އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް
29 އޮކްޓޯބަރު 2026 | ބުރާސްފަތި 14:36ރަސްމާލޭގައި ހިންގާ މަޝްރޫއުގެ މައުލޫމާތު ސަރުކާރުން ސިއްރުކުރާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިޖުތިމާޢީ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށްފި. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިޢާދަނުކުރެވޭ ފަދަ މާލީ އަދި އިޖުތިމާއީ ގެއްލުންތަކެއް ލިބިދާނެތީ، ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މިކަން ކުރިއަށް ނުގެންދިއުމަށް ވަނީ ގޮވާލާފައި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ސޯޝަލް މީޑިއާ
އީގަލް ހިލްސް ކުންފުނީގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާ ކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފައިސަލްގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް އެ މަޝްރޫއުގައި ހިމެނޭ އެންމެހާ ކަންކަން ހާމަކުރުމުގެ ބަދަލުގައި، ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް އޮތް ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަމުގައި ކަންތައްތަކެއް ފޮރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި މި ކަންކަން ސާފުކުރުމަށްޓަކައި އެކި ގޮތްގޮތުން އިދިކޮޅު ފަރާތްތަކުންނާއި މިނިވަން ނޫސްވެރިން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ސަރުކާރާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން މިކަމުގައި އެހީތެރިވެ ސަރުކާރަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ މިކަމުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށާއި މިއީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދީނީ އެއްބައިވަންތަކަމާއި އިޖްތިމާއީ ހަމަޖެހުން ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.
މީގެއިތުރުން މި މަޝްރޫއާ ގުޅިގެން ސަރުކާރުން އަމަލުކުރާ ގޮތާމެދު ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އެބައޮތް ކަމަށާއި މިފަދަ ގޮތަކަށް މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، އިއާދަނުކުރެވޭނެ ވަރުގެ ބޮޑު މާލީ އަދި އިޖްތިމާއީ ގެއްލުމަކާ ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތްކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ދިވެހިންގެ ދީނީ އެއްބައެއްވަންތަކަމާއި ޒަމާންވީ މިނިވަންކަމާ އަދި އިސްތިޤްލާލަށް ނުރައްކާ ވުމަކީ ނުހަނު ގާތުގައި އޮތް ކަމުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، މިފަދަ ނުރައްކާތެރިކަން ބޮޑު މަޝްރޫއެއް ރައްޔިތުންގެ ވިސްނުމާ އިދިކޮޅަށް ކުރިއަށް ގެންދިޔުމަކީ ދެކޮޅު ހަދާ ކަމެއް ކަމަށް ފައިސަލް އަދި އާޒިމް ނެރުއްވާފައިވާ ނޫސްބަޔާނުގައިވެ އެވެ.











