ލައިޕްޒިގް އެއާޕޯޓަށް މިދިޔަ މަހު ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ޖަރުމަނު ސަރުކާރުން ބުނެފި
1 ސެޕްޓެމްބަރު 2026 | އަންގާރަ 18:37ޖަރުމަނުގެ ލައިޕްޒިގް އެއާޕޯޓަށް ދިން ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ބާލިންއިން ތުހުމަތުކޮށް، އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި. މި ހާދިސާއާ ގުޅިގެން ރަޝިޔާގެ ކޮންސިއުލޭޓެއް ބަންދުކުރުމަށާއި ސަފީރު ހާޒިރުކުރުމަށް ނިންމާފައިވާއިރު، މިއީ ޔޫރަޕްގެ ސަލާމަތަށް ނުރައްކާކުރުމަށް ރަޝިޔާއިން ހިންގާ ހައިބްރިޑް އޮޕަރޭޝަނެއްގެ ގޮތުގައި ޖަރުމަނުން ސިފަކުރޭ

ޖަރުމަނުވިލާތުގެ ލައިޕްޒިގް ސިޓީއާ ކައިރީގައި އޮންނަ ލައިޕްޒިގް/ހާލޭ އެއާޕޯޓުގައި އޮތް ޔޫކްރޭންގެ އެންޓޮނޯވް ކާގޯ ބޯޓެއް ކައިރީގައި، ގޮވާތަކެތި ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގު ޓީމުތަކުން ހަރަކާތްތެރިވަނީ. މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު | ގެޓީ އިމޭޖަސް
ލައިޕްޒިގް އެއާޕޯޓަށް މިދިޔަ މަހު ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ޖަރުމަނު ސަރުކާރުން ބުނެފި އެވެ.
ޖަރުމަނުގެ އިރުމަތީގައި އޮންނަ ލައިޕްޒިގް/ހާލޭ އެއާޕޯޓުގައި ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކެއް ކައިރިން، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނެއް ފެނިފައިވަނީ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެވެ.
މި ޑްރޯން ގޮވާފައި ނުވަނީ އޭގައި ހަރުކޮށްފައިވާ ޑިޓޮނޭޓަރަށް ދިމާވި މައްސަލައަކުން ކަމަށް ބެލެވޭއިރު، ތަހުގީގު ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދެވަނަ ޑްރޯނެއް ވަނީ އެ ސަރަހައްދުގައި އޮތް މުދާ އުފުލާ ބޯޓެއްގައި ޖެހިފަ އެވެ. އަދި އޭގެ 10 ދުވަސް ފަހުން އެއާޕޯޓް ކައިރިން ތިންވަނަ ޑްރޯނެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު އެލެގްޒެންޑަރ ޑޮބްރިންޓް ވިދާޅުވީ، ލައިޕްޒިގް އެއާޕޯޓަށް ދިން ހަމަލާއަކީ ޔޫރަޕްގައި ރަޝިޔާ އިން ހިންގާ "ހައިބްރިޑް އޮޕަރޭޝަންތަކުގެ" އުސޫލުން ހިންގާފައިވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ޖަރުމަނަށް މިފަދަ ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ސާމާނު ތަހުގީގު ކުރުމުންނާއި ޖާސޫސީ މައުލޫމާތުތަކުން، މި ހަމަލާގައި ރަޝިޔާ ގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށެވެ.
ބާލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮބްރިންޓްއާއެކު ބައިވެރިވެވަޑައިގެންނެވި ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހަން ވަޑެފުލް ވިދާޅުވީ، ބޮންގައި ހުންނަ ރަޝިޔާ ގެ ކޮންސިއުލޭޓް ބަންދުކުރުމަށް އަމުރުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ޖާސޫސީ މަސައްކަތްތަކަށާއި ރަޝިޔާ ގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ބާލިންގައި ހުންނަ "ރަޝިއަން ހައުސް" ގެ އެއްބަސްވުން ވެސް އުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޑެފުލް ވަނީ ރަޝިޔާ ގެ ރައްޔިތުން ޖަރުމަނަށް އެތެރެވުމުގައި މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަން އިއުލާނުކުރައްވައި، ރަޝިޔާ ގެ "ޝެޑޯ ފްލީޓް" ނުވަތަ ސިއްރު ކަނޑުގެ އުޅަނދުފަހަރަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރަޝިޔާ އިން ބޭނުންކުރާ ބާލިދު ތެޔޮ ޓޭންކަރުތަކެކެވެ.
ވަޑެފުލް ވިދާޅުވީ ޖަރުމަނުގައި ހުންނަވާ ރަޝިޔާ ގެ ސަފީރު ސަރްގޭ ނެޗަޔޭވް ފޮރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. މި އިއުލާނަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ސަފީރު މިނިސްޓްރީއަށް ވަޑައިގަންނަވަނިކޮށް ވަނީ ފެނިފައި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެ އެވެ.
ރަޝިޔާ ގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ، ޖަރުމަނުން އެޅި ފިޔަވަޅުތަކަށް ރަޝިޔާ އިން ހަމަ އެފަދަ ރައްދު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ޖަރުމަނުން ޔޫކްރެއިނަށް ދެމުންދާ އަސްކަރީ އަދި އިގްތިސާދީ އެހީތަކަށް އިޝާރާތް ކުރައްވައި ޒަޚަރޯވާ ވިދާޅުވީ "ބާލިންއިން ދަނީ ޓެރަރިޒަމަށް ވާގިވެރިވަމުން" ކަމަށެވެ.
ޖަރުމަނުން ރަޝިއަން ހައުސް ބަންދުކޮށްފިނަމަ، މޮސްކޯގައި ހުންނަ ޖަރުމަނުގެ ސަގާފީ މަރުކަޒު "ގޯތޭ އިންސްޓިޓިއުޓް" ގެ މަސައްކަތްތައް ވެސް ހުއްޓާލަން ޖެހިދާނެ ކަމުގެ އިޝާރާތްތަކެއް މީގެ ކުރިން ވަނީ ލިބިފަ އެވެ.
ސަލާމަތީ މާހިރުން މީގެ ކުރިން ވެސް މި ހަމަލާގެ ފަހަތުގައި ރަޝިޔާ އޮވެދާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، ރަޝިޔާ އިން އަބަދުވެސް ދަނީ އެކަމުގައި ބައިވެރިވުން އޮތް ކަމަށް ކުރާ ތުހުމަތުތައް އިންކާރު ކުރަމުންނެވެ.
ޖަރުމަނުގެ އިރުމަތީގައި އޮންނަ ލައިޕްޒިގް/ހާލޭ އެއާޕޯޓަކީ ޖަރުމަނު ސިފައިންނާއި ނޭޓޯގެ ގައުމުތަކުން އަސްކަރީ ސާމާނު އުފުލުމަށް ބޭނުންކުރާ އެއާޕޯޓެކެވެ. އަދި މިއީ ޔޫކްރެއިންގެ ވައިގެ މަގުން އުފުލާ މުދަލުގެ ބޮޑު ބައެއް އުފުލާ "އެންޓޮނޯވް އެއާލައިންސް" ގެ މައި މަރުކަޒު ވެސް މެއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވިދާޅުވީ އެ ޖަމިއްޔާ އޮތީ ޖަރުމަނާއެކު ސާބިތުކަމާއެކު ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޫޓާ ވިދާޅުވީ، ހެކިތައް ވަރަށް ސާފު ކަމަށާއި، ޖަރުމަނުން އެޅި ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ވަގުތެއްގައި އަޔަލޭންޑްގައި ބާއްވާ ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން އެކްސްގައި ލިޔުއްވާފައިވަނީ، ރަޝިޔާ ގެ އުދުވާނާ ދެކޮޅަށް ތެދުވުމުގައި އެންމެން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި މިނިވަންކަމާއި ސަލާމަތަށް ނުރައްކާ ކުރަން އުޅޭ ކޮންމެ ފަރާތަކަށް ހުރަސް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާ އާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ އިއްތިހާދުން ތައްޔާރުވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވީ، ޔޫކްރެއިނަށް އެހީތެރިވުމަށް އޮތް އަޒުމް ގުޑުވާލުމަށް ރަޝިޔާ އިން ކުރާ މަސައްކަތްތަކަކީ ބޭކާރު އަދި ނާކާމިޔާބުވާނެ މަސައްކަތްތަކެއް ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެއާޕޯޓްތަކާއި، އަސްކަރީ އަދި ސިނާއީ ސަރަހައްދުތަކުން ޑްރޯން ފެނިފައިވާ ކަމަށް ރިޕޯޓްކުރި ނޭޓޯގެ ގައުމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނެ އެވެ.
ލައިޕްޒިގް ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަން ހާމަކުރުމުގައި ބާލިންއިން މިހާތަނަށް އޮތީ ވަރަށް ބޮޑަށް ހިމޭނުންނެވެ. މީގެ ކުރިން ބުނެފައިވަނީ ހަމައެކަނި "ބޭރުގެ ބާރެއްގެ" އަތެއް މީގައި އޮވެދާނެ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ އޮފިޝަލުން މި ހާދިސާއާ ރަޝިޔާ އާ ގުޅުން އޮތް ކަމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޖަރުމަނަކީ ކޮންމެ ދުވަހަކުވެސް "ހައިބްރިޑް ހަނގުރާމައިގެ" އަމާޒަކަށް ވެފައިވާ ގައުމެއް ކަމަށް ބާލިންއިން ވަނީ އިންޒާރު ދީފަ އެވެ. އަދި ޖަރުމަނާ ދެކޮޅަށް ދުޝްމަންކަމުގެ އަމަލުތައް ހިންގާ ފަރާތްތަކުން އޭގެ "އަގު ދައްކަން ޖެހޭނެ" ކަމަށް ޗާންސެލަރު ފްރީޑްރިކް މާރޒް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.
މިފަދަ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، މީގެ ކުރިން ބާރު ކުޑަ ކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ޖާސޫސީ އިދާރާތަކުގެ ބާރުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޖަރުމަނަކީ ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމަށްވާއިރު، ޗާންސެލަރު މާރޒް އަކީ ކިއީވްއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
ޖަރުމަނުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގައި ހުރި ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށް ރަޝިޔާ ގެ އަމާޒު ހުންނާނެ ސަބަބުތައް ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ނަމަވެސް، މިކަން ހާމަކޮށްފައި މިވަނީ މާރޒްގެ ސަރުކާރަށް ސިޔާސީ ގޮތުން ނާޒުކު ދަނޑިވަޅެއްގަ އެވެ.
ޖަރުމަނުގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ސެކްސޮނީ-އަންހާލްޓްގައި ބާއްވާ މުހިންމު އިންތިޚާބަކުން، ހަރުކަށި ކަނާތު ފިޔައިގެ "އޮލްޓަނޭޓިވް ފޯ ޖާމަނީ" (އޭ.އެފް.ޑީ) ޕާޓީއަށް ފުރަތަމަ ފަހަރަށް ސްޓޭޓް ފެންވަރުގެ ވެރިކަމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
ޖަރުމަނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ އޭ.އެފް.ޑީ އިން ބޭނުންވަނީ ޔޫކްރެއިނަށް އެހީ ދިނުން ހުއްޓާލައި، ރަޝިޔާ އާއެކު އަލުން ގުޅުން ގާއިމުކުރުމަށެވެ.
މީގެ އިތުރުން، އަންގާރަ ދުވަހު ބްރެންޑަންބާގް ސްޓޭޓްގެ ކަރަންޓު ސަބްސްޓޭޝަނަކުން ގޮވާތަކެއްޗާއި އަލިފާން ރޯކުރާ ސާމާނުތަކެއް ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ޖަރުމަނު ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ކަރަންޓު ލައިނަކަށް ގެއްލުންވެ، ވަގުތީ ގޮތުން ކަރަންޓު ކެނޑިފައިވެ އެވެ. ނަމަވެސް އެ ތަކެތި އެތަނުގައި ބެހެއްޓީ ކޮން ބައެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.










