އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި
3 ނޮވެމްބަރު 2026 | އަންގާރަ 06:54އެމެރިކާއާއި އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އައު ހަނގުރާމައެއް ފެށިއްޖެނަމަ ކުރިއަށްވުރެ ވަރުގަދަ އައު އުކުޅުތަކާއި ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައި. ނަމަވެސް، ޤައުމުގެ އިގުތިސާދީ ހާލަތާއި ޖާސޫސީ ބަލިކަށިކަމުގެ ސަބަބުން އާންމު ރައްޔިތުންނާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި


އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) މެންބަރެއް ވެރިރަށް ތެހެރާނުގައި ފޯރިމަރަނީ | ރޮއިޓަރސް
އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް އަލުން ފެށިއްޖެނަމަ، އެއީ ހީކުރާ ވަރަށް ވުރެ މާ ދިގުދެމިގެންދާނެ އަދި ޚަރަދު ބޮޑު ކުރިމަތިލުމަކަށް ވާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި އެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މި އިންޒާރު ދީފައި މި ވަނީ، އެމެރިކާއިން އަނެއްކާ ވެސް އީރާނުގެ ރަށްތަކަށް ބޮންއަޅަން ފެށުމާ ގުޅިގެންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ފެށި ޣައިރުގާނޫނީ ހަނގުރާމަ، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ފަހު އަލުން ފެށިދާނެ ކަމުގެ ނިޝާންތައް އިތުރުވަމުން ދަނިކޮށް، އެމެރިކާއިން ވަނީ އީރާނުގެ ޤަޝަމު ޖަޒީރާއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، ކޮންމެވެސް އެއް ގޮތަކުން އީރާނާއެކު އޮތް ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ތެހެރާނުން އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ "މަރުތޭލުގެ ވަރުގަދަ ހަމަލާ" އެ ޤައުމަށް އަމާޒުވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިންޒާރު ކުރައްވާފަ އެވެ.
އައު ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާއާއި އިސްރާއީލުގެ އިތުރުން އެހެން ޤައުމުތަކާ ދެކޮޅަށް ވެސް އައު ހަތިޔާރާއި އުކުޅުތައް ބޭނުންކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެ އެވެ. މިއީ 2025 ޖޫން މަހުން ފެށިގެން މި ޤައުމުތަކުގެ މެދުގައި ހިނގާނެ ތިންވަނަ ބޮޑު ކުރިމަތިލުމަށް ވާނެ އެވެ.
އަސްކަރީ ގާބިލުކަން އިތުރުކުރުމާއި އައު އަމާޒުތައް
އައިއާރްޖީސީގެ ކުރީގެ އިސް ކޮމާންޑަރެއް ކަމަށްވާ ޙުސައިން ކަންޢާނީ މުޤައްދަމް ވިދާޅުވީ، މި އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ކުރީގެ ހަނގުރާމަތަކާ އަޅާބަލާއިރު މިހާރު އޮޕަރޭޝަނަލް ގޮތުން ސިފައިން އޮތީ މާ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
"ހަމަލާ ދިނުމުގެ ގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ޓާގެޓް ޑޭޓާބޭސް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައި. މިސައިލްތަކުގެ ރާސްތާއާއި، އަމާޒަށް ވާސިލުވުމުގެ ސައްހަކަމާއި، ވޯހެޑްތައް ވަނީ ކުރިއަރުވާފައި. އަދި ޑްރޯންގެ ގާބިލުކަން ވެސް ވަނީ އިތުރުކުރެވިފައި،" މުޤައްދަމް ވިދާޅުވި އެވެ.
މި ގޮތުން، ދުޝްމަނުންގެ އައު އަމާޒުތައް ދެނެގަނެވިފައިވާ ކަމަށާއި އިތުރު ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް ރޭވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާނަށް އަލުން ހަމަލާއެއް އަތުވެއްޖެނަމަ، މީގެ ކުރިން ހާމަކޮށްފައިނުވާ ގާބިލުކަމާއި އަމާޒުތައް ހާމަކޮށް ބޭނުންކުރާނެ ކަމަށް ވެސް އޮފިޝަލުން ހާމަކުރެ އެވެ.

އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) މެންބަރެއް ހަތިޔާރުތަކެއް އިންސްޕެކްޓު ކުރަނީ | އަލް ޖަޒީރާ
އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އީރާނުގެ ޖެނެރަލް ސްޓާފް އޮފް އާމްޑް ފޯސަސްއާއި، އައިއާރްޖީސީ އަދި ޤައުމީ އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ދާދިފަހުން އެ ޤައުމުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، އީރާނުން ވަގުތުން ރައްދު ހަމަލާ ދޭނެ ކަމަށާއި، އެ ހަމަލާތައް ހުޅަނގު އޭޝިއާގެ ސަރަހައްދުން ބޭރަށް ވެސް ފުޅާވެދާނެ ކަމަށް ކޮމާންޑަރުން ވަނީ ވިދާޅުވެފަ އެވެ.
އައިއާރްޖީސީގެ ތަރުޖަމާނު ޙުސައިން މުޙިއްބީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ، ދެވަނަ ހަމަލާއަކާ ކުރިމަތިލުމަށް އެ ލަޝްކަރު އޮތީ ތައްޔާރަށް ކަމަށެވެ. އަދި "އެންމެ މަތީ ދަރަޖައިގެ ދިފާޢީ ބާރު" ހޯދުމަކީ ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި އީރާނުން ހާސިލުކުރާނެ ލަނޑުދަނޑިއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިޔާ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ވަސީލަތްތަކުގެ މޮޅުކަމުގެ މައްޗަށް ކުރިހޯދުމަށް ކޮމާންޑަރުން ބުރަވާނީ "އޭސިމެޓްރިކް ހަނގުރާމަ" ނުވަތަ ނުރަސްމީ އަސްކަރީ އުކުޅުތަކަށް ކަމަށެވެ. އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހު ސޮއިކުރި ފަހުމުނާމާއަށް ފަހު އައި ކުރު މުއްދަތުގެ ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި، ބައެއް ހަތިޔާރުތައް މަރާމާތުކޮށް އައު އާލާތްތަކާއި އައު އުކުޅުތައް އަސްކަރިއްޔާއަށް އިތުރުކޮށްފައިވާ ކަމަށް ވެސް އަކްރަމީނިޔާ ވިދާޅުވި އެވެ.
ސިއްރު ވިޔަފާރިއާއި ހުރްމުޒް ކަނޑައޮޅީގެ ނުތަނަވަސްކަން
މިދިޔަ މަހު އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ބިންގަރާހެއްގެ ތެރޭގައި ގާއިމުކޮށްފައިވާ އަސްކަރީ ކާރުޚާނާއެއްގައި ހިންގާ ޑްރޯން އުފެއްދުމުގެ މަސައްކަތްތައް ދައްކާލާފަ އެވެ. އަދި 'އާރަޝް' މަރުކާގެ ޑްރޯންގެ ފެންވަރު މަތިކޮށްފައިވާ އައު ވައްތަރެއް ދައްކާލުމާއެކު، އޭގެ ވޯހެޑް 100 ކިލޯގްރާމަށް ދެގުނަ ބޮޑުކޮށް، އަމާޒަށް ވާސިލުވުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
ދާދިފަހުން ނެރުނު ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން، އީރާނުގެ ދިފާޢީ އިދާރާތަކާ ގުޅުންހުރި ގިނަ އަދަދެއްގެ އަސްކަރީ އޭޖެންސީތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަނެ، އައިއާރްޖީސީގެ ހަތިޔާރު މުއްސަނދިކުރުމަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އަސްކަރީ މުދާ އެތެރެކޮށްފަ އެވެ. 2025 ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޗައިނާ، ރަޝިއާ އަދި ޖަރުމަނުވިލާތުން އެތެރެކުރި މި ސާމާނުގެ ތެރޭގައި ރޮކެޓް އުދުއްސުމަށް ބޭނުންކުރާ ތަކެއްޗާއި، ގޮވާތަކެއްޗާއި، ޑެޓޮނޭޓަރާއި، ޓައިޓޭނިއަމްގެ އިތުރުން މިސައިލް ފޮނުވާ ލޯންޗަރުގެ ގޮތުގައި ބޭނުންކުރެވޭ ބޮޑެތި ޓްރަކްތައް ހިމެނެ އެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުގެ ގިނަ އަދަދެއްގެ މިސައިލް ދިފާޢީ ނިޒާމުތަކަށާއި ރާޑަރުތަކަށް ގެއްލުން ލިބުނު ނަމަވެސް، ބާކީ ހުރި އަދި އަލަށް އުފެއްދި ނިޒާމުތަކުގެ އަމާޒު މާ ބޮޑަށް ސީދާވަމުން އަންނަ ކަމަށް މުޤައްދަމް ވިދާޅުވި އެވެ. މިއާއެކު، އެމެރިކާގެ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓަކަށާއި އެހެނިހެން މަތިންދާބޯޓުތަކާއި ޑްރޯންތަކަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ކާމިޔާބީއެއް ކަމަށާއި، އެ ފަދަ ހަމަލާތައް ތަކުރާރުކޮށް އިތުރަށް ފުޅާކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކަނޑުމަތީގައި، ބޮޑެތި ތެޔޮ ޓޭންކަރުތަކަށް ފަސޭހަކަމާއެކު ހަމަލާދެވިދާނެ ކަން އަޅުގަނޑުމެން ވާނީ ދައްކުވައިދީފައި،" އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑައޮޅިން ދަތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ. އަދި، ސެޕްޓެންބަރު މަހު އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އެ މުހިންމު ކަނޑުގެ ސަރަހައްދަށް ވަނުން އެމެރިކާގެ އަސްކަރިއްޔާއިން މިިހާރު ހުއްޓައިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އީރާނުގެ ދެކުނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައި އޮތް އޮތުން އަދިވެސް ދަނީ ކުރިއަށެވެ.
ދާޚިލީ ނާޒުކުކަމާއި ޖާސޫސީ ބަލިކަށިކަން
ހަނގުރާމަ އަލުން ފެށިއްޖެނަމަ، އީރާނުގެ އާންމު ރައްޔިތުންނާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑެވެ. ތެހެރާނާއި އެހެނިހެން ބޮޑެތި ސަހަރުތަކުގައި އާންމުން ރައްކާތެރިވާނެ ބިންގަރާސް ހިޔާވަހިކަމެއް ނުވަތަ ކުއްލި ނުރައްކަލުގެ އިންޒާރުދޭ ނިޒާމުތަކެއް ނެތެވެ. އަދި، ސަރުކާރުން ވަޢުދުވި ހިޔާވަހިތަކާއި އިންޒާރުގެ ނިޒާމުތައް ގާއިމުކުރުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަމަކަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އިގުތިސާދީ އަނދަވަޅެއްގެ ތެރޭގައި ޤައުމު އޮތްއިރު، އީރާނުގެ ކަރަންޓު ވިއުގައާއި، ތެލާއި ގޭހުގެ ވަސީލަތްތަކާއި، ޕެޓްރޯކެމިކަލް އަދި ދަގަނޑު އުފައްދާ ކާރުޚާނާތަކުގެ އިތުރުން މަގުތަކަށާއި ރޭލުވިއުގައަށް އަނެއްކާ ވެސް ހަމަލާތައް އަމާޒުވެ، އާންމު ދިރިއުޅުން އިތުރަށް ދަތިވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދެ ހަނގުރާމައިގައި ވެސް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ސިޔާސީ އަދި އަސްކަރީ އިސް ޝަހުސިއްޔަތުތަކެއް ވަނީ ޝަހީދުކޮށްލާފަ އެވެ.
އީރާނުގެ ކުރީގެ އިސް ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން މާރިޗު މަހުގެ ކުރީކޮޅު ޤައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުޖްތަބާ ޚާމަނާއީ، ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ބުނެ، މިހާތަނަށް އާންމުންގެ ކުރިމައްޗަށް ފެނިވަޑައިގަންނަވާފައެއް ނުވެ އެވެ. މިއާއެކު، ޤައުމުގެ އެތެރޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ވެރިކަމުގެ ނިޒާމުގެ އެތެރެއިން ވެސް ޖާސޫސީ ބަލިކަށިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ޒިންމާދާރުކުރުވުމަށް ދަނީ ގޮވާލަމުންނެވެ.
"އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑެތި ހަމަލާތަކެއް އަމާޒުވެފައި. މީގެ މައިގަނޑު ސަބަބަކީ ޖާސޫސީ ބަލިކަށިކަން. އެކަމަކު އެ ވާހަކަ ދައްކާ ނުވަތަ ޒިންމާވާނެ އެއްވެސް ފަރާތެއް ނެތް،" އީރާނުގެ ދައުލަތާ ގުޅުންހުރި ދާރިސެއް ކަމަށްވާ ޙަމްޒާ ރަޙީމް ޞަފަވީ ވިދާޅުވި އެވެ.
ޙަމްޒާއަކީ އައިއާރްޖީސީގެ ކުރީގެ ވެރިޔާ އަދި މިހާރު އެންމެ މަތީ ވެރިޔާގެ އަސްކަރީ މުޝީރު ޔަޙްޔާ ރަޙީމް ޞަފަވީގެ ދަރިކަލުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަރުކަށި ފަރާތްތަކުން ނިއުކްލިއަރ ބޮމެއް އުފެއްދުމަށް ގޮވާލާ ގޮވާލުމަކީ ޖާސޫސީ އަދި ސަލާމަތީ ބަލިކަށިކަން ފޫބެއްދޭނެ ކަމެއް ނޫނެވެ.
ނަމަވެސް، އައިއާރްޖީސީގެ ޑިވިޜަން ކޮމާންޑަރެއްގެ މަގާމު ކުރިން ފުރުއްވި އަދި މިހާރު ގާނޫނުހަދާ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޝަނުގެ މެންބަރު އިސްމާޢީލް ކައުޘަރީ ވިދާޅުވީ، އިސްވެރިން ޝަހީދުކޮށްލި ނަމަވެސް ދުޝްމަނުންގެ އަސްލު ލަނޑުދަނޑިތައް ހާސިލުނުވާ ކަމަށެވެ. އެއީ، އީރާނުގެ ވެރިކަން ވައްޓާލުމާއި އީރާން ބައިބައިކޮށްލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އެމެރިކާގެ ރައްޔިތުން އެ އުޅެނީ އަޑުގަދަކޮށް ނަފްސާނީ ހަނގުރާމައެއް ފަށައިގެން އެ މީހުންނަށް ކާމިޔާބީ ލިބިއްޖެ ކަމަށް ދައްކަން. އެ ކަމަކު އެއީ ހަގީގަތެއް ނޫން،" ކައުޘަރީ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











