ރަސްމާލެ ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން، އެކަމަކު އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ސޯލިހު
29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:31ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ހިލޭ ދިނުމަކީ ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ނެތް ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން މުސްތަޤުބަލުގައި ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ، ދައުލަތުގެ މަސްލަހަތަށްޓަކައި މި މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައި


ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު | ރާއްޖެ އެމްވީ
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ނެތް، ހަމައެކަނި ބޭރުގެ ކުންފުންޏަކަށް އިންތިހާއަށް ފައިދާވާ ގޮތަށް ރޭވިފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ވިޔަފާރި މުއާމަލާތެއްގައި ވެސް މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ހިލޭ، އަދި ދާއިމީކޮށް ދިނުމުގައި އެފަދަ އެއްވެސް ހަމައެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ކަމަށެވެ. އެހާ ބޮޑު ހޭދައެއް ދައުލަތުން ކުރާއިރު، އެ ބިން އީގަލް ހިލްސްއަށް ދެނީ މުޅިން ހިލޭ ކަމަށާއި، މީގެ ސަބަބުން ދައުލަތަށް ލިބޭ އެއްވެސް މާލީ ފައިދާއެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އީގަލް ހިލްސް ކުންފުނިން އެ ބިމުގައި އަޅާނެ ކަމަށް ބުނާ 5,000 ހައުސިންގ ޔުނިޓަކީ ވެސް ދިވެހި ސަރުކާރުން އަގުދީފައި ގަންނަންޖެހޭ ތަންތަން ކަމަށް ރައީސް ސޯލިހު ހާމަކުރެއްވި އެވެ. އެހެންކަމުން މި މުއާމަލާތުގެ ސަބަބުން އިންތިހާއަށް ފައިދާވަނީ ހަމައެކަނި އެ ކުންފުންޏަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެކަން ފެނިވަޑައިގަންނަ ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތުގެ މަސްލަހަތަށްޓަކައި މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.











