މޫނު ނިވާކޮށްގެން ތިބި ބަޔަކު ފްރަންކްފޫޓްގެ ފިހާރަތަކަށް ވަދެ ލޫޓުވައި ހުޅުޖަހައިފި
2 ނޮވެމްބަރު 2026 | ހޯމަ 10:02ޖަރުމަނުވިލާތުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި އެ ޤައުމުގެ 34 ސިޓީއެއްގައި ޒުވާނުން އިސްނަގައިގެން ބޮޑެތި މުޒާހަރާތަކެއް ބާއްވައިފި. މަޖުބޫރީ އަސްކަރީ ޚިދުމަތާ ދެކޮޅަށް އަޑުއުފުލި މި ހަރަކާތުގެ ތެރެއިން ފްރަންކްފޫޓްގެ ބައެއް ފިހާރަތަކަށް ގެއްލުންދީ ހަމަނުޖެހުން ހިންގާފައިވާއިރު، މިއީ އިގުތިސާދީ ފިއްތުންތަކާ ގުޅިގެން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބޭއްވި އެއްވުންތަކެއް


ޖަރުމަނުވިލާތުގެ ޒުވާނުން އިސްނަގައިގެން ސަރުކާރާ ދެކޮޅަށް ކުރަމުންދާ ބިޔަ މުޒާހަރާތަކުގެ ތެރެއިން އިމާރާތްތަކާއި މުދަލުގައި ހުޅުޖަހައި ގެއްލުންދެމުންދާއިރު، 'ބެޓްމޭން' ގެ ހެދުން އަޅައިގެން ހުރި މީހަކު ފޮޓޯއަކަށް ހުއްޓިގެން | ރޮއިޓަރސް
ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށާއި އިންތިހާއަށް އުފުލެމުންދާ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި ޖަރުމަނުވިލާތުގެ ބޮޑެތި ސަހަރުތަކުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، މޫނު ނިވާކޮށްގެން ތިބި ބަޔަކު ހޮނިހިރު ދުވަހުގެ ރޭ ފްރަންކްފޫޓްގެ ފިހާރަތަކަކަށް ވަދެ ލޫޓުވައި ގެއްލުންދީފި އެވެ.
މި މުޒާހަރާތަކަކީ މި އަހަރުގެ ތެރޭގައި ވިލާތުގެ އެކި ކަންކޮޅުތަކުގައި ޒުވާނުން އިސްނަގައިގެން، ޚާއްސަކޮށް 'ޖެން-ޒީ' ޖީލުގެ މީހުން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ފެންމަތިވި ކަމެކެވެ. މި ގޮތުން، ސަރބިއާގައި ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ސަބަބުން އެ ޤައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ލީޑަރު އިންތިޚާބުން ބަލިކުރެވުނުއިރު، ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކާއި ލޫޓުވުންތަކަކަށް ބަދަލުވެފަ އެވެ.
ޖަރުމަނު ބަހުން "ޖެން-ޒީ އިސްނަގަނީ" ގެ މާނަ ދޭހަވާ ކެމްޕޭން ގްރޫޕުން އިންތިޒާމުކުރި މި މުޒާހަރާތައް ބެރްލީން، ފްރަންކްފޫޓް އަދި މިއުނިކް ހިމެނޭހެން 34 ސިޓީއެއްގައި ކުރިއަށްދިޔަ އެވެ. މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ބުނީ، އެ ފަރާތްތަކުން މަޖުބޫރީ އަސްކަރީ ޚިދުމަތާ ދެކޮޅު ކަމަށާއި، ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން ގިނަ ޒުވާނުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި ތަޢުލީމީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަންޖެހޭ ކަމަށެވެ.
ފްރަންކްފޫޓްގައި ހަމަނުޖެހުން ހިންގައި ފިހާރަތައް ލޫޓުވުން
ޖަރުމަނުވިލާތުގެ މާލީ މައި މަރުކަޒު ކަމަށްވާ ފްރަންކްފޫޓްގައި ކުރިއަށްދިޔަ އެއްވުން ހަމަނުޖެހުމަކަށް ބަދަލުވެ، ގާތްގަނޑަކަށް ދެ ފިހާރައެއް ލޫޓުވައި، އިތުރު ފިހާރަތަކަކަށް ގެއްލުންދީފައިވާ ކަމަށާއި މަސްރަހު ކޮންޓުރޯލު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ބުންޏެވެ.
"ހަމަނުޖެހުންތައް އަދިވެސް ދަނީ ހިނގަމުން،" ފްރަންކްފޫޓްގެ ފުލުހުން ބުންޏެވެ. "ސިޓީގެ މެދުތެރޭގައި ހުރި ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ވަނީ ތަޅާލާފައި. އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދިމާލަށް ޕެޓްރޯލް ބޮން (މޮލޮޓޯވް ކޮކްޓެއިލް) ވެސް ދަނީ އުކަމުން. އެ ސަރަހައްދުގައި ތިބި އާންމު ހުރިހާ ފަރާތްތަކުން ސިޓީ ސެންޓަރާ ދުރުހެލިވުމަށް ނުވަތަ އެ ސަރަހައްދު ދޫކޮށް ދިއުމަށް އިލްތިމާސްކުރަން."
ހޮނިހިރު ދުވަހުގެ މެންދުރުފަހު ރަސްމީ ފަރާތްތަކުން ހާމަކުރި ހިސާބުތަކަށް ބަލާއިރު، މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު އުޅެނީ އިންތިޒާމުކުރި ފަރާތްތަކުން ކުރިން އަންދާޒާކުރި 182،000 ބައިވެރިންނަށްވުރެ ދަށުގަ އެވެ. ފްރަންކްފޫޓް، މިއުނިކް އަދި ބެރްލީންގެ ފުލުހުން ހާމަކުރި ގޮތުގައި މުޒާހަރާއަށް ނުކުތީ 18،000 އެއްހާ މީހުންނެވެ. މިއީ، އިންތިޒާމުކުރި ފަރާތްތަކުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގާތްގަނޑަކަށް 36،000 މީހުންގެ ދެބައިކުޅަ އެއްބަ އެވެ.
ޖަރުމަނުވިލާތުގެ ކަމާބެހޭ އިދާރާތަކުން ބުނީ، ނަޞާރާދީނުގެ އީދެއް ކަމަށްވާ ހެލޮވީންގެ ހަރަކާތްތަކާ ދިމާވި މި މުޒާހަރާތައް އާންމުގޮތެއްގައި އޮތީ ސުލްހަވެރިކޮށް ކަމަށެވެ. ނަމަވެސް، ހައްދުފަހަނައެޅި ޖަމާޢަތްތަކުން މި ހަރަކާތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފަ އެވެ. ހަމަނުޖެހުންގަނޑުގެ ތެރެއިން ހަމްބުރްގްގައި ބަހައްޓާފައި ހުރި ބައެއް ބެރިކޭޑްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
"އަޅުގަނޑުމެން މިއަދު މިތަނަށް ނުކުމެ މިތިބީ ހަނގުރާމައާއި މަޖުބޫރުކުރުންތަކުގެ ބަދަލުގައި، އަމަންއަމާންކަމާއި މިނިވަންކަމަށް ވަކާލާތުކުރުމަށް،" ހޮނިހިރު ދުވަހު ބެރްލީންގައި ވާހަކަދައްކަމުން މުޒާހަރާތައް އިންތިޒާމުކުރި ފަރާތުގެ ތަރުޖަމާނު ލީނާ ފްރީޑްރިޚް ބުންޏެވެ. "އަޅުގަނޑުމެންނަށް އެންމެ މުހިންމީ ސިއްހީ އަދި ތަޢުލީމީ ނިޒާމަށް މިހާރަށްވުރެ ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދިނުން. އަޅުގަނޑުމެން ކަނޑައެޅިގެން ދެކޮޅީ މަޖުބޫރީ އަސްކަރީ ޚިދުމަތާ. އަދި އަޅުގަނޑުމެން އެދެނީ އިގުތިސާދީ ބުރަ އިންސާފުވެރިކަމާއެކު ހުރިހާ ފަރާތްތަކުގެ މެދުގައި ބަހާލުމަށް."
އަގުބޮޑު މުދާ ވިއްކާ ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ބަންދުކުރުން
ޖަރުމަނުވިލާތުގެ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޖަރުމަނުގެ ވާތުފިޔައިގެ ހައްދުފަހަނައެޅި ބައެއް ފަރާތްތަކާއި ބޭރުގެ ހައްދުފަހަނައެޅި ހަރަކާތްތަކާ ގުޅުންހުރި ބައެއް ގްރޫޕުތަކުން ވަނީ މުޒާހަރާތަކަށް މީހުން އެއްކުރުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.
"ފަރަންސޭސިވިލާތުގައި ހިނގައިދިޔަ ކަންކަމުގެ މަންޒަރުތައް އަޅުގަނޑުމެންގެ ހަނދާނުގައި އަދިވެސް އެބަހުރި... ފިހާރަތައް ލޫޓުވުމާއި، ގެދޮރު އެންދުމާއި، ފުލުހުންގެ އުޅަނދުފަހަރުގައި ހުޅުޖެހުމާއި، ފުލުހުންގެ އޮފިސަރުންނަށް ހަމަލާދިނުން ފަދަ ކަންކަން،" ޖަރުމަނުގެ މާލީ މަރުކަޒު ކަމަށްވާ ފްރަންކްފޫޓް ހިމެނޭ ހެސަން ސްޓޭޓުގެ ދާޚިލީ ވަޒީރު ރޯމަން ޕޯޒެކް ވިދާޅުވި އެވެ. "މި ފަދަ ކަންކަމުގައި ފަރަންސޭސިވިލާތަކީ ނަމޫނާއެއް ކަމުގައި ބަލައިގަނެވިގެން ނުވާނެ."
ހަމަނުޖެހުން ހިނގާފާނެ ކަމުގެ ބިރު އޮތުމުން، ޖަރުމަނުވިލާތުގެ ބައެއް ސަހަރުތަކުގެ ވިޔަފާރިތަކުން ވަނީ ފިހާރަތަކުގެ ކުޑަދޮރުތަކުގައި ލަކުޑިފިލާ ޖަހައި ރައްކާތެރިކޮށް، ވަގުތުގެ ކުރިން ފިހާރަތައް ބަންދުކުރަން ނިންމާފަ އެވެ. މީގެ ތެރޭގައި ބެރްލީންގެ އަގުބޮޑު މުދާ ވިއްކާ މަޝްހޫރު މަގެއް ކަމަށްވާ ކޫރްފުއާސްޓެންޑަމް ބޮލެވާޑުގައި ހުރި ވިޔަފާރިތައް ވެސް ހިމެނެ އެވެ.
އިގުތިސާދީ ޕްރެޝަރާއި ޒުވާނުންގެ ކަންބޮޑުވުންތައް
މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ވިލާތުގެ އެންމެ ބޮޑު އިގުތިސާދުގައި ޒުވާން ޖީލަށް ކުރިމަތިވަމުން އަންނަ ބޮޑެތި ފިއްތުންތަކަށެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދީ، އޭގެ ބަދަލުގައި ކުރަމުންދާ ކަމަކީ ޚަރަދުތައް ކަނޑާލައި އަޅުގަނޑުމެންގެ ބޮލުގައި އިތުރު ބުރަތައް އެޅުވުން،" ޗާންސެލަރު ފްރީޑްރިޚް މެރްޓްޒަށް އަމާޒުކުރައްވައި، މިއުނިކްގައި ބޭއްވި އެއްވުމެއްގައި ވާހަކަދެއްކި އުމުރުން 18 އަހަރުގެ ޒުވާނެއް ކަމަށްވާ ސްޓީވް ބުންޏެވެ. "ސަރުކާރުން އަޅުގަނޑުމެންގެ އަޑުއަހައި ސަމާލުކަން ދެންދެން، އެއްވެއުޅުމުގެ އަސާސީ ހައްގުގެ ބޭނުން އަޅުގަނޑުމެން މެދުނުކެނޑި ހިފަމުން ގެންދާނަން."
ޖަރުމަނުވިލާތުގެ އިގުތިސާދީ ކުރިއެރުން އަލުން ކޮޅަށް ޖެހުމަށް އެ ޤައުމުން ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. ހަމަމިއާއެކު، ދުވަސްވީ އުމުރުފުރާގެ މީހުން ވަޒީފާތަކުން ރިޓަޔަރވަމުން ދިއުމާއި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވަމުން ދިއުމުގެ ސަބަބުން، ޕެންޝަން ނިޒާމަށާއި އާންމު ޚިދުމަތްތަކަށް އޮތް ބުރަ ދަނީ އިތުރުވަމުންނެވެ.
މި ކެމްޕޭނުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމާމެދު އަދި ސިޔާސީ އަދި މަދަނީ ޖަމުޢިއްޔާތައް ގިނަ އަދަދަކަށް ބައިވެރިވެފައިވާތީ މިއީ ހަގީގަގައި ވެސް ހަމައެކަނި ޒުވާނުން އިސްނަގައިގެން ހިންގާ ހަރަކާތެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ޖަރުމަނުވިލާތުގެގެ މަދަރުސާތަކުގެ ދަރިވަރުންގެ މައި ޖަމުޢިއްޔާ ކަމަށްވާ ބީއެސްކޭއިން (BSK) ވަނީ މި ހަރަކާތާ ފެޔަށްޖެހި، ނޮވެންބަރު 20 ގައި ވަކި މުޒާހަރާއެއް ބޭއްވުމަށް ނިންމާފަ އެވެ.
ޔުނިވަރސިޓީ އިމާރާތްތަކުގެ ހާލަތު ދަށްވެފައިވާ މައްސަލައަށް ސަމާލުކަން ހޯދުމަށް ހޮނިހިރު ދުވަހުގެ މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބެރްލީންގެ ޓެކްނިކަލް ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ޝޯން ބޭކަރ ވަނީ ބުނެފަ އެވެ. "އެތެރެއަށް ވަދެ ކޮޓަރިތަކަށް ބަލައިލުމުން ހީވަނީ ފަޅުވެ ވީރާނާވެފައިވާ އިމާރާތެއްހެން،" ނޫހަކަށް މަޢުލޫމާތު ދެމުން އޭނާ ބުންޏެވެ. "އެކަމަކު މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެން ތަޢުލީމު ހާސިލުކުރަން ތިބެންޖެހޭ ތަން."
މަސްދަރު: ރޮއިޓަރސް











