ރައީސް އަޒުލުކުރުމުގެ ބާރު މަޖިލީހަށް އޮތްއިރު، ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަންޖެހޭ: އަލީ ހުސެއިން
27 އޮކްޓޯބަރު 2026 | އަންގާރަ 15:44ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ގޮވާލައްވާފައި. މިކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށާއި ޖީލުތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކުރައްވަމުން، ރައްޔިތުންގެ ބިންތައް ހިމާޔަތްކުރުމަށް ސަލާމަތީ ބާރުތަކުން ރައީސަށް ދެންނެވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި


އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ދުސްތޫރީ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތްއިރު، ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަންކަމުގައި ޖީލުތަކުގެ އަދުލުވެރިކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަންޖެހޭ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސެއިން ވަނީ ރަސްމާލެގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް ދޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، ރާއްޖޭގެ އެންމެ މުހިންމު ތިން މުއައްސަސާއަށް ޚާއްސަ އިލްތިމާސްއެއް ކުރައްވާފަ އެވެ.
އެގޮތުން ފުރަތަމަ ފަރާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އަލިއަޅުއްވާލައްވައި އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ (އަޒުލުކުރުމުގެ) ގާނޫނީ އަދި ދުސްތޫރީ ބާރު އޮތް ބައެއްކަން މަޖިލީހަށް އެނގެންޖެހޭ ކަމަށެވެ. އަދި ސަރުކާރު މަސްއޫލުވެރިކޮށް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތީ މެންބަރުންގެ ކިބައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ތި ބޭފުޅުން ރައީސް މުއިއްޒަށް ދަންނަވާށޭ، މިކަން ހުއްޓަވާލައްވާށޭ، މިކަން މަޑުޖައްސަވާލައްވާށޭ، އަދި ރައްޔިތުންގެ ވޯޓަކަށް ވަޑައިގަންނަވާށޭއަލީ ހުސެއިން
ދެވަނަ ފަރާތެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސްކުރައްވައި އަލީ ހުސައިން ވިދާޅުވީ، ސުޕްރީމް ކޯޓުން ހަމައެކަނި ބަލަންޖެހެނީ ހުށަހެޅޭ މައްސަލަތަކުގެ އަދުލުވެރިކަން އެކަނި ނޫން ކަމަށާއި، ޖީލުތަކުގެ އަދުލުވެރިކަމަށް (އިންޓަޖެނެރޭޝަނަލް ޖަސްޓިސް) ވެސް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.
ދަރިންގެ މުސްތަގުބަލާއި ގައުމުގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ކަންކަން ކުރިމަތިވާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް މިވަރުގެ ކަންކަން ނުކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ރައީސް މުއިއްޒު އަށް ދަންނަވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއްކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ބިމުގެ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ ގާތުގައި ނާހައި މި ބިން ވިއްކާލުމުގެ އެއްވެސް ހައްގެއް ރައީސް މުއިއްޒު އަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ވެސް ނޯންނާނެ ކަމަށް ރައީސަށް ދެންނެވުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ އެވެ.











