މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކުރަނީ
3 ނޮވެމްބަރު 2026 | އަންގާރަ 03:45މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ޗައިނާއިން ކުރާ ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކޮށް، އީރާނާއި ޢުމާނުގެ އިސްވެރިންނާ ބެއިޖިންގގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފި. މި ބައްދަލުވުންތަކުގައި ސަރަހައްދީ ހަމަޖެހުމާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި، ޢުމާނާއެކު ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ 14 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި


ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޢުމާނުގެ ރަސްގެފާނު، ސުލްޠާން ހައިޘަމް ބިން ޠާރިޤުއާ ބެއިޖިންގގައި ބައްދަލު ކުރައްވަނީ | ރޮއިޓަރސް
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ހިމެނޭހެން، މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް މެދުކެނޑުމެއް އައިސްފައި އޮތުމަށްފަހު، ޗައިނާއިން އަލުން އެ ސަރަހައްދުގައި ޚާރިޖީ ގޮތުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ހޯމަ ދުވަހު ބެއިޖިންގގައި އީރާނުގެ ސަލާމަތީ އިސް މަސްއޫލުވެރިއަކާ ބައްދަލުކުރެއްވި އިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ތާރީޚީ ފުރަމާނަ ދަތުރުފުޅެއްގައި ބެއިޖިންގއަށް ވަޑައިގެންނެވި ޢުމާނުގެ ރަސްގެފާނު، ސުލްޠާން ހައިޘަމް ބިން ޠާރިޤުއާ ބައްދަލުކުރައްވައި، މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަވާފަ އެވެ.
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާގެ ނައިބު ޢަލީ ބާޤިރީ ކަނީއާ ބައްދަލުކުރައްވައި ވާންގް ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތައް "ދިގުލައިގެން ގޮސް، އިތުރަށް ފެތުރިގެން ދިއުމުގެ ނުރައްކާ އޮތް ހިނދު"، ކުރިއަށް ދެވެން އޮތް "ހަމައެކަނި އަމަލީ މަގަކީ" ވާހަކަދެއްކުމާއި މަޝްވަރާ ކުރުން ކަމަށެވެ. މިއާއެކު، އީރާނުގެ އިސްތިގުލާލާއި ސަލާމަތަށް ޗައިނާއިން ތާއީދުކުރާކަން އޭނާ އަލުން ކަށަވަރުކޮށްދެއްވި އެވެ. މި ހަމަނުޖެހުންތައް ފެށުމުގެ ޒިންމާ ޗައިނާއިން އަބަދު ވެސް އަޅުވަނީ އެމެރިކާއާއި އިސްރާއީލުގެ ކޮނޑުގަ އެވެ.
ޚާރިޖީ މަސައްކަތްތައް ހުއްޓިފައި އޮތުމާއި ބެއިޖިންގގެ ކަންބޮޑުވުން
"ޗައިނާއަކީ ތެހެރާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް. އެއީ، އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އަދި އީރާނުގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމު،" މަސްރަޙު ދިރާސާކުރާ ނޫސްވެރިއެއް ކަމަށްވާ ކެޓްރީނާ ޔޫ ބުންޏެވެ.
ނަމަވެސް، ފަހަކަށް އައިސް ބެއިޖިންގގެ ޚާރިޖީ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވާ ކަން ފާހަގަކުރަމުން އޭނާ ބުނީ، "ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ޚާރިޖީ ގޮތުން ޗައިނާއިން މާ އެދެވޭ މަސައްކަތްތަކެއް ނުކުރާތާ މަދު ހަފުތާތަކެއް، ނުވަތަ މަސްތަކެއް ވެދާނެ" ކަމަށެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުންތަކުން ދައްކުވައި ދެނީ، އެއްވެސް ކުރިއެރުމެއް ނުލިބި ލަސްވަމުންދާތީ ޗައިނާގެ ކެތްތެރިކަން ކޮޅުންލަމުންދާ މަންޒަރު ކަމަށް ބެލެވެ އެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި ޗައިނާ އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައި، އަދި މި މަރުހަލާގެ ތެރެއަށް އެ ޤައުމު ވަންނަން ބޭނުންވާ ކަން ދައްކަން އެ މީހުން ބޭނުންވޭ،" ޔޫ ބުންޏެވެ.
މި ހަރަކާތްތެރިކަން އިތުރުކުރުމުގެ ހެއްކެއްގެ ގޮތުން، ޗައިނާގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު އިޢުލާނުކުރި ގޮތުގައި، މެދުއިރުމައްޗަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ޖާއީ ޖުން މި މަހުގެ ތެރޭގައި އީރާނާއި، ޢުމާން އަދި ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރައްވާނެ އެވެ.
ޢުމާނާއެކު އޮތް ގުޅުން އަދި ހުރްމުޒްގެ ހަކަތައިގެ މަގު
މި ދަނޑިވަޅުގައި، 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރި ފަހުން ޗައިނާއަށް ވަޑައިގެންނެވި ޢުމާނުގެ ފުރަތަމަ ވެރިޔާގެ ގޮތުގައި ސުލްޠާން ހައިޘަމަށް ރައީސް ޝީ ވަނީ މަރުހަބާ ދަންނަވާފަ އެވެ. ޝީ ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފު ސަރަހައްދަކީ "ބޮޑެތި ބާރުތަކުގެ ވާދަވެރިކަމާއި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ މައިދާނަކަށް ވެގެން ނުވާނެ" ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅީގެ އައްސޭރީގައި އީރާނާ ދިމާ އިދިކޮޅަށް އޮންނަ އޮމާނަކީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ. އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅުމުގެ ކުރިން، ދުނިޔޭގެ ހަކަތައިގެ އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި ދައުރުވަމުން ދިޔައީ މި މަގުންނެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަކަތަ އެތެރެކުރާ އެއް ޤައުމަށް ވާއިރު، ޝީ ވަނީ ޢުމާނާއެކު އޮތް ދޭދޭ ގުޅުމަކީ "ތާރީޚީ އައު ފެށުމެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ޗައިނާއާއި ޢުމާނާ ދެމެދު އެއްބާރުލުން ދިނުމުގެ 14 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މި ގޮތުން އާޓިފިޝަލް އިންޓެލިޖެންސާއި، ތިމާވެއްޓާއި ރަހުމަތްތެރި ހަކަތައާއި، ސަޕްލައި ޗެއިންތަކުގެ ދާއިރާތަކުގެ އިތުރުން ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއް މީގެ ތެރޭގައި ހިމެނެ އެވެ. ހަމަމިއާއެކު، ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުފަތުރު އަލުން ފެށުމަށް ގޮވާލައި، އެމެރިކާއާއި އީރާނުން އަލުން ވާހަކަތައް ފެށުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޔޫ ފާހަގަކުރެއްވި ގޮތުގައި، ޚާއްސަކޮށް ޗައިނާއަށް ހަކަތަ އެތެރެކުރުމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި، މި ހަމަނުޖެހުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަނީ "ދެ ފަރާތަށް ވެސް އިސްކަންދޭ ކަމަކަށް" ވެފަ އެވެ. "ޢުމާނަކީ ވަރަށް ޚާއްސަ މުހިންމުކަމެއް އޮތް ޤައުމެއް، ސަބަބަކީ އެ ޤައުމުގެ ގިނަ ބަނދަރުތައް އޮންނަނީ އެ ކަނޑުއޮޅިން ބޭރުގައި ކަމަށްވާތީ،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











