ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ
14 އޯގަސްޓު 2026 | ހުކުރު 08:38އިސްލާމީ ޝަރީއަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެކަލޭގެފާނުގެ ނަމޫނާގައި ހިފުމަކީ ކޮންމެ މުސްލިމަކަށް ލާޒިމު ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައި. ނަމާދާއި ޒަކާތް ފަދަ އަޅުކަންތަކުގެ ތަފްސީލު އެނގެން އޮތީ ސުންނަތުން ކަމަށްވާތީ، ހަމައެކަނި ގުރްއާނަށް ބަލައިގެން އުޅެވޭނެ ކަމަށް ދެކުމަކީ ބޮޑު އޮޅުމެއްކަން ޚުތުބާގައި ފާހަގަކޮށްފައިވޭ. އެހެންކަމުން ސުންނަތާއި ގުރްއާނަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ބަޔާންކޮށް، ސުންނަތަށް ފުރިހަމައަށް ތަބާވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި.


ކ. ދިއްފުށީގައި އީދު ނަމާދު ކުރުމަށް ބޮޑު ޖަމާއަތަށް ދަނީ. ފައިލް ފޮޓޯ | ރާއްޖެއެމްވީ
އިސްލާމީ ޝަރީއަތުގެ އަސާސަކީ ކީރިތި ގުރްއާނާއި މާތް ނަބިއްޔާ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ނުލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ގުރްއާންވީ ފަދައިން، ދެވަނަ މަޞްދަރަކީ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ކަމަށެވެ. އަދި ޚުތުބާގައި ބުނީ މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންވުމަށް ގުރްއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވާފައިވާ ކަމަށެވެ.
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އެންމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮތުމާއި، ހަމައެކަނި ގުރްއާނަށް ބަލައިގެން އުޅެވޭނެ ކަމަށް ދެކޭ ދެކުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެ އެވެ.
އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫއަނުވެ، ހަމައެކަނި ގުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަން ހާމަކުރައްވަމުން، ނަމާދާއި ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތް ފަދަ ތަފްސީލުތައް އެނގެނީ ރަސޫލާގެ ސުންނަތުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައީ: "އަދި ތިޔަބައިމީހުން اللهއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ!" ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ ވަނީ އަންގަވައިފަ އެވެ.ހުކުރު ޚުތުބާ
ގުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން ފަދަ ވަކިނުކުރެވޭނެ ގުޅުމެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ޞަޙާބީންގެ ރިވާޔަތްތަކުން ދަލީލުތައް ނަގާފަ އެވެ.
އެގޮތުން عِمْرَان بْنُ حُصَيْن رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވާ ހާދިސާއަކަށް އަލިއަޅުވާލައި، ނަމާދުގެ ރަކުއަތްތަކުގެ އަދަދާއި، ޒަކާތުގެ މިންވަރުތަކާއި، ހައްޖުގެ އަޅުކަމުގެ ތަފްސީލުތައް އެނގެން އޮތީ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދަސްކޮށްދެއްވި ސުންނަތުންކަން ބަޔާން ކޮށްފައިވެ އެވެ.






