެ ފުރުސަތު އޮތް ވާދަވެރި ދާއިރާތަކަށެވެ.

ހައުސްގެ ގޮނޑިތަކަށް ބަލާއިރު، އިސް އިންތިޚާބީ ދިރާސާވެރިންގެ ތަހުލީލުތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކުރާ ގޮތުގައި، ވާދަވެރިކަން ވަރަށް ބޮޑު 47 ދާއިރާއެއް އެބައޮތެވެ. އެހެން ދާއިރާތައް ލަފާކުރެވުނު ގޮތަށް ގޮސްފިނަމަ، ހައުސްގެ އަޣުލަބިއްޔަތު ހޯދަން ޑިމޮކްރެޓުން ބޭނުންވަނީ މި 47 ދާއިރާގެ ތެރެއިން އެންމެ 13 ގޮނޑި އެވެ. ހައުސްގެ ކުރިމަތިލުންތައް ގިނައިން ހިނގަނީ 2024 ގައި ޓްރަމްޕް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ރިޕަބްލިކަން ސަރަހައްދުތަކުގަ އެވެ. ދާއިރާތަކުގެ އިންތައް ބަދަލުކޮށްގެން ރިޕަބްލިކަނުންނަށް ފައިދާވާނެ ގޮތް ހެދުމަށް ޓްރަމްޕް ތާއީދުކުރެއްވި މަސައްކަތުން، ވައިޓް ހައުސް އުއްމީދުކުރި ފަދަ ނަތީޖާއެއް ނުނިކުތެވެ.

އިންތިޚާބުތައް އޮޅުވާލާފައިވާ ކަމަށް އަބަދުވެސް ދޮގު ތުހުމަތުކުރައްވާ ޓްރަމްޕް، ރިޕަބްލިކަން ޕާޓީ ބަލިވެއްޖެނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ގޮންޖައްސަވާފާނެ ކަމުގެ އިންޒާރު ޑިމޮކްރެޓުން ދަނީ ދެމުންނެވެ. އެލެސްކާގެ އިތުރުން، ސައްހަނޫން ވޯޓުތަކެއް ކަމަށް ބުނެ ކެލިފޯނިއާގެ ބައެއް ވޯޓުތައް ހުއްޓުވުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. މިއީ، ސިޔާސީ ނުފޫޒުން އިންތިޚާބުތައް އެއްކިބާކުރުމަށް އެތައް އަހަރެއް ވަންދެން ގެންގުޅުނު އުސޫލުތަކާ ޚިލާފު ކަމެކެވެ. ނަމަވެސް، އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ކުއްލި އަމުރެއް ނެރެދިނުމަށް ޓްރަމްޕްގެ ސަރުކާރުން އެދުނު އެދުމަށް ހޯމަ ދުވަހު ދެކޮޅުހަދާފަ އެވެ.

ކޮންގްރެސްގެ އިތުރުން، 36 ސްޓޭޓެއްގެ ގަވަރުނަރުން ހޮވުމުގެ އިންތިޚާބާއި، ސްޓޭޓް މަޖިލިސްތަކުގެ އެތައް ހާސް ގޮނޑިތަކެއްގެ އިންތިޚާބު ވެސް އަންގާރަ ދުވަހު ކުރިއަށްދާނެ އެވެ. މީގެ އިތުރުން ބިލިޔަނަރުންގެ އަތުން ޓެކުސް ނެގުމާއި އަދި ދަރިމައިވުމާއި ވިހެއުމުގެ ހައްގުތަކާ ގުޅޭ މުހިންމު ވޯޓުލުންތައް ވެސް ސްޓޭޓް ފެންވަރުގައި ކުރިއަށްދާނެ އެވެ.

މަސްދަރު: ރޮއިޓަރސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ މިޑްޓާމް އިންތިޚާބުޢަބްދުލް އަލް-ސައްޔިދުއީރާން-އެމެރިކާ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2026

ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟

03 ނޮވެމްބަރު 2026
ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟
03 ނޮވެމްބަރު 2026

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

03 ނޮވެމްބަރު 2026
އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި
03 ނޮވެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

03 ނޮވެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް
02 ނޮވެމްބަރު 2026

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

02 ނޮވެމްބަރު 2026
"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު
02 ނޮވެމްބަރު 2026

ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

02 ނޮވެމްބަރު 2026
ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ
02 ނޮވެމްބަރު 2026

އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!

02 ނޮވެމްބަރު 2026
އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!
01 ނޮވެމްބަރު 2026

ނުތަނަވަސްކަމުގެ ތެރެއިން ވެސް އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ހުއްޓައެއްނުލަން: ރޫބިއޯ

01 ނޮވެމްބަރު 2026
ނުތަނަވަސްކަމުގެ ތެރެއިން ވެސް އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ހުއްޓައެއްނުލަން: ރޫބިއޯ
01 ނޮވެމްބަރު 2026

ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން

01 ނޮވެމްބަރު 2026
ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން
01 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ

01 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ
01 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމުމާ ގުޅޭ "އެއްބަސްވުމަކާ ވަރަށް ގާތްވެއްޖެ": ޓްރަމްޕް

01 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމުމާ ގުޅޭ "އެއްބަސްވުމަކާ ވަރަށް ގާތްވެއްޖެ": ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް