މިތާ މިއޮތް ދިވެހި މުސްލިމް އުއްމަތް އެއްކޮށް ވައްޓާލާއިރު އިސްލާމިކް މިނިސްޓަރު ޝަހީމް އަދި އިލްމުވެރިން ކޮބައިތޯ؟: ޖަމީލް
31 އޮކްޓޯބަރު 2026 | ހޮނިހިރު 02:55ރާއްޖޭގައި ޣައިރު މުސްލިމުން ވަޒަންވެރިވުމަށް ރައީސް ޑރ. މުއިއްޒު މަގުފަހިކުރައްވާ ކަމަށް ތުހުމަތުކުރައްވައި، އެކަން ހުއްޓުވުމަށް ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރު ނުކުންނަވަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ. ރާއްޖޭގެ އިސްލާމީ އުއްމަތް ދިފާއުކުރުމަކީ އިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތުކަން ފާހަގަކުރައްވައި، މި މައްސަލައިގައި އިލްމުވެރިން ހަނުތިއްބަވާތީ ޖަމީލް ވަނީ ސުވާލު އުފައްދަވާފައި


ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރާއްޖެއެމްވީ
މި މުޅި ދިވެހިރާއްޖޭގައި އޮތް ދިވެހި މުސްލިމް އުއްމަތް ވައްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާއިރު އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އާއި ގައުމުގަ ތިއްބެވި އިލްމުވެރިން ކޮބައިތޯ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފި އެވެ.
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ރާއްޖެ އަށް އެކި ފަހަރު އެކި ކަހަލަ ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ. ދިވެހީންނަށް މިހާ ހިސާބަށް އާދެވުނީ ވެސް އަދި މިނިވަން ބައެއްގެ ގޮތުގައި މިއަދު މި ގައުމު އޮތީ ވެސް ބަޔަކު ގައުމު ނަގަހައްޓައި، އެ ދިފާއުކުރުމުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމުގައި ޣައިރު މުސްލިމުން ވަޒަންވެރިވުމަށް މަގުފަހިކުރައްވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެކަން ކާމިޔާބުވިޔަ ނުވެސް ދެއްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެއީ މިއަދު ކޮންމެ ދިވެއްސެއްގެ ކޮނޑުގައި ވެސް އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެކަމާ މެދު ސުވާލު ކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
މިނިވަންކަން ބައެއް މީހުންނަށް ހީވަނީ، މިނިވަންވުމަކީ ތިމަންނަ ކަރުގައި ވާފަށެއް ޖަހާފައި ދެ އަތް ފުރަގަހަށް ލާފައި ބަނދެފައި ނެތްހާ ހިނދަކު މިނިވަނުންނޭ އެއްބައި މީހުންނަށް ހީވަނީ. އެހެން ނަމަވެސް މިނިވަންކަން ނެތުން ދެއްތޯ ތިމާ ބޭނުން ވިޔަސް ތިމާ ބޭނުންވާ ވާހަކަ ނުދެއްކުން. އަޅުގަނޑު ހިތަށް އަރާ އެއްޗަކީ ކޮބައިބާއޭ އެއްކަލަ ދީނީ އިލްމުވެރިން. އަސްލު އެންމެ ބޮޑު ޒިންމާއެއް އޮންނާނީ އިލްމުވެރިންގެ ކޮނޑުގައި. އެބޭފުޅުން ދެއްތޯ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމާއި އިސްލާމް ދީން ނޫން އެހެން ދީނެއް ﷲގެ ހަޟްރަތުގައި ގަބޫލުވެގެން ނުވާކަމާއި. މިހުރިހާ ކަމެއް ކީރިތި ގުރުއާންގައި އައިސްފައި އޮތް. މި ދީނުގެ ދިފާއުގައި އަދި ދީން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އޮތް ޒިންމާ އެއްޑރ. މުހައްމަދު ޖަމީލް
މި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް އޮތުން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު ދީނީ އިލްމުވެރިން ކޮބައިތޯ ޖަމީލް ތަކުރާރުކޮށް ސުވާލު އުފެއްދެވި އެވެ. ދީނީ އިލްމުވެރިންނަކީ މަދު ޕަސެންޓެއްގެ މުސްލިމުން ނުވަތަ ޣައިރު މުސްލިމުން އުޅޭ ތަންތަނަށް ގޮސް އެމީހުން އިސްލާމް ދީނަށް ވައްދަން މަސައްކަތް ކުރާ މީހުން ކަމަށާއި އަދި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި މި ދިވެހި ގައުމު އޮތް އޮތުން ހިފަހެއްޓުން އެއީ ބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވެގެން ދާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިއަދު ރައީސް މުއިއްޒު އެ ހައްދަވާ ވަރުގެ ގޯހަށް ވުރެ ބޮޑު ގޯހެއް ވެރިއަކު ނަހައްދަވާނެ ކަމަށެވެ. އަދި މިއަށް ވުރެ ބޮޑު ނުބައި ކަމެއް ވެރިއަކު ކުރާނެތޯ ސުވާލު އުފައްދަވާ ޖަމީލް ވިދާޅުވީ މި މުޅި ދިވެހިރާއްޖޭގައި އޮތް ދިވެހި މުސްލިމް އުއްމަތް ވައްޓާލުމަށް ވެރިއަކު މަސައްކަތް ކުރައްވާއިރު އެކަން ހުއްޓުވުމަކީ އިލްމުވެރިން ކުރައްވަން ޖެހޭނެ ކަމެއް ކަމަށެވެ.











