އެމްއޭސީއެލް މުވައްޒަފުން ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރާ މައްސަލައިގައި ގުޅުމުން އެއާޕޯޓު ބިޒީ ގަޑިއެއްކަމަށް ބުނެ ފޯނު ކަނޑާލައިފި
17 ނޮވެމްބަރު 2026 | އަންގާރަ 07:19ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ކުންފުނިތަކުގެ މުވައްޒަފުން ވަކި އަދަދަކަށް ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. މިގޮތުން ފޯމު ފުރުމަށްފަހު އެޗްއާރު ޑިޕާޓްމަންޓުތަކަށް ސްކްރީންޝޮޓް ފޮނުވަން މަޖުބޫރުކުރާ މައްސަލައިގައި އެމްއޭސީއެލްއާ ސުވާލުކުރުމުން، އެ ކުންފުނިން ވަނީ ސީދާ ޖަވާބެއް ދިނުމަށް އުޒުރުވެރިވެފައި

އެމްއޭސީއެލް މުވައްޒަފުން ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރާ މައްސަލައިގައި ގުޅާލުމުން އެއާޕޯޓު ބިޒީ ގަޑިއެއްކަމަށް ބުނެ ފޯނު ކަނޑާލައިފި | ރާއްޖެ ޓީވީ
ސަރުކާރަށް ތިން އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޮޑެތި މަޖުބޫރުކުރުންތަކެއް ކުރިމަތިކުރުވަމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، އެކަމާ ގުޅޭގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބު ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އުޒުރުވެރިވެއްޖެ އެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ އާންމު މުވައްޒަފުންނަށް އަމާޒުކޮށް މި ހަރަކާތް ކުރިއަށްގެންދަނީ ވަޒީފާގެ ބިރުދައްކައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ކޮންމެ ބޭފުޅަކު ވެސް ވަކި އަދަދަކަށް މެންބަރޝިޕް ފޯމު ހަމަކުރުމަށްފަހު ޕާޓީއަށް ހުށަހަޅަން ވަނީ އަންގާފަ އެވެ.
މީގެ އިތުރުން، ސަރުކާރުގެ އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާ ދަމަހައްޓަން ބޭނުންވާ މީހުން ޕީއެންސީއަށް ވަނުމަށް މަޖުބޫރުކުރަމުންދާކަމަށް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ބުނަމުންނެވެ.
މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ، ޕާޓީއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމަށްފަހު، އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފޯމުގެ ނުވަތަ ޕޯޓަލްގެ ސްކްރީންޝޮޓް ފޮނުވުމަށް ކުންފުނިތަކުގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓުތަކުން އަންގަމުންދާ ކަމެވެ. މިގޮތަށް ފޮނުވާފައިވާ ބައެއް ސްކްރީންޝޮޓްތަކާއި މެސެޖުތައް މިހާރު ވަނީ ރާއްޖެޓީވީއަށް ވެސް ލިބިފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައިވެސް މިފަދަ ކަންތައްތަކެއް ހިނގަމުންދާކަމުގެ މައުލޫމާތު އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހިއްސާކޮށްފަ އެވެ. އެ މުވައްޒަފުން ބުނާ ގޮތުގައި، ވަޒީފާގެ ކުރިއެރުމާއި ވަޒީފާގެ ރައްކާތެރިކަން އޮތީ ވެރިކަން ކުރާ ޕާޓީއަށް ސޮއިކޮށްގެންނެވެ.
މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުން އަންގާރަ ދުވަހު އެމްއޭސީއެލްއަށް ގުޅުމުން، އެ ކުންފުނިން އެކަން ސީދާ ދޮގުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ، މި ދުވަސްވަރަކީ ތަފާތު އެކި ކަހަލަ ވާހަކަތައް ފެތުރޭނެ ދުވަސްވަރެއް ކަމަށެވެ. އަދި އެއާޕޯޓު ބިޒީ ވަގުތެއް ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދީ ވަނީ ފޯނު ކޯލު ކުރުކޮށްލާފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ވަކި ޕާޓީއަކަށް ވަނުމަށް މަޖުބޫރުކުރުމަކީ މީގެ ކުރިން ވެސް ސަރުކާރާ ގުޅުވައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމެކެވެ.











