ވިލާތުގެ އިއްތިހާދާއެކު އޮތް ގުޅުން ހަރުދަނާކުރަން ޗައިނާގެ ރައީސް ގޮވާލައްވައިފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 06:18ޗައިނާއާއި ވިލާތުގެ ގުޅުން ބަދަހިކުރުމަށް ޖަރުމަނާއި ސްވިޓްޒަލެންޑުގެ ރައީސުންނާއެކު ޝީ ޖިންޕިންގ ބޭއްވެވި މަޝްވަރާތަކުގައި، ބައިބައިވުމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމަށް ގޮވާލައްވައިފި. މި ބައްދަލުވުންތަކުގައި ވިޔަފާރީގެ ގޮންޖެހުންތައް ހައްލުކުރުމަށާއި، ސްވިޓްޒަލެންޑާއެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައi


ބެއިޖިންގގެ ޓިއަނަމަން މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިވެރިވެ ވަޑައިގަންނަވަނީ | ރޮއިޓަރސް
ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ޗައިނާއާއި ވިލާތާ ދެމެދު އޮތް އެއްބާރުލުން މިހާރަށް ވުރެ ހަރުދަނާކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފި އެވެ. ޝީ މި ކަމަށް ގޮވާލެއްވީ ހުކުރު ދުވަހު ޖަރުމަނުވިލާތާއި ސްވިޓްޒަލެންޑުގެ ރައީސުންނާ ވަކިވަކިން ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގަ އެވެ. މި ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގ ވިދާޅުވީ، ދެ ފަރާތުގެ ގުޅުމުގައި ހުރި މައްސަލަތައް ހައްލުކޮށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ޝީ ފާހަގަކުރެއްވި ކަމަށެވެ.
ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި މަޝްވަރާތައް
ޖަރުމަނުވިލާތުގެ ރައީސް ފްރަންކް-ވާލްޓަރ ޝްޓައިންމަޔަރއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝީ ބާރުއެޅުއްވީ ދުނިޔެ ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަން އިސްކުރުމަށެވެ. މި ގޮތުން، ދެ ޤައުމުން ވެސް "އެކަހެރިވެގަތުމާއި ކުރިމަތިލުންތަކުގެ ބަދަލުގައި، ހުޅުވާލުމާއި އެއްބާރުލުން އިޚުތިޔާރުކުރުމުގެ ފައްސި މެސެޖެއް" ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ޗައިނާއާއި ވިލާތުގެ އިއްތިހާދުގެ [އީޔޫ] ވިޔަފާރިއާއި އިގުތިސާދީ ގުޅުމުގެ އަސްލަކީ އެއްބަޔަކު އަނެއްބަޔަކަށް ފުރިހަމަކޮށްދިނުމާއި، ދެ ފަރާތަށް ލިބޭ މަންފާ،" އީޔޫއާއި ޗައިނާއާ ދެމެދު އޮތް އިގުތިސާދީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝީ ވިދާޅުވި އެވެ. އަދި، ދެމެހެއްޓެނިވި ގުޅުމެއް ބިނާކުރެވޭނީ "އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، އެކަކު އަނެކަކު ދެނެގަތުމާއި، އެކަކު އަނެކަކަށް ދޫދިނުން" އިސްކޮށްގެން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފާއިތުވި ދުވަސްތަކުގައި ވިލާތާއި ޗައިނާގެ ގުޅުން "ގިނަ ގޮންޖެހުންތަކާއި އުނދަގޫ މަރުހަލާތަކެއް ކަޑައްތުކޮށްފައިވާ" ކަން ޝީ ގަބޫލުފުޅުކުރެއްވި އެވެ. ނަމަވެސް، އެއްބާރުލުން ދިނުމުގެ ތެރޭގައި ފެންމަތިވާ މައްސަލަތަކަކީ "ތަރައްގީވަމުން އަންނައިރު ދިމާވާ އަދި ކުރިއެރުމުގެ މަގުގައި އުފެދޭ ކަންކަން" ކަމަށް އޭނާ ސިފަކުރެއްވި އެވެ. މިއާއެކު، "ދެ ފަރާތުން ވެސް ބައިވެރިންގެ ގޮތުގައި ދެމިތިބުމަށް އިސްކަންދީ، ހަމަހަމަކަމާއެކު މަޝްވަރާކުރުމުގެ އުސޫލު ދަމަހައްޓާހާ ހިނދަކު، ޚިޔާލުތަފާތުވުންތަކާއި މައްސަލަތަކަށް އަބަދުވެސް ހައްލު ހޯދޭނެ" ކަމުގެ ޔަގީންކަން ޝީ ދެއްވި އެވެ. އަދި ހަމަހަމަ، ތަރުތީބުވެފައިވާ ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔެއެއް ބިނާކުރުމަށާއި، އެންމެންނަށް މަންފާކުރަނިވި އިގުތިސާދީ ގުޅުންތަކެއް ގާއިމުކުރުމަށް ވިލާތާއެކު ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސްވިޓްޒަލެންޑާއެކު މިނިވަން ވިޔަފާރި ފުޅާކުރުން
ހަމަމިއާއެކު، ސްވިޓްޒަލެންޑުގެ ރައީސް ގީ ޕާމެލޭންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވިލާތާއި ޗައިނާގެ ވިޔަފާރީގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ގާތުން މަސައްކަތްކުރުމަށް ޝީ ބާރުއެޅުއްވި ކަމަށް ޗައިނާގެ ރަސްމީ ޚަބަރު ފަތުރާ ޝިންހުވާ ނޫސް އޭޖެންސީން ބުންޏެވެ.
ސްވިޓްޒަލެންޑަކީ ވިލާތުގައި ޗައިނާއަށް އޮތް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ޝީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމަކީ އަބަދު ވެސް ވިލާތުގެ އެހެން ޤައުމުތަކާ އޮންނަ ގުޅުމުގެ އެންމެ ކުރީ ސަފުގައި އޮތް ނަމޫނާއެއް ކަމަށެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ ހުޅުވާލެވިފައިވާ ދުނިޔޭގެ އިގުތިސާދަކަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުވާލުމުގެ ސިޔާސަތު ދަމަހައްޓައި، އެންމެންގެ ބައިވެރިވުން ހިމެނޭ އިގުތިސާދީ ކުރިއެރުމަކަށް ސްވިޓްޒަލެންޑާއެކު މަސައްކަތްކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑްކުރުމުގެ ޕްރޮޓޮކޯލެއްގައި ދެ ލީޑަރުންގެ ހާޒިރުގައި ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން، ސައިންޓިފިކް ރިސާޗާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވެސް ދެ ޤައުމުން ވަނީ ސޮއިކޮށްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











