އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރަކަށް ޢަބްދުލް އަލް-ސައްޔިދު ވެވަޑައިގަންނަވައިފި
4 ނޮވެމްބަރު 2026 | ބުދަ 08:05މިޝިގަންގެ ސެނެޓް ގޮނޑި ކާމިޔާބުކުރެއްވި ޑރ. އަލް-ސައްޔިދު ވަނީ އޭނާގެ ދީނަށް އަމާޒުކޮށް ރިޕަބްލިކަން ޕާޓީން ދިން ހަމަލާތަކަށް ރައްދުދެއްވައި، މިއީ ނުބައި ފިކުރުތަކުގެ މައްޗަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައި. ޓްރަމްޕްގެ ތާއީދު އޮތް ސްޓޭޓަކުން ހޯއްދެވި މި ތާރީޚީ ކާމިޔާބީއާއެކު، އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރަށް


އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ މުސްލިމް ބޭފުޅާ، ޢަބްދުލް އަލް-ސައްޔިދު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އެމެރިކާގެ މިޝިގަން ސްޓޭޓުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަތީގެ، ސެނެޓުގެ ގޮނޑިއަށް ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޑރ ޢަބްދުލް އަލް-ސައްޔިދު، ރިޕަބްލިކަން ޕާޓީގެ ކުރީގެ މެންބަރު މައިކް ރޮޖަރސް ބަލިކުރައްވައި އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާގެ ޝަރަފު ހޯއްދަވައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގަންނަވަފި އެވެ.
އަންގާރަ ދުވަހު ބޭއްވި މި އިންތިޚާބުގައި އަލް-ސައްޔިދު ހޯއްދެވި މި ކާމިޔާބީއާއެކު، ޑިމޮކްރެޓުން ވަނީ ސެނެޓުގައި އެ ޕާޓީން ހިފަހައްޓަމުން އައި މުހިންމު މި ގޮނޑި ދިފާޢުކޮށްފަ އެވެ. ޑޮކްޓަރެއްގެ އިތުރުން އާންމު ސިއްހަތާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދު ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސިޔާސީ ދާއިރާއިން ރިޓަޔަރ ކުރައްވަން ނިންމެވި ސެނެޓަރ ގެރީ ޕީޓާރސްގެ ހުސްވި ގޮނޑިއަށް ވާދަކުރެއްވުމަށެވެ.
މި އިންތިޚާބީ ކެމްޕޭނަކީ ދެ ފަރާތުގެ މެދުގައި ވަރުގަދަ އަރާރުންތަކެއް ހިނގައިދިޔަ ކެމްޕޭނެކެވެ. މި ގޮތުން އަލް-ސައްޔިދުގެ އިސްލާމްދީނުގެ އަގީދާއަށް އަމާޒުކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ އިސް ސިޔާސީ ފަރާތްތަކުން ތަކުރާރުކޮށް ހޫނު ހަމަލާތަކެއް ދީފައިވެ އެވެ. ނަމަވެސް، ހަރުކަށި ފިކުރުތަކާ އޭނާއާ އެއްވެސް ގުޅުމެއް ވާކަމަށް ބުނެ ކުރި ހުރިހާ ތުހުމަތުތަކެއް އަލް-ސައްޔިދު ވަނީ ދޮގުކުރައްވާފަ އެވެ.
ހަމަމިއާއެކު، އަލް-ސައްޔިދު މި ތާރީޚީ ކާމިޔާބީ ހޯއްދެވީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޑަ ފަރަގަކުން ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓަކުން ކަމަށް ވުމަކީ މި ނަތީޖާގެ ސިޔާސީ ބުރަދަން އިތުރަށް ބޮޑުވެގެންދާ ސަބަބެކެވެ. 2027 ޖަނަވަރީ މަހު އެމެރިކާގެ އާ ކޮންގްރެސްގެ ދައުރު ފެށުމާއެކު، އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ސެނެޓުގައި ޚިދުމަތް ކުރައްވާނެ ފުރަތަމަ މުސްލިމް ސެނެޓަރަށެވެ.
"ނުބައި މީހުން ބަލިވެއްޖެ... އަޅުގަނޑުމެން މޮޅުވެއްޖެ!"
ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިޝިގަންގައި އޮތް އިންތިޚާބީ ޖަލްސާއެއްގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން، އަލް-ސައްޔިދު ވަނީ އުފާފާޅުކުރައްވައި ރައީސް ޓްރަމްޕަށާއި ނައިބު ރައީސް ޖޭޑީ ވެންސަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ.
އިންތިޚާބުގެ ނަތީޖާ ބަލަން އެއްވެ ތިބި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ މިޝިގަންގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، މުޅި ކެމްޕޭނުގައި އެ ރައްޔިތުން ދެއްކި ސާބިތުކަމާއި، ހިތްހެޔޮކަމާއި، ސީދާ ތެދުވެރިކަން އެމެރިކާގެ ސެނެޓަށް ގެންގޮސްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި އެވެ.
"މިޝިގަންގެ ރައްޔިތުން! ތިޔަބޭފުޅުން އަޅުގަނޑަށް ދެއްކެވި ހިތްތިރިކަމާއި، ސާބިތުކަމާއި، ހިތްވަރާއެކު ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަށް އަޅުގަނޑު މިހުރީ ކެތްމަދުވެފައި،" ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އަލް-ސައްޔިދު ވިދާޅުވި އެވެ.
މިއާއެކު، މި ނަތީޖާއަކީ ސިޔާސީ ވާދަވެރިންގެ ފިކުރުތައް ބޮލާލައިޖަހައި، މާ މަތިވެރި އަމާޒަކަށް ކުރި މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަން އޭނާ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
"މާދަމާ އެ މީހުން ގާތުގައި ބުނޭ... ނުބައި މީހުން ބަލިވެއްޖެ. މާ ބޮޑު ކަމަކަށް ޓަކައި އެންމެން އެކުގައި ކުރި މަސައްކަތުން، އަޅުގަނޑުމެން މޮޅުވެއްޖެ ކަމަށް ބުނޭ. އަޅުގަނޑުމެން މޮޅުވެއްޖެ! އެހެންވީމާ މައިކް [ރޮޖަރސް]، ރިޓަޔަރމަންޓުގެ އުފާ ހޯއްދަވާ!" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އާ ސެނެޓަރުން ހުވާކުރުމުގެ ޤާނޫނީ ޒިންމާއާ ހަވާލާދެއްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސަށް ވެސް އަލް-ސައްޔިދު ވަނީ މަލާމާތުގެ ރައްދެއް ދެއްވާފަ އެވެ. "ޤާނޫނުއަސާސީން ލާޒިމުކުރާތީ، އަންނަ ޖަނަވަރީ މަހު އަޅުގަނޑަށް ހުވާލައިދޭން ޖެހޭ ފަރާތަކީ ތިޔަބޭފުޅާ ކަމުގައި ވުމަކީ ހަގީގަތުގައި ވެސް ވަރަށް ފުރިހަމަ، ތަގުދީރުގެ މަޖާ އަޖައިބެއް،" އަލް-ސައްޔިދު ވިދާޅުވި އެވެ.
އަދި ކެމްޕޭން ޖަލްސާތަކުގައި އޭނާގެ ނަން ކިޔަން އުނދަގޫވެގެން އުޅުނު ކަމަށް ދައްކައިގެން މަލާމާތްކުރެއްވި ޓްރަމްޕަށް އިޝާރާތްކުރައްވައި އަލް-ސައްޔިދު ވިދާޅުވީ؛ "ޑޮނަލްޑް، ބައްލަވާ! އަޅުގަނޑުގެ ނަން ކިޔަން ތިބޭފުޅާއަށް އުނދަގޫވިކަން އެނގޭ. އެހެންވީމާ، އަންނަ ޖަނަވަރީ މަހު ޖޭޑީ [ވެންސް] އަޅުގަނޑަށް ހުވާލައިދިނުމުން، ދެން އަޅުގަނޑަށް 'ސެނެޓަރ' އޭ ކިޔައި މުޚާތަބުކުރެއްވިޔަސް އެންމެ ރަނގަޅު،" މި ފަދައިންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











