ހިޓްލަރާ ވައްތަރުވުމަށް މަސައްކަތްކުރާ އަދި އޭނާ ޕްރޮމޯޓުކުރާ ނެދަރލޭންޑްސްގެ ސްޓެފަން ވައިކަމްޕް ޖަރުމަނުގެ ކޯޓަކަށް ހާޒިރުވުމަށް އަމުރު ނެރެފި
ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރަށް ތައުރީފުކޮށް ވާހަކަދެއްކި މައްސަލައެއްގައި، ނެދަލޭންޑްސްގެ މީހަކު ޖަރުމަނުގެ ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފި. ޖަރުމަނުގެ ގާނޫނުތައް ބުނާގޮތުން ނާޒީންނަށް ތާއީދުކޮށް އާންމު ތަންތަނުގައި ވާހަކަދެއްކުމަކީ ކުށެއް ކަމުން، މި މައްސަލައިގައި އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް

"ހޮލެންޑް-ހިޓްލަރު" ގެ ނަމުން މަޝްހޫރުވެފައިވާ ނެދަލޭންޑްސްގެ ރައްޔިތެއް ކަމަށްވާ ސްޓެފަން ވައިކަމްޕް | ގެޓީ އިމޭޖަސް
ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރާ ވައްތަރުވުމަށް މަސައްކަތްކުރާ ސްޓެފަން ވައިކަމްޕް، ނަފުރަތު އުފެއްދުމުގެ ދައުވާގައި ޖަރުމަނުގެ ކޯޓަކަށް ހާޒިރުވުމަށް އަމުރުކޮށްފި ކަމަށް "ބިލްޑް" ނޫހުން ރިޕޯޓްކޮށްފި އެވެ. ނެދަލޭންޑްސްއަށް ނިސްބަތްވާ ވައިކަމްޕްއަކީ ފާއިތުވި އަހަރުތަކުގައި ޖަރުމަނުގެ ކަނާތު ފިޔައިގެ ހަރުކަށި ހަރަކާތްތަކުގައި ބައިވެރިވުމަށް ތަކުރާރުކޮށް އެ ގައުމަށް ދަތުރުކުރާ، ހިޓްލަރަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ.
މުންސްޓަރ ޑިސްޓްރިކްޓް ކޯޓުގެ ޑެޕިއުޓީ ހެޑް މެތިއަސް ބީލިންގްއާ ހަވާލާދީ ބިލްޑް ނޫހުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހުކުރު ދުވަސް ކަމަށްވާ ޖުލައި 24 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ނޫހުން ބުނި ގޮތުގައި ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބަލަން ފެށީ، މިދިޔަ އަހަރުގެ ހޫނު މޫސުމުގައި މުންސްޓަރގައި ބޭއްވި ކަނާތު ފިޔައިގެ މުޒާހަރާއެއްގެ ތެރެއިން ޔޫޓިއުބަރަކަށް ވައިކަމްޕް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ޖަރުމަނަށް އޭނާގެ ހިތުގައި އޮތް ލޯތްބަކީ އެޑޮލްފް ހިޓްލަރު ކަމަށް ބުނެ، ހިޓްލަރަކީ ދުނިޔޭގެ "އަޖައިބެއް" ކަމަށާއި އޭނާއާ އެއްވަރުގެ ދެވަނަ އެއް ނެތް "ޖީނިއަސް" އެއް ކަމަށް ސިފަކޮށްފަ އެވެ.
މިހާރުގެ ޖަރުމަނުގެ ގާނޫނުތައް ބުނާގޮތުން، ނާޒީ ޖަރުމަނާއި އެ ޕާޓީގެ ލީޑަރުންނަށް އާންމު ތަންތަނުގައި ތާއީދުކޮށް ތައުރީފު ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހިމާޔަތް ލިބިގެންވާ ކަމެއް ނޫނެވެ. އަދި އެފަދަ އަމަލުތައް ކުރާ މީހުން ތިން އަހަރަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމުގެ އަދަބު ދެވެއެވެ.
ޖިނާއީ އަދި އިމިގްރޭޝަން ގާނޫނަށް ހާއްސަ ވަކީލަކާ ހަވާލާދީ ބިލްޑް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިކަމްޕް ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ ފުރުސަތު އެބައޮތެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހިޓްލަރާ ވައްތަރުވުމަށް އުޅޭ މި މީހާ 2017 ވަނަ އަހަރުން ފެށިގެން ޖަރުމަނުގައި ބާއްވާ ކަނާތު ފިޔައިގެ ހަރުކަށި އެއްވުންތަކުގައި ގަވާއިދުން ބައިވެރިވެ އެވެ. އަދި މިހާރު އުވާލާފައިވާ ނިއޯ-ނާޒީ ޕާޓީއެއް ކަމަށްވާ 'ޑީ ރެކްޓޭ' (ދަ ރައިޓް) ގައި ބައިވެރިވެ، އެ ޕާޓީގެ ބޯޑުގައި ވެސް އޭނާ ދުވަސްތަކަކު މަސައްކަތް ކުރި ކަމަށްވެ އެވެ.
ނެދަލޭންޑްސްގެ ނޫސްތަކުން ބުނާގޮތުގައި، ވައިކަމްޕްއަކީ އޭނާގެ އަމިއްލަ ގައުމުގައި ވެސް ގާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ. އޭގެ ތެރޭގައި އާންމު ތަންތަނުގައި ނާޒީން ސަލާމްކުރާ ގޮތަށް އަތް މައްޗަށް ނަގައި ސަލާމްކުރުން ފަދަ ކުށްތައް ހިމެނެ އެވެ.









