މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟
28 އޮކްޓޯބަރު 2026 | ބުދަ 13:51ރަސްމާލެ މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށް، އެކަމާ ގުޅޭގޮތުން ސަރުކާރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މި މަޝްރޫއުގައި ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ނެތުމާއި، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ގައުމީ ބޮޑެތި ނިންމުންތައް ނިންމަމުންދާތީ ޑިމޮކްރެޓިކް އުސޫލުތަކާ މެދު ސުވާލު އުފެދޭ


ރަސްމާލެ މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށް، އެކަމާ ގުޅޭގޮތުން ސަރުކާރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި | ރާއްޖެއެމްވީ
މިއަދުގެ ސަރުކާރަކީ ހުރިހާ ދިމާއަކުން ވެސް ތައުރީފާއި ތާއީދު ހޯދުމަށް އިންތިހާއަށް ބޭނުންވާ ސަރުކާރެކެވެ. އެންމެންގެ ރުހުން، އެއީ ކޮންމެ ގޮތަކަށް ވިޔަސް، ކޮންމެ ކަމެއް ކޮށްގެން ވިޔަސް ހޯދަން ބޭނުންވާ ސަރުކާރެކެވެ. މި ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކަށް އެއްވެސް މީހަކު ދެކޮޅުހަދައިފިނަމަ، ބިރުދެއްކުމާއި ބްލެކްމެއިލްކުރުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނަމަވެސް އެ މީހަކު ސަރުކާރުގެ މުށުތެރެއަށް، ބާރުގެ ބޭނުންކޮށްގެންލުމަށް މި ސަރުކާރަށް ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ކޮންމެ ކަމެއްގައި ވެސް ގަދަބާރުން މީހުންގެ ރުހުން ހޯދައި، ނުވަތަ އެ ނުލިބޭނަމަ މީހުންގެ އަނގައިގައި ޓޭޕު އަޅައި، މަލަން އަޅައިގެން ވިޔަސް ސަރުކާރަށް ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާ މަންޒަރު މިއީ އަލަށް ފެންނަ މަންޒަރެއް ނޫނެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި ވަޒީރުން މުލިއާގެއަށް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމަކީ، އެ މަޝްރޫއުއާމެދު ސިޔާސީ މައިދާނުގައި ބޮޑެތި ކަންބޮޑުވުންތަކާއި ޚިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި މިބުނާ ގޮތަށް ރުހުން ހޯދުމަށް، ނުވަތަ އެކަމާ ދެކޮޅު ބައެއްގެ އަޑު ކަނޑުވާލުމަށް ބޭއްވި ބައްދަލުވުމެއްގެ ގޮތުގައި ސިފަވެ އެވެ. މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ ވަކިވަކި މެންބަރުންނާ ބައްދަލުކުރައްވައި، ރަސްމާލެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރުމަށް ނުވަތަ ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް އަމަލުކުރުމަށް އިންޒާރުދެއްވާފަ އެވެ.
މި މަހުގެ 27 ވަނަ ދުވަހު އިސްރާއީލުގެ ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން މުލިއާގެއަށް ގެންގޮސްފައިވާއިރު މި ބައްދަލުވުމަށްފަހު މީޑިއާ އިން ސުވާލުކުރުމުން ގިނަ މެންބަރުން އެއްވެސް ޖަވާބެއް ނުދެއްވާ، ސުވާލުތަކަށް ފިއްލެވި އެވެ. ގައުމުގެ ބޮޑު މަސްލަހަތެއް އޮތް މިފަދަ ގައުމީ ބޮޑު މަޝްރޫއެއްގެ އެއްބަސްވުންތައް އެހާމެ ފާޅުކަންކޮށް، ދެފުށް ފެންނަ ގޮތަށް ހާމަކުރަންޖެހޭއިރު، މެންބަރުން އެކަމާ ބެހޭގޮތުން ބަހެއް ނުބުނެ ހިމޭނުން ތިބުމުން ދޭހަވަނީ މިކަމުގައި އާންމުންނަށް ސިއްރުކުރާ އެތައް ކަމެއް ވާކަމެވެ. ނުވަތަ ކޮންމެވެސް ކަހަލަ މަޖުބޫރީ ކަމެއް އޮވެގެން އެބޭފުޅުންނަށް އެއްޗެއް ވިދާޅުނުވެވުނީ އެވެ.
މި އެއްބަސްވުމަކީ ގައުމަށް އެހާ ފައިދާހުރި، ރަނގަޅު އެއްޗެއް ކަމުގައިވާނަމަ، އެކަމާ ފަޚުރުވެރިވެ މީޑީއާގެ ކުރިމަތީގައި އެ ވާހަކަތައް ފާޅުކޮށް މެންބަރުން ވިދާޅުނުވާންވީ ސަބަބެއް ވެސް އޮންނާނެތާ އެވެ. ނަމަވެސް އެއްވެސް ޒިންމާދާރު ޖަވާބެއް ނުދީ ނޫސްވެރިންގެ ސުވާލުތަކަށް ބީރު ކަންފަތެއް ދިނުމަކީ، މިކަމުގައި ސަރުކާރާއި މެންބަރުންގެ މެދުގައި ފޮރުވިފައިވާ މަސްލަހަތުތަކެއް ހުރިކަމުގެ ހެއްކެކެވެ. މި މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބިމުން ބޮޑު ބައެއް ދޫކޮށްލާއިރު، މިކަމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ. އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ފަދަ އިސް ބޭފުޅުން ވިދާޅުވަމުންދަނީ މިކަމުގައި އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުވަތަ ރެފަރެންޑަމަކަށް ދާންޖެހޭ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށާއި، މަޖިލިސް މެންބަރުންގެ ހިޔާލަކީ ރައްޔިތުންގެ ހިޔާލު ކަމަށެވެ. މެންބަރު ފަލާހު އަށް އެކަމުގެ ހަގީގަތްތައް އެނގިވަޑައިގަތަސް، ރައްޔިތުންނަށް އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ސާފެއް ނޫނެވެ. އެހެން ވީމާ، މެންބަރު ފަލާހުގެ ޚިޔާލާއި ރައްޔިތުންގެ ޚިޔާލާ އެއްގޮތް ވާނީ ވެސް ކިހިނެއްތޯ އެވެ.
މެންބަރު ފަލާހު ވިދާޅުވި ވާހަކަތަކުން ދޭހަވަނީ ރައްޔިތުންނަށް މި އެއްބަސްވުމުގައިވާ ކަންކަން އެނގިފައިވާ ކަމަށޭ ފަލާހު ވިދާޅުވި އިރު މުލިއާގޭގައި ރައީސް މުއިއްޒުއާ ބައްދަލުކުރައްވާ ނުކުމެވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވަނީ އިސްރާއީލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ހުރި ކަންކަން ދިވެހި ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް އަދި ވުޖޫދުގައި ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއްކޮޅުން ފަލާހު ވިދާޅުވަނީ މިކަން ރައްޔިތުންނަށް ފަހުމުވާ ކަމަށެވެ. އަނެއްކޮޅުން ފަޒީލް އެ ވިދާޅުވީ މިއީ ރައްޔިތުންނަށް އެނގެން ނުވެސް ޖެހޭ ކަންކަން ކަމަށެވެ. މީހަކު އަޖައިބު ވެދާނެ އެވެ.
ކޮންމެއަކަސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ހުށަހެޅުނު ގަރާރުތައް ސަރުކާރުގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފައިވުމަކީ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ކަންކަން ސިއްރުކުރުމަށް ކުރެވޭ މަސައްކަތެއްކަން ސާފުކޮށްދޭ ކަމެކެވެ. މިފަދަ ނިންމުންތަކާ މެދު ސަރުކާރުގެ މަޖިލިސް މެންބަރުން ހިމޭންވުމާއި، މީޑިއާގެ ސުވާލުތަކަށް ޖަވާބުދޭން ނުކެރުމަކީ މި ބޭފުޅުންނަށް ރައްޔިތުންގެ ކުރާ އިތުބާރު ގެއްލޭ ކަންކަމެވެ. ގައުމީ މިފަދަ ބޮޑެތި ނިންމުންތައް ނިންމައި ބޭރުގެ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުންތަކުގެ ތަފްސީލުތައް ހާމަކުރުމުގެ ބަދަލުގައި، ސަރުކާރުން އަންގާގޮތަކަށް މެންބަރުން އަމަލުކޮށް، އާދެ ލައްބަ ކިޔާ މަންޒަރު ފެނުމަކީ ރައްޔިތުންނަށް ލިބޭ ނުތަނަވަސްކަމެކެވެ.
ރާއްޖޭގެ މުސްތަގުބަލަށާއި އިގުތިސާދަށް ފުން އަސަރުތަކެއް ކުރުވާނެ ބޮޑެތި އެއްބަސްވުންތަކުގައި ސޮއިކުރާ ކުރުމަކީ، އާންމު ރައްޔިތުންގެ ބައިވެރިވުމެއް ނެތި ސިއްރިޔާތުގައި ހިންގޭ ކަންކަމަށް ވާތީ އެކަމާމެދު އުފެދޭ ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ސަރުކާރުން މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގާއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަށީގެންވާ ފުރުސަތުތަކާއި ބަހުސް ކުރުމަށް ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ޑިމޮކްރެޓިކް ހަމަތަކާ މުޅިން ޚިލާފު ކަމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގާނޫނަކުން މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ނަގާލުމެވެ. އެއަށްފަހު މިހާރު މެންބަރުން ބައްދަލުވުންތަކަށް ވައްދައިގެން ވަކިވަކިން ނަސޭހަތްތެރިވެގެން ނުވަތަ އިންޒާރުދީގެން ޚިޔާލު ބަދަލުކުރުވަން އުޅޭ މަންޒަރު ފެންނަމުން ދިޔުމަކީ މިއީ ކޮންމެ ކަމެއް ވެސް ގަދަބާރު ކުރުވަން އުޅޭ ސަރުކާރެއް ކަމެވެ.









