އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026 | ބުދަ 10:35ރަސްމާލެ މަޝްރޫއަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ތިން ބާރާއި މީޑިއާތައް ސަރުކާރުން ގަނެލާފައިވާ ކަމަށް މެންބަރު މީކާއިލް ނަސީމް ތުހުމަތު ކުރައްވައިފި. މި މަޝްރޫއާ ދެކޮޅަށް ބަސްނުބުނާ މެންބަރުންނަށް އިންތިޚާބުގައި ރަނގަޅު ފިލާވަޅެއް ދިނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައި


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރުގެ މުސާރައާއި ވަޒީރުންގެ މުސާރަ އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒު ފޯރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މީކާއިލް ވަނީ ދައުލަތުގެ ތިންބާރުގެ ވެރިން ރަސްމާލެ މަޝްރޫއާ ދެކޮޅުވެދާނެތީ ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި "އީގަލް ހިލްސް" އައުޓް ކިޔާފާނެތީ ތިން ބާރުގެ ވެރިން ގަނެލަނީ ކަމަށް ވެސް މެންބަރު މީކާއިލް ތުހުމަތުކުރެއްވި އެވެ.
ހަމައެއާއެކު 4 ވަނަ ބާރު ކަމުގައިވާ މީޑިއާގެ ވެސް ގިނަ ބަޔަކާ އެކު މުޅި ދިވެހި ދައުލަތް ގަނެލަނީ ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ.
ތިން ބާރުގެ ވެރިން ގަނެލަނީ އިއްޒަތްތެރި ރައީސް ޖީބުގެ ތެރެއަށް ޖީބުގެ އެންމެ އަޑިއަށް ރައްޔިތުންގެ މަޖިލީހުގެ ވެރިޔާ އުއްތަމަ ފަނޑިޔާރު އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ ތިން ބާރު އެކީ އެކައްޗަކަށް މިއޮށްގެން ކަހާލަނީ އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ ހަތަރު ވަނަ ބާރުކަމަށް އަޅުގަނޑުމެން ބުނާ މީޑިއާ މީޑިއާގެ ދެބައި ކުޅަ އެއްބައި ޖާނަލިސްޓުން މިވަގުތު ތިބީ ޑުބާއީގައި. ފައިވް ސްޓާރ ހޮޓަލުގައި އިއްޒަތްތެރި ރައީސް ކީބޯޑްތައް ދީފާ ލެޕްޓޮޕްތައް ދީފައި މި މަޝްރޫއުގެ ރަނގަޅު ވާހަކަ މިނޫން މަޝްރޫއުއެއް ދިވެހިރާއްޖެއަށް ބޭނުން ނުވާ ކަމަށް ބުނެ ހެޑްލައިންތައް ޖައްސަވަން އިއްޒަތްތެރި ރައީސް މުޅި ދިވެހި ދައުލަތް ގަނެލަނީމީކާއިލް އަހުމަދު ނަސީމް
މީކާއިލް ވިދާޅުވީ ދިވެހި ދައުލަތް ބޭރުގެ މަހުޖަނެއްގެ މުށުތެރެއަށް ވިއްކާލަނީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ބޭނުންކޮށްގެން ކަމަށެވެ.
މިކަމަކީ ސިޔާސީ ޕާޓީއަކާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި މިކަމާއި ދެކޮޅަށް ބަސް ނުބުނާ މީހުން ދެން ރައްޔިތުންގެ ކުރިމައްޗަށް ގޮސްގެން ނުވާނެ ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ. އަދި މެންބަރު މީކާއިލް ވަނީ މި މަޝްރޫއާ ދެކޮޅަށް ބަސް ނުބުނާ މެންބަރުންނަށް ރަނގަޅު ފިލާވަޅެއް ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.











