ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
26 އޮކްޓޯބަރު 2026 | ހޯމަ 08:51ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރުމަށް ސައުދީ، ޕާކިސްތާން އަދި ތުރުކީގެ އިސް ވަފުދެއް އީރާނުގެ ރައީސާއި ސަލާމަތީ މަޖިލީހުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މައްކާ އިއްތިހާދުން އިސްނަގައިގެން ކުރިއަށްގެންދާ މި ދަތުރުގެ މައިގަނޑު މަގުސަދަކީ އެމެރިކާއާއި އީރާނުގެ ނުތަނަވަސްކަން ކުޑަކޮށް، ޑިޕްލޮމެޓިކް އުސޫލުން ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން


އިރާނުގެ ދިދަ ވިހުރެނީ | އަނަދޮލު އޭޖެންސީ
ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ތުރުކީވިލާތް، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ އޮފިޝަލުންނާ ތެހެރާނުގައި ބައްދަލުކުރައްވާނެ ކަމަށް، ކަމާބެހޭ އޮފިޝަލުން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ.
'މައްކާ އިއްތިހާދު' ގެ މެންބަރުން ކަމަށްވާ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުގެ އިސް އޮފިޝަލުން ތެހެރާނަށް ޒިޔާރަތް ކުރައްވާނީ ހުޅަނގު އޭޝިޔާގައި ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ޑެޕިއުޓީ ސެކްރެޓަރީ ޢަލީ ބާޤިރީ، އެ ޤައުމުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ދިފާޢީ ވަޒީރު އަމީރު ޚާލިދު ބިން ސަލްމާނާއި، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޗީފް އޮފް އާމީ ސްޓާފް ޢާޞިމް މުނީރުގެ އިތުރުން ތުރުކީވިލާތުގެ އިސް އޮފިޝަލަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބާޤިރީ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ތުރުކީވިލާތުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ ޤައުމީ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހިމް ކަލިން ކަމަށް، ތުރުކީގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ.
ތެހެރާނަށް ވަޑައިގަންނަވާ ވަފުދުގެ އިސް އޮފިޝަލުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ސެކްރެޓަރީ މުޙްސިން ރެޒާއީއާ ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބާޤިރީ ވިދާޅުވި އެވެ. ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމާއި ބާރުފޯރުވައިގެން ތަދައްޚުލުވުމާ އީރާނުން ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ބައްދަލުވުން ބާއްވާނެ ވަކި ތާރީޚެއް ބާޤިރީ ސީދާ ވިދާޅުވެފައި ނުވި ނަމަވެސް، އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
މި ދަތުރުފުޅު ކުރިއަށްދާނެ ކަން، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯ ޕަބްލިކް ޑިޕްލޮމަސީ ރާއިދު ކްރިމްލީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މި ވަފުދުގެ ބޭފުޅުން ރެޒާއީގެ އިތުރުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ކްރިމްލީ ވިދާޅުވި އެވެ.
މި ދަތުރަކީ އެމެރިކާއާއި އީރާނާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، މަސްރަހު ފިނިކުރުމަށް ޓަކައި މައްކާ އިއްތިހާދުގެ މެންބަރު ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ދަތުރެއް ކަމަށް ކްރިމްލީ ވިދާޅުވި އެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ ވާހަކަދެއްކުމާއި ޑިޕްލޮމެޓިކް ހައްލުތަކަށް ބާރުއެޅުން ކަމަށާއި، ހަމަމިއާއެކު ޤަތަރާއި ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ މެދުވެރިއެއްގެ ދައުރުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގުޅުންތަކުން ދައްކުވައި ދެނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ވަރުގަދަކުރުމުގައި އިއްތިހާދުގެ މެންބަރުން އަދާކުރާ މުހިންމު ދައުރު ކަމަށާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ސަރަހައްދުގެ ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތްކުރުމަށް އެ ގައުމުތަކުން ސާބިތުވެ ތިބިކަން ކަމަށް ވެސް ކްރިމްލީ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











