ގަޑިއަކު 110 ކިލޯމީޓަރުގެ ބާރު ވަޔާއެކު ތޫފާން 'މުރާސޫ' އިންޑިއާގެ އައްސޭރިފަށަށް އަރައިފި
3 ނޮވެމްބަރު 2026 | އަންގާރަ 06:27ބާރުގަދަ ތޫފާން 'މުރާސޫ' އިންޑިއާގެ އާންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރައި، ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. މި ތޫފާނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮޑިޝާ ސްޓޭޓުން 100,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ބިންތިރި ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން


ބާރުގަަދަ ތޫފާން 'މުރާސޫ' އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދަށް އެރުމާއެކު، ވައި ބާރުވެ، ބިޔަ ރާޅުތައް އައްސޭރިފަށުގެ ސަރަހައްދުތަކަށް ބިންދަނީ | އަނަދޮލު އޭޖެންސީ
އިންޑިއާގެ ދެކުނުގައި އޮންނަ އާންދްރަ ޕްރަދޭޝް ސްޓޭޓުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުގަދަ ތޫފާން 'މުރާސޫ' އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަރައިފި ކަމަށް އެ ޤައުމުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މި ތޫފާން އެއްގަމަށް މި އެރީ، އިންޑިއާގެ ދެކުނުގެ އައްސޭރިފަށަށް އެރި ތޫފާން 'އޮރްނޮބް' ގެ ސަބަބުން ފަސް މީހުން މަރުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން (އައިއެމްޑީ) ނެރުނު އެންމެ ފަހުގެ ތަފުސީލީ ބަޔާނުގައި ބުނީ، ބާރުގަދަ ސައިކްލޯނިކް ސްޓޯމް މުރާސޫ އާންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް އަރަން ފަށާފައިވަނީ އެ ޤައުމުގެ ގަޑިން ދަންވަރު 1:00 ގައި ކަމަށެވެ.
"ތޫފާން އެއްގަމަށް އެރުމުގެ މަރުހަލާ އަދިވެސް ދަނީ ކުރިއަށް. ތޫފާނުގެ ކުރީބައިގައި ހިމެނޭ ވިލާގަނޑުގެ [ވޯލް ކްލައުޑް] ބައެއް މިހާރު ވަނީ އެއްގަމަށް ވަދެފައި. އަދި، ތޫފާނުގެ މެދު ބައި އައްސޭރިފަށުގައި ދަނީ ބީހެމުން. ބާރުގަދަ ސައިކްލޯނިކް ސްޓޯމް މުރާސޫ މިހާރު އޮތީ އާންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ގާތުން، ހުޅަނގު-މެދުތެރޭ ބަންގާޅު ކަނޑުއޮޅީގައި،" މޫސުމާ ބެހޭ އިދާރާއިން ޝާއިއުކުރި ބަޔާނުގައި ބުންޏެވެ.
ތޫފާން އެއްގަމަށް އެރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ސަަރަހައްދުތަކަށް ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށް ވެސް އައިއެމްޑީން ބުންޏެވެ.
ތޫފާނުގެ ނުރައްކަލާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވުމަށް އާންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޗަންދްރަބާބޫ ނައިޑޫ ވަނީ އޮފިޝަލުންނަށް އިރުޝާދު ދެއްވާފަ އެވެ. ލަފާކުރެވޭ ހިސާބުތަކަށް ބަލާއިރު ތޫފާނުގެ ސަބަބުން 6،000 އާއި 8،000 އާ ދެމެދުގެ އަދަދަކަށް ކަރަންޓު ދަނޑިތަކަށް ގެއްލުންވެދާނެ ކަމަށާއި، މިއީ "ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
މިއާއެކު، އައްސޭރިފަށުގެ ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަމުރުކޮށްފަ އެވެ.
ހަމަމިއާއެކު، ތޫފާނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް ޓަކައި އަވައްޓެރި އޮޑިޝާ ސްޓޭޓުގެ ނާޒުކު ސަރަހައްދުތަކުގައި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އެ ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 151،434 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











