އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ ގަތަރުގެ ގޭސް އުފުލާ ބޯޓަކަށް ހަމަލާދީފި
2 ނޮވެމްބަރު 2026 | ހޯމަ 09:44އަރަބި ކަނޑުން ދަތުރުކުރި ގަތަރުގެ ގޭސް ބޯޓަކަށް ދިން ހަމަލާ އެ ގައުމުގެ ސަރުކާރާއި ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، މިއީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ގަތަރުން ބުނޭ. ސަރަހައްދީ ހަނގުރާމައާ ގުޅިގެން މިދިޔަ މަސްތަކުގައި ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި


އަރަބި ކަނޑުގައި ހަމަލާގެ ޝިކާރައަކަށްވި ގަތަރުގެ ނާޤިލާތު ކުންފުނީގެ އެލްއެންޖީ ކެރިއަރެއް- ފައިލް ފޮޓޯ | ރޮއިޓަރސް
އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ ގަތަރުގެ ގޭސް އުފުލާ ބޯޓަކަށް ހަމަލާދީފި އެވެ.
ގަތަރުގެ ގޭސް ޓްރާންސްޕޯޓް ކުންފުނި (ނާޤިލާތު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ ކުރިމަތިވެފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސުނު ފަހުން ކަމަށެވެ. އަދި މި ހާދިސާގައި އުޅަނދުގެ ފަޅުވެރިއަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ތިމާވެށްޓަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ގަތަރުގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް އާންމުކުރި ބަޔާނުގައިވާ ގޮތުން، ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އުޅަނދު މިހާރު އޮތީ ރައްކާތެރި ހާލަތެއްގަ އެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުގެ ޚާރިޖީ ވުޒާރާއިން އެކްސްގައި ނެރުނު ބަޔާނެއްގައި، މިއީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށާއި ދުނިޔޭގެ ހަކަތައިގެ ވަސީލަތްތަކުގެ ސެކިއުރިޓީއަށް ނުރައްކާވާ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ، މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ސައުދީ އަރަބިއްޔާ، ބަހުރައިން، ޔޫއޭއީ، ޖީސީސީ، ޔަމަނުގެ ސަރުކާރު އަދި ފަލަސްތީނުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް، ގަތަރަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
މި ހަމަލާއަކީ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، މި ސަރަހައްދުގައި ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް ދެވުނު އެންމެ ފަހުގެ ހަމަލާ އެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 120 އަށްވުރެ ގިނަ ވިޔަފާރި އުޅަނދަށް ހަމަލާދީފައިވާއިރު، ނިމިދިޔަ އޮކްޓޫބަރު މަހަކީ މަދުވެގެން 29 އުޅަނދަކަށް ހަމަލާދީ، ކަނޑުދަތުރުފަތުރަށް އެންމެ ނުރައްކާތެރި މަހުގެ ގޮތުގައި ފާހަގަކުރެވުނު މަހެވެ.











