ރަސްމާލޭގެ މައްސަލައިގައި ރިފަރެންޑަމަކަށް ގޮވާލައި އަންނަ މަހު 6 ގައި ބޮޑު އެއްވުމެއް ބާއްވަނީ!
27 އޮކްޓޯބަރު 2026 | އަންގާރަ 13:56ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައި. މި ހަރަކާތަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ގޮވާލެއްވި


ރަސްމާލެގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ އަންގާރަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރިފަރެންޑަމަކަށް ތާއީދުކުރާ ރައްޔިތުންގެ ބައިވެރިވުން ހާމަކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ތަރުތީބުވެގެން މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ނޮވެމްބަރު 6 ވަނަ ދުވަހަކީ އެ އެންމެން އެކުވެގެން ބޮޑު އެއްވުމެއް ބާއްވާނެ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަންނަ ނޮވެންބަރު މަހުގެ 6 ވަނަ ދުވަސް އެއީ ރިފަރެންޑަމަކަށް ތާއީދުކުރާ ރައްޔިތުން އެ ތާއީދުކުރާކަން ހާމަކޮށްދިނުމަށްޓަކައި އެންމެން އެކުވެގެން ބާއްވާ ބޮޑު އެއްވުމެއް ބާއްވާ ދުވަސް. އެހެންވީމާ، ނޮވެންބަރު ހައެއް އަށް ދިވެހި ހުރިހާ ރައްޔިތުން ރިފަރެންޑަމަކަށް ގޮވާލައި، ރެފަރެންޑަމަކަށް ތާއީދުކުރުމަށްޓަކައި އަޅުގަނޑުމެންނާ އެކުގައި އެންމެން ބޮޑު އެއްވުމެއްގައި ބައިވެރިވެވަޑައިގެންދެއްވާޝެއިޚް އިމްރާން އަބްދުﷲ
މީގެއިތުރުން އިމްރާން ވިދާޅުވީ މިއީ ގައުމު ދިފާއުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ހަރަކާތުގައި އަންހެނުންނާއި ޒުވާނުންނާއި ހަރުމީހުންގެ އިތުރުން ދިފާއީ ބާރުތަކުން ވެސް ރައްޔިތުންނާ އެކު ތިބެންޖެހޭ ކަމަށެވެ. އަދި އަތޮޅުތަކާއި މާލޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ލިބި، ރިފަރެންޑަމްގެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭރުގެ ބާރުތަކުން ގައުމުތަކަށް ނުފޫޒު ފޯރުވާ ގޮތްތަކަށް އަލިއަޅުއްވާލައްވައި ޝެއިޚް އިމްރާން ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ގައުމެއްގެ ތެރެއަށް ވަންނައިރު އެންމެ ފުރަތަމަ ވެސް ސިޔާސީ ވެރިންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން ނުފޫޒުގަދަ ގްރޫޕުތަކަށް ހަދިޔާ އާއި ރިޝްވަތު ދީގެން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ރާއްޖެއިން ވެސް މިފަދަ ކަންކަން ފެންނަމުންދާ ކަމަށް ވިދާޅުވެ، އެފަދަ އަމަލުތަކުން ދުރުހެލިވެ ގައުމުގެ ހައްގުގައި ރައްޔިތުންނާ އެކު ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ.











