ތޫފާން އޮރްނޮބްގެ ސަބަބުން އިންޑިއާއިން މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައި، ކަނޑުމަތީގައި ބޯޓެއް ތާށިވެއްޖެ
29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:29އިންޑިއާގެ އިރުމަތީ އައްސޭރިއަށް އެރި ބާރުގަދަ ތޫފާން އޮރްނޮބްގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ އެ ސަރަހައްދުތައް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، މި ތޫފާނާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫއަރާފައި


އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިސާކަޕަޓްނަމްއަށް އެރި ތޫފާން 'އޮރްނޮބް' އަށް ފަހު، އެ ސަރަހައްދުގެ ގޮނޑުދޮށެއްގައި ބަޔަކު ހިނގާފައި ދަނީ. | ރޮއިޓަރސް
އިންޑިއާގެ އިރުމަތީ އައްސޭރީގެ ސަރަހައްދުތަކަށް ބާރުގަދަ ވަޔާއި ބޯ ވާރެއާއެކު އެރި ތޫފާން އޮރްނޮބްގެ ސަބަބުން، ގާތްގަނޑަކަށް ހަ މީހުން މަރުވެ، ގިނަ ސަރަހައްދުތަކަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ. މި ތޫފާން އެ ސަރަހައްދަށް އެރީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދިން ނަމަވެސް، މީޑިއާ ރިޕޯޓުތަކުން ދައްކަނީ އެއަށްވުރެ މަތީ އަދަދެކެވެ. މި ގޮތުން، 'ދި ޓައިމްސް އޮފް އިންޑިއާ' ނޫހުން ސަރަހައްދީ އޮފިޝަލުންނާ ހަވާލާދީ ބުނީ، މަރުވި މީހުންގެ ޖުމުލަ އަދަދު ނުވައަކަށް އަރާފައިވާ ކަމަށެވެ. މީހުން މަރުވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކަރަންޓުގައި ޖެހުމާއި، ގަސްތައް ވެއްޓުމުގެ އިތުރުން ގެދޮރު ވެއްޓި ފިތިގެން ހިނގި ހާދިސާތައް ހިމެނެ އެވެ. ނަމަވެސް، އާންދްރަ ޕްރަދޭޝް ސްޓޭޓް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ރަސްމީކޮށް މިހާތަނަށް ކަށަވަރުކުރެވިފައި ވަނީ ހަ މީހުން މަރުވި ކަމަށެވެ.
ތޫފާނުގެ ބާރުމިނާއި އައްސޭރިފަށަށް އެރުން
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން "ވެރީ ސިވިއާ ސައިކްލޯނިކް ސްޓޯމް" ނުވަތަ އިންތިހާއަށް ބާރުގަދަ ތޫފާނެއްގެ ގޮތުގައި ގިންތިކޮށްފައިވާ ތޫފާން އޮރްނޮބް، އާންދްރަ ޕްރަދޭޝްގެ އައްސޭރިއަށް އަރާފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ކުރީކޮޅުގަ އެވެ. މިއީ، އެ ޤައުމުގެ މޫސުމީ މިންގަނޑުގައި ތިންވަނައަށް އެންމެ މަތީ ގިންތި އެވެ. މި ތޫފާން އުފެދިފައި ވަނީ އިރުމަތީ އިންޑިއާގެ އައްސޭރިއަށް ނުރައްކާތެރި ތޫފާންތައް އުފައްދާ މައިގަނޑު ސަރަހައްދު ކަމުގައިވާ ބެންގާލް ކަނޑުގަ އެވެ.
ތޫފާނުގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ގާތްގަނޑަކަށް 15،000 ކަރަންޓު ދަނޑި ވެއްޓި ހަލާކުވެފައިވާ ކަމަށް އާންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން ޗަންދްރަބާބޫ ނައިޑޫ ވިދާޅުވި އެވެ. ކޯނަސީމާ އަދި ހުޅަނގު ގޯދާވަރީ ފިޔަވައި އެހެން ހުރިހާ ޑިސްޓްރިކްޓްތަކަކަށް މިހާރު އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް ވެސް އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޗީފް މިނިސްޓަރު ނައިޑޫ ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތައް ދުރާލާ ދެނެގަނެވި، އިންސާނީ ފުރާނައަށާއި މުދަލަށް ލިބެން އޮތް ގެއްލުން ކުޑަކުރުމަށް ސަރުކާރަށް މަގުފަހިވި ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދަތުރުފަތުރު ހުއްޓުމަކަށް
ތޫފާން އައުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އާންދްރަ ޕްރަދޭޝް އަދި އޮޑިޝާ ސްޓޭޓުން 180،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. މިއާއެކު، ބައެއް މަދަރުސާތައް ބަންދުކޮށް، ރޭލު ދަތުރުތަކާއި ވައިގެ ދަތުރުފަތުރުގެ ބައެއް ޚިދުމަތްތައް ވެސް ވަނީ މެދުކެނޑާލާފަ އެވެ.
ހަމަމިއާއެކު، އާންދްރަ ޕްރަދޭޝްގެ އައްސޭރިން ބޭރުގައި ފަރަކަށް އެރި މާޝަލް އައިލެންޑްސްގެ މުދާ އުފުލާ ބޯޓެއް، ކަނޑުގަދަވުމުގެ ސަބަބުން ބުރާސްފަތި ދުވަހު ވެސް ސަލާމަތް ނުކުރެވި ތާށިވެފައި އޮތް ކަމަށް އޮފިޝަލުން ބުންޏެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބި ކަމަށް މަޢުލޫމާތު ލިބެ އެވެ.
މަސްދަރު: ރޮއިޓަރސް











