ސައުދީ އަރަބިއްޔާގައި ކުލަގަދަ ގޮތެއްގައި ހެލޯވީން ފާހަގަކޮށްފި
2 ނޮވެމްބަރު 2026 | ހޯމަ 16:45ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ރިޔާޟުގެ އެކި ސަރަހައްދުތަކުގައި ކުލަގަދަ ހެލޯވީން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި. އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތްތަކުގައި ތަފާތު ކޮސްޓިއުމް މުބާރާތްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނުނުއިރު، މިއަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި


ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދިޔަ ހެލޯވީން "ސްކެއާރީ ވީކެންޑް" ހަރަކާތުގެ ތެރެއިން، ސަގާފީ ސައުދީ ހެދުމެއްގައި "ވީ ފޯ ވެންޑެޓާ" މާސްކެއް އަޅައިގެން ހުރި ޒުވާނަކު ފޮޓޯއަކަށް ހުއްޓިލައިގެން | ރޮއިޓާސް
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އެކި ސަރަހައްދުތަކުގައި ކުލަގަދަ ހަރަކާތްތަކަކާއެކު މިއަހަރުގެ ހެލޯވީން ފާހަގަކޮށްފި އެވެ.
އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ބިރުވެރި ސިފަސިފައިގައި ތައްޔާރުކޮށްފައިވާ ތަފާތު ކޮސްޓިއުމްތައް ބޭނުންކުރުމާއި، މޫނުގައި ކުލަޖެއްސުމުގެ އިތުރުން، ހެލޯވީން ތީމްތަކަށް ހާއްސަ ޑެކަރޭޝަންތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ވަނީ ބާއްވާފަ އެވެ.
މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ އެ ގައުމުގެ ބޮޑެތި ރެސްޓޯރެންޓްތަކާއި، ހޮޓާތަކުގެ އިތުރުން މުނިފޫހިފިލުވައިދޭ ތަންތަނުންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭހެން އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކޮސްޓިއުމް މުބާރާތްތަކާއި، ކުޑަކުދިންނަށް ހާއްސަ ޕަމްޕްކިން ޑެކަރޭޓިން ފަދަ ހަރަކާތްތައް ހިމެނެ އެވެ.
ޚަބަރުތައް ބުނާގޮތުން، މިފަދަ ބައިނަލްއަގުވާމީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ސައުދީގައި ފެންނަމުންދަނީ އެގައުމުގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ފުޅާކޮށް، ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
ރިޔާޟުގައި ބޭއްވި ހެލޯވީންގެ މި ހަރަކާތްތަކަށް އެ ގައުމުގެ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރި ފަރާތްތަކުން ފާހަގަކުރެވެ އެވެ.











