ޔުއެފާ ނޭޝަންސް ލީގު: ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރުވެއްޖެ
25 ސެޕްޓެމްބަރު 2026 | ހުކުރު 03:58މި މެޗު ޚާއްސަވީ ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް އާއި ނެދަލެންޑްސްގެ ކޯޗު ޒަވީ ހެނާާންޑޭޒް އަށް. މިއީ ފީފާ ވޯލްޑް ކަޕަށް ފަހު ކްލޮޕް އާއި ޒަވީ މި ޓީމުތަކާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗު


މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ޖަރުމަނުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނެދަލެންޑްސް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަަހައިދިނީ ފީލިކްސް އެންމެޗާ އެވެ. މި ލަނޑު ޖެހި ވަގުތު ނެދަލެންޑްސްގެ ކުޅުންތެރިޔަކު ދަނޑު މަތީގައި ވެއްޓިފައި އޮތް ކަމަށް ބުނެ ޝަކުވާ ކުރި ނަމަވެސް، އެކަން ބަލައިގެންފައި ނުވެ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތު ލިބިފަ އެވެ. ނެދަލެންޑްސް އިން ލަނޑު ޖަަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީމަށް އެކަން ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ނެދަލެންޑްސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ.
މި މެޗު ޚާއްސަވީ ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް އާއި ނެދަލެންޑްސްގެ ކޯޗު ޒަވީ ހެނާާންޑޭޒް އަށެވެ. މިއީ ފީފާ ވޯލްޑް ކަޕަށް ފަހު ކްލޮޕް އާއި ޒަވީ މި ޓީމުތަކާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ނެދަލެންޑްސް އާއި ޖަރުމަނާ އެކު ދެން ގުރޫޕު ބީގައި އޮތީ ސާބިއާ އާއި ގްރީސް އެވެ.










