ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން ގައުމަށް ލިބެނީ ބޮޑު ގެއްލުމެއް: މާރިޔާ
29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:01ރައީސް މުއިއްޒު ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށާއި އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައި. ސައުދީ އަރަބިއްޔާ އާއި އިންޑިއާ ފަދަ ގައުމުތަކާ އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަކުރައްވައި، ރައީސްގެ ވިސްނުންތެރިކަން ކުޑަ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވަމުންދާ ކަމަށް މާރިޔާ ތުހުމަތުކުރެއްވި


ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގަންނަވަނީ ރާއްޖެއަށް އަގުނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެއްވާފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒު ކޮންމެ ފަހަރަކު ގައުމުން ބޭރަށް ވަޑައިގަތުމުން ރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް އެމަނިކުފާނު ރަށު ބަންދެއްގައި ބަހައްޓަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު އެބަ މަޖިލީހަށް ހާޒިރުކޮށް ވާނުވާ ރަށު ބަންދަށް ޖަހާފައި އެބަ ބަހައްޓަންޖެހޭ. އެ ކީއްވެކަން އެނގިވަޑައިގަންނަވާތޯ؟ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ވަޑައިގެންފައި އެ ކަމަށް ވާބުވެއްޖެއްޔާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވިއްޔާ އަނބުރާ ވަޑައިގަންނަވާއިރު މި ރާއްޖެއަށް އަގު ނުކުރެވޭ ފަދަ ގެއްލުން ދެއްވާފައި ވަޑައިގަންނަވަނީމާރިޔާ އަހުމަދު ދީދީ
ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، އެމަނިކުފާނު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އައި ސައުދީ އަރަބިއްޔާގެ ނުރުހުން އަމާޒުވި ކަމަށެވެ.
މީގެއިތުރުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން، ވެލާނާ އެއާޕޯޓްގެ ޓާމިނަލްގައި ހުންނަވައިގެން އަވަށްޓެރި އިންޑިއާއަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައި، އޭގެ ދަތިތަކާއި ގެއްލުން އާއްމު ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށާއި ލިތުއޭނިއާ ދަތުރުފުޅަށް ވެސް މާރިޔާ ވަނީ ފާޑުވިދާޅުވެފަ އެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ރަޝިޔާއާއި ޗައިނާ އޮންނައިރު އެ މަޖިލީހުގައި ޑިމޮކްރަސީ ނެތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަކީ ޚާރިޖީ ގޮތުން ވިސްނުންތެރިކަން ކުޑަ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ރަޝިޔާ ކަމަށްވާއިރު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ވަކިކޮޅެއް ނުނަގައި އިގްތިސާދަށް އިސްކަންދިނުމުގެ ސިޔާސަތު ދޫކޮށްލައްވައި ޔޫކްރޭނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމަކީ ވެސް ގައުމުގެ އިގްތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.











