އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް
3 ނޮވެމްބަރު 2026 | އަންގާރަ 03:34ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދޭ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ޤެޝްމް ޖަޒީރާއަށް ހަމަލާތަކެއް ދީފި. މި ހަމަލާތަކަކީ ބޮޑު ހަނގުރާމައަކަށް ފުރުސަތު ނުދީ، އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނޭ. މި ހަރަކާތްތައް ހިންގާފައި މި ވަނީ އީރާނާއެކު އިތުރު ކުރިމަތިލުމަކަށް ދާން ބޭނުންނުވާކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި


އީރާނުގެ ދެކުނު އައްސޭރިފަށުގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ޤެޝްމް ޖަޒީރާގެ ސެޓެލައިޓް ފޮޓޯއެއް | ގެޓީ އިމޭޖަސް
އީރާނުގެ ދެކުނު އައްސޭރިފަށުގައި އޮންނަ އިސްތިރާޖީ ގޮތުން މުހިންމު ޤެޝްމް ޖަޒީރާއަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ. މި ހަމަލާތަކާ ގުޅިގެން ޤެޝްމް ޖަޒީރާގެ އިތުރުން ކައިރީގައިވާ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު ލެންގޭއިން ވެސް ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފަ އެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މި ގޮވުންތައް ގޮވާފައި ވަނީ ވިދިވިދިގެން ވަރަށް އަވަސްއަވަހަށް ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ، އައިއާރްއެންއޭއިން ބުންޏެވެ. އެ އޭޖެންސީއަށް މަޢުލޫމާތު ދިން މަންޒަރު ފެނުނު ފަރާތްތަކުން ބުނީ، ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އެ ޖަޒީރާގެ ވައިގެ ސަރަހައްދުން ދެ އަސްކަރީ މަތިންދާބޯޓު އުދުހެނިކޮށް ފެނުނު ކަމަށެވެ. މިއާއެކު، އީރާނުގެ 'ފާރްސް' ނޫސް އޭޖެންސީން ބުނީ ކަނޑުގެ ސަރަހައްދުން އައި ބާރުގަދަ ގޮވުންތަކުގެ އަޑު، އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބަންދަރު ލެންގޭއަށް އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތުގައި ވަރަށް ސާފުކޮށް އިވިފައިވާ ކަމަށެވެ.
ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމުގެ އޮޕަރޭޝަނެއް
އެމެރިކާގެ އަސްކަރިއްޔާއިން މި ހަމަލާތައް ދީފައިވާ ކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ 'ދި ވޯލް ސްޓްރީޓް ޖަރނަލް' އިންނެވެ. އެ ނޫހަށް މަޢުލޫމާތު ދެއްވި އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވީ، މިއީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް އީރާނުން ހަމަލާދިނުމުގެ ނުވަތަ ބިރުދެއްކުމުގެ ގާބިލުކަން ކުޑަކުރުމަށް އަމާޒުކޮށް ދިން "ދިފާޢީ ހަމަލާތަކެއް" ކަމަށެވެ.
ހަމަމިއާއެކު، މި ހަމަލާތަކަކީ އަލުން ފުޅާ ދާއިރާއެއްގައި ބޮޑު ހަނގުރާމައެއް ފެށުމުގެ މެސެޖެއް ނޫންކަން ދެއްކުމުގެ ގޮތުން، މި އަސްކަރީ ހަރަކާތްތައް އެމެރިކާއިން ގަސްދުގައި ސިއްރުކޮށްފައި ބޭއްވި ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ނޫސް އޭޖެންސީ 'އެސޯސިއޭޓެޑް ޕްރެސް' އިން (އޭޕީ) ވެސް ވަނީ ހުރްމުޒް ކަނޑުއޮޅީގައިވާ އީރާނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފައިވާ ކަން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ކަށަވަރުކޮށްދީފަ އެވެ.
ހަފުތާތަކެއް ވަންދެން ދެމިގެންދިޔަ ހަމަލާތަކާއި ޓްރަމްޕުގެ ބަސްފުޅު
އެމެރިކާގެ އަސްކަރީ ބާރުތަކުން ވޭތުވެދިޔަ ހަފުތާތަކުގައި ވެސް އީރާނުގެ އެކި އަމާޒުތަކަށް ކުދި ހަމަލާތައް މެދުކެނޑުމެއްނެތި ދެމުން ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ވަނީ ޖަރނަލްއަށް މަޢުލޫމާތު ދެއްވާފަ އެވެ. މި ހަމަލާތަކުގެ ޚަބަރު ފެންމަތިވެފައި މި ވަނީ، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނާއެކު އަލުން ބޮޑު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ފުރުސަތު ކުޑަކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
"އަޅުގަނޑުމެން އީރާނާއެކު ހަނގުރާމައެއް ކުރިން. އަޅުގަނޑުމެން މޮޅުވެއްޖެ،" ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އެއީ، ހަނގުރާމައެކޭ ކިޔަންވީ ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ. ސަބަބަކީ މަސްތަކެއް ވަންދެން އަޅުގަނޑުމެން އެއްވެސް ހަނގުރާމައެއް ނުކުރާތީ."
މަސްދަރު: އަލް ޖަޒީރާ











